އެންއައިސީ

ފުލުހުން މައުލޫމާތު ދިނުމުގައި އަބަދުވެސް ލަސް: އެންއައިސީ

ފުލުހުންގެ މުއައްސަސާއާ ގުޅޭ ގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގު ކުރާ މައްސަލަތަކުގެ މައުލޫމާތު ފުލުހުންގެ މުއައްސަސާގެ ފަރާތުން ދިނުމުގައި އަބަދުވެސް ލަސްވާ ކަމަށް އެ ކޮމިޝަންގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މިއަދުގެ ކޮމިޓީ ބައްދަލުވުމަށް އެންއައިސީގެ މެންބަރުން ހާޒިރުކުރީ، ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލާގައި ފުލުހުން އަމަލުކުރި ގޮތް އެ ކޮމިޝަނުން ބަލަމުންދާ މިންވަރު ސާފު ކުރުމުގެ ގޮތުންނެވެ.

އެންއައިސީގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ، ސޯޝަލް މީޑިއާއަށް މައްސަލަ ފެންމަތިވުމާއެކު ކޮމިޝަނުން އިސް ނަގައިގެން މައްސަލަ ބަލަން ފެށި ކަމަށެވެ. އިތުރު ފަރާތްތަކުން ވެސް މައްސަލަ ހުށަހެޅި، މައްސަލައިގެ ހައްސާސްކަމުން މައްސަލަ ބެލުމުގެ ގޮތުން ތިން މެންބަރުންގެ ކޮމިޓީއެއް ނެގި ކަމަށެވެ.

އެންއައިސީގެ ކޮމިޓީގެ އިސް މެންބަރަކަށް ހުންނެވި އަހުމަދު ޖިހާދު ވިދާޅުވީ، މައްސަލައިގެ މައުލޫމާތު ހޯދަން ފުލުހުންނަށް ސިޓީއެއް ފޮނުވުމުން ހާދިސާ ހިނގައި ދިޔަ ގޮތުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ތަހުގީގުގެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ފުލުހުންގެ ސިޓީގައިވާ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ ފަރާތުން އިތުރު ލިއެކިއުންތައް ބޭނުންވާތީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އިއްޔެ ހަވީރު އެންއައިސީ މެންބަރުން ވަޑައިގެން، ހަތަރު ފުލުސް އޮފިސަރެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. އެއީ ސީނަށް ދިޔަ ފުލުސް އޮފިސަރުންނާއި ޑިއުޓީ އިންޗާޖް އޮފިސަރުގެ ބަޔާން ކަމަށް ޖިހާދު ވިދާޅުވި އެވެ.

އެހެން ނަމަވެސް ފުލުހަށް މައްސަލަ ރިޕޯޓް ކުރެވި، މައްސަލަ ލޮގްވެގެން ދިޔަ ޕްރޮސީޖާތަކުގެ ލިއެކިއުންތައް އަދިވެސް ނުލިބޭ ކަމަށް ޖިހާދު ވިދާޅުވި އެވެ. ޖިހާދު ވިދާޅުވި ގޮތުގައި މައްސަލަ ކުރިއަށް ދެން ގެންދާނެ ގޮތެއް ނިންމޭނީ އެ ޕްރޮސީޖާގެ ލިއެކިއުންތައް ވެސް ލިބިގެން ކަމަށެވެ. އެ ލިއެކިއުންތަކަށް އެދިފައިވާނެ ކަމަށެވެ.

ކޮމިޝަންގެ ރައީސް ސުލައިމާން ދެން ވިދާޅުވީ މި މައްސަލާގައި ވެސް މައްސަލަ ލޮގްވުމުގެ ޕްރޮސީޖާގެ ލިއެކިއުންތައް ލިބުމުގައި ލަސްވާއިރު، ތަހުގީގުގެ ބައެއް މައުލޫމާތުތައް ހިއްސާ ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. މީގެ ކުރިން ވެސް މައްސަލަތަކުގައި ފުލުހުން މައުލޫމާތު ހިއްސާކުރުމުގައި ވަރަށް ބޮޑަށް ލަސްވަމުންދާ ކަމަށް ވިދާޅުވި އެވެ.

"މި މައްސަލާގައި ވެސް ބައެއް މައުލޫމާތުތައް ހިއްސާ ނުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވޭ، އަޅުގަނޑުމެން ގަބޫލު ކުރަނީ އެންއައިސީގެ ގާނޫނުގެ ތެރެއިން ފުލުހުންނަށް އެންއައިސީއާ އެ މައުލޫމާތުތައް ހިއްސާ ނުކުރެވޭނެ ސަބަބެއް ނެތް،" ސުލައިމާން ވިދާޅުވި އެވެ

މަޖިލީހުގެ ކޮމިޓީގެ މެންބަރުން ދެން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެސް ކޮމިޝަންގެ މެންބަރުން ވިދާޅުވެފައިވަނީ، އެ މައުލޫމާތުތައް ކޮމިޝަނަށް ލިބޭނީ ފުލުހުންގެ ފަރާތުން ލިބެން ޖެހޭ ލިއެކިއުންތައް ލިބުމުން ކަމަށެވެ. ނަމަވެސް އެ ލިއެކިއުންތައް ލިބުމުގައި ލަސްތައް އުޅޭ ކަމަށެވެ.

"އަބަދުވެސް މައްސަލަތަކުގެ މައުލޫމާތު ލިބުނު ވަރަށް ލަސް، އާންމުކޮށް މައުލޫމާތުތައް ލިބޭ، އެހެން ނަމަވެސް ލިބުމުގައި ވަރަށް ލަސް، ދެވޭނެ ފަދަ މައުލޫމާތަށް އެދެނީ ވެސް، އެކަމަކު ވެސް ލަސް، ވަރަށް ގިނަ އުނދަގޫތައް ވެސް ދިމާވޭ އެހެންވެގެން،" ސުލައިމާން ވިދާޅުވި އެވެ.

އެންއައިސީއަށް ފުލުހުންގެ ފަރާތުން ގިނަ ލިއެކިއުންތައް ލިބިފައި ނުވާ ކަމަށް ކޮމިޝަންގެ މެންބަރުން ވިދާޅުވުމުން، އެ މައްސަލަ ދިރާސާ ކުރުމުގެ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ފަރާތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މައްސަލަ ފޮނުވައި ބަލައި ދިނުމަށް އެދޭ ކަމަށެވެ.