އެންއައިސީ

އެންއައިސީގެ މެންބަރުކަމަށް ހުޅުވާލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ ތިން މެންބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެންއައިސީގެ ނާއިބް ރައީސް ހައްސާން ހަމީދާއި މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 19 ފެށިގެން 21 ގެ ނިޔަލަށް ކޮންމެދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ކަމަށެވެ.

އެންއައިސީން ތިން ބޭފުޅަކު އިސްތިއުފާދީފައިވާއިރު އެ ކޮމިޝަންގެ ގެ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެ ކޮމެޓީން އެ ނިންމުން ނިންމީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.

އެންއައިސީ މެންބަރުންގެ މައްސަލަ ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނެގި އެވެ. ސަބް ކޮމިޓީއާ ހަވާލު ކޮށްފައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލާގަ އާއި ބަޔަކަށް އަނިޔާކުރި ފުލުހުންތަކެއްގެ ދިފާއުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ކުރި ފުލުހުންގެ މައްސަލަތަކުގައި އެންއައިސީން އަމަލުކުރި ގޮތް ބަލާށެވެ.

ސަބް ކޮމިޓީގެ މަސައްކަތް ނިންމައި އެކުލަވާލި ރިޕޯޓުގައިވާ ގޮތުން، އެންއައިސީގެ ހަތަރު މެންބަރަކު އެކަށީގެންވާ ގޮތަކަށް މަގާމުގެ މަސްއޫލިއްޔަތު އަދައެއް ނުކުރެ އެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ކޮމިޝަންގެ ނައިބު ރައީސް ހައްސާން ހަމީދު އާއި، މެންބަރު އަހުމަދު އަމީން އާއި، މެންބަރު ހަދީޖާ އަބްދުﷲ އެވެ.

އެންއައިސީގެ ވަކިނުކުރަން ކޮމެޓީން އޭރު ނިންމީ މެންބަރު އަހުމަދު ޖިހާދު އެކަންޏެވެ. މެންބަރު ޖިހާދަކީ މި ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކުރި މެންބަރެކެވެ. ވަކި ކުރަން ނިންމި ހަތަރު މެންބަރުންނަކީ ކުރީ ސަރުކާރުގެ ދުވަސްވަރު އެ ކޮމިޝަނަށް އައްޔަން ކުރި މެންބަރުންނެވެ.