ހަބަރު

އެންއައިސީގެ ރައީސަކަށް ގާސިމް

Oct 28, 2020

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ރައީސްގެ މަގާމަށް ގާސިމް އަބްދުލް ކަރީމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފި އެވެ.

އެންއައިސީގެ މެންބަރުކަމުގެ މަގާމަށް މިދިއަ ހޯމަ ދުވަހު އައްޔަން ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ފާސް ކުރެއްވި ހަތަރު ބޭފުޅުންގެ ތެރޭގައި ގާސިމް ހިމެނެ އެވެ.

ގާސިމްގެ އިތުރުން މަގާމަށް އައްޔަން ކުރެއްވި އަނެއް ތިން ބޭފުޅުންނަކީ، މ. ޕިސްތާގޭ އާމިނަތު ޝާދިޔާ އާއި ގ. ދޫރެސްވިލާ، އާޝިޔަތު ޝިއުނާ އާއި، ދަފްތަރު. ނަންބަރު ރސ 1188، ޝުއައިބު އަބްދުއްރަހްމާނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެންއައިސީގެ ރައީސްކަމަށް ގާސިމް އައްޔަނު ކުރައްވާފައިވާކަން ރައީސް ސޯލިހު މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ.

ގާސިމަކީ އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވައިލި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރެވެ. ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، އަށް އަހަރާއި 12 މަހަށް ގާސިމް ވަނީ ޖަލަށް ލައިފަ އެވެ. ހުކުމް ތަންފީޒު ކުރުމަށް ފަހު، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މި ހަތަރު ބޭފުޅުންނާއެކު އެންއައިސީގައި ދެން ހުންނެވީ ދާދިފަހުން އެ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރެއްވި އަހްމަދު ޖިހާދެވެ.