ހަބަރު

މީހަކަށް އަނިޔާކުރުމަށްފަހު ފުލުހުން އިހުތިޖާޖު ކުރި މައްސަލަ އަލުން ބަލަން އެދެނީ

މިދިއަ އަހަރު މާފަންނު ގެއެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކުރަން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހަކަށް އަނިޔާކުރި ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ހަތް ފުލުހަކަށް ފިޔަވަޅު އަޅަން ނިންމުމުން، އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ފޭސްބުކް ޕްރޮފައިލް ފޮޓޯ ކަޅުކުލައަށް ބަދަލުކުރި މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ނިންމައިފި އެވެ.

މިދިއަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، މ. އުޖާލާގެ ތެރެއަށް ފުލުހުން ވަދެ މީހަކަށް އަނިޔާ ކުރިކަން އެނގުނީ އަނިޔާކުރާ ވީޑިއޯ އާންމުވެ ދައުރުވާން ފެށުމުންނެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން އާދައިގެ ހެދުމުގައި ތިބި ފުލުހުންތަކެއް މީހަކަށް އަނިޔާކުރާ މަންޒަރު ފެނިގެންދެ އެވެ.

ފުލުހުން އޭރު ބުނީ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކުރަން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ހަތް ފުލުހުންގެ މައްސަލަވެސް ބަލާފައިވާ ކަމަށެވެ. އެ މައްސަލަތައް ބެލުމަށްފަހު އެ ފުލުހުންގެ މަގާމު ދަށްކޮށް، މިހާރު ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް ބަދަލުކޮށް އަދި އަޚުލާގީ ކުލަ އަތުލުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ކަމަށެވެ.

މ. އުޖާލާގެ ބަލައި ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ ތެރެއިން ބަޔަކު އިހުތިޖާޖު ކުރި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ އެ އިހުތިޖާޖަކީ، ފުލުހުންތަކެއް ކުރި ޖިނާއީ ކުށަކާ ގުޅިގެން އެ މީހުނާމެދު ފިޔަވަޅުއަޅަން ނިންމުމުން، އެކަމާ ދެކޮޅަށް ނުރުހުން ފާޅުކުރުމުގެ ގޮތުން ކޮށްފައިވާ އިހުތިޖާޖުގެ އަމަލެއް ކަމަށެވެ.

އެ އަމަލުގައި، އިސް ލެވެލްގެ ފުލުހުން ހިމެނޭއިރު، އެއީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއްކަމަށް ގަބޫލުކޮށް، އެކަން ވަގުތުން ރަނގަޅު ކޮށްފައިވީ ނަމަވެސް، އެކަން ކުރި ފުލުހުންނަށް ނަސޭހަތް ދިނުން ފިޔަވައި، އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައި އިތުރަށް ބުނީ، އެ މައްސަލަ އަވަސް އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދިނުމަށް ކޮމިޓީން އެންއައިސީގައި އެދިފައިވީ ނަމަވެސް، އެ މައްސަލަ ބެލުމުގައި ކޮމިޝަންގެ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް، އެ ފަދަ އިހުތިޖާޖެއްގެ ސަބަބުން ފުލުހުންގެ މުޅި މުއައްސަސާ ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެންދާ ކަމަށް ކޮމިޓީއަށް ގަބޫލުކުރެވުނު ނަމަވެސް، އެ ފުލުހުންނަށް ނަސޭހަތް ދިނުން ފިޔަވައި އިތުރު ފިޔަވަޅެއް ނޭޅުމަށް ފުލުހުންގެ މުއައްސަސާއިން ނިންމި ނިންމުމާމެދު މެންބަރުން ވަނީ ކަންބޮޑުވުންފާޅުކޮށްފައި އެވެ.

އެއާއެކު، އެފަދަ އިހުތިޖާޖެއް ތަކުރާރުވެ ނުދިނުމަށްޓަކައި، މިހާރު މަޖިލީހުން އިސްލާހު ކުރަމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި އެފަދަ އަމަލެއް ކުށަކަށް ހެދުމަށް ކޮމިޓީގެ ހުށަހެޅުމެއްގެ ގޮތުގައި ރިޕޯޓުގައި ހިމަނާފައިވާއިރު، އިހުތިޖާޖު ކުރި މައްސަލަ އެންއައިސީން އަލުން މުރާޖައާކޮށް، އެކަމުގެ ރިޕޯޓެއް ކޮމިޓީއާ ހިއްސާކުރުމަށް ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.

މާދަމާގެ ހަވީރު ތާވަލުކޮށްފައިވާ މަޖިލީހުގެ ޖަލްސާގައި، އެ ރިޕޯޓާމެދު ގޮތެއް ނިންމުން އެޖެންޑާ ކޮށްފައިވާއިރު، އެ ރިޕޯޓު މާދަމާ ވޯޓަށް އަހައި، ފާސްކުރާނެ ކަމަށް ބެލެވެ އެވެ.