ހަބަރު

އެންއައިސީއަށް އައްޔަނުކުރަން ފޮނުވީ ގާސިމްގެ ނަން

Oct 5, 2020
2

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސް ވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރަން އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވައިލި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމްގެ ނަން އެންމެ ކުރިއަށް ލައްވައި ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފި އެވެ.

ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، އަށް އަހަރާއި 12 މަހަށް ގާސިމް ވަނީ ޖަލަށް ލައިފަ އެވެ.

ހުކުމް ތަންފީޒު ކުރުމަށް ފަހު، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މަޖިލީހަށް ފޮނުއްވި ސިޓީގައި ރައީސް ވިދާޅުވެފައި ވަނީ، ހުސްވެފައިވާ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން
ޅ. ނައިފަރު، ނިކަގަސްދޮށުގޭ ގާސިމް އަބްދުލްކަރީމް އެ މަގާމަށް އައްޔަނު ކުރުމަށް ފޮނުވާ ކަމަށެވެ.އެ ސިޓީއާއެކު ރައީސް ވަނީ އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި އެހެން ފަރާތްތަކުގެ ނަންތައް ވެސް މަޖިލީހަށް ފޮޮނުއްވާފަ އެވެ.

އެ ނަންތައް ދިރާސާކުރަން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުއްވައިފަ އެވެ.

ސަރުކާރުގައި ހިނގާ ކޮރަޕްޝަންތައް ހާމަކުރާ މީހުންނަށް ރައްކާތެރިކަން ދިނުމާ ބެހޭ ބިލް ނުވަތަ ވިސްލްބްލޯގެ ބިލެއް ސަރުކާރުން ވަނީ މިދިއަ އަހަރު ވުޖޫދުކޮށްފަ އެވެ.