ބޮލީވުޑް

ޕާތު ޕޮޒިޓިވްގެ "ކަސޯޓީ"ގެ ޝޫޓިން ހުއްޓިއްޖެ

އެކްތާ ކަޕޫރުގެ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގައި ލީޑް ރޯލު އަދާކުރާ ޕާތު ސަމްތާން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ޝޯގެ ޝޫޓިން ތިން ދުވަހަށް މެދުކަނޑާލަން ޖެހިއްޖެ އެވެ.

އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްވީ ކަން ޕާތު ވަނީ ސޯޝަލް މީޑިއާގައި އޭނާ ފޮލޯކުރާ މީހުންނާ ޝެއާ ކޮށްފަ އެވެ. އަދި ފާއިތުވީ 10 ވަރަކަށް ދުވަހު އެކި ތަންތަނުން އޭނާއާ ބައްދަލު ވެފައިވާ އެންމެން އަމިއްލައަށް ޓެސްޓް ކުރުމަށް ޕާތު ވަނީ އެދިފަ އެވެ.

ޕާތު ބުނި ގޮތުގައި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން އޭނާ މިހާރު ހުރީ އަމިއްލައަށް ގޭގައި ކަރަންޓީނު ވެގެންނެވެ.

ޕާތު ޕޮޒިޓިވް ވުމާ ގުޅިގެން "ކަސޯޓީ"ގެ ޕްރޮޑިއުސަރު އެކްތާ ކުރި ޓުވީޓެއްގައި ވަކި މީހެއްގެ ނަން ނުބުނެ ބުނެފައިވަނީ އެމީހުން އެންމެ އިސްކަން ދެނީ ޝޯތަކުގައި މަސައްކަތްކުރާ ހުރިހާ ފަންނާނުންގެ ރައްކާތެރި ކަމަށް ކަމަށެވެ. އެހެންވެ ކުރިޔަށް އޮތް ތިން ދުވަހު ޝޫޓިން ނުބާއްވާ މުޅި ސެޓު ސެނިޓައިޒްކޮށް ސާފުކޮށް އިތުރަށް މައްސަލައެއް ދިމާ ނުވާނެކަން ކަށަވަރު ކޮށްފައި ނޫނީ ޝޫޓިން ނުފަށާނެ ކަމަށެވެ.

އިންޑިޔާގެ ކަމާ ބެހޭ އިދާރާތަކުން ނެރެފައިވާ ގައިޑްލައިންގައިވާ ގޮތުން ޝޯއެއްގެ ޝޫޓިންގްގައި ބައިވެރިވާ މީހަކު ޕޮޒިޓިވް ވެއްޖެނަމަ އެ ޝޯއެއްގެ ޝޫޓިން ތިން ދުވަހަށް މެދުކަނޑާލައި އެންމެން ޓެސްޓްކުރަން ޖެހޭނެ އެވެ. އަދި މުޅި ތަން ޑީސްއިންފެކްޓް ކުރުމަށްފަހު އަލުން މަސައްކަތް ފަށާއިރު އެންމެން ވެސް ތިބެން ޖެހޭނީ އަލުން ބަލި ނެތްކަން ޔަގީން ކުރެވިފަ އެވެ.

މައުލޫމާތު ދިން މީހަކު އިންޑިޔާގެ ނޫހަކަށް ކިޔައި ދީފައިވާ ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން ޝޫޓިންތައް މެދުކެނޑީފައި އޮންނަތާ ތިން މަހަށް ފަހު އަލުން ޝޫޓިން ފަށައި ޕާތު ޝޫޓީންގައި ބައިވެރިވާން ފެށީ ޖޫން 26 ވަނަ ދުވަހުން ފެށީގެންނެވެ. މިދިޔަ ހުކުރު ދުވަހު އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ފަށާފައިވާ ކަމަށް ވެސް ޝޫޓިންގްގައި އުޅުނު ބައެއް މީހުން ވަނީ ބުނެފަ އެވެ.

"ޕާތު ހުރީ އެ ދުވަހު ވަރަށް ގަދަޔަށް ހުން އައިސްފައި. އެހެންވެ އަނެއް ދުވަހު އަމިއްލައަށް ގޮސް ޓެސްޓްކުރީމަ ޕޮޒިޓިވްކަން އެނގުނީ. އަދިވެސް އޭނާ ވަރަށް ބަލި،" ފިލްމު ޔުނިޓުގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.

ޝޫޓިން އަލުން ފެށީ ފަހުން މިހާތަނަށް ޕާތު ޝޫޓް ކޮށްފައިވަނީ އެންމެ ދެ އެކްޓަރުންނާ އެކުގަ އެވެ. އެއީ މިހާރު މިސްޓަ ބަޖާޖްގެ ރޯލު އަދާކުރާ ކަރަން ޕަޓޭލް އާއި އަނުރާގުގެ ދައްތަގެ ރޯލު އަދާކުރާ ޕޫޖާ ބެނާޖީ އާ އެކުގަ އެވެ. އެހެންކަމުން މި ދެ އެކްޓަރުން މިހާރު ވަނީ އަމިއްލައަށް ކަރަންޓީނުވެ ސްވޯބް ޓެސްޓް ވެސް ހަދާފަ އެވެ.

ޝޫޓިން ކުރެވޭނެ އުސޫލުތަކުގައިވާ ގޮތުން އުމުރުން ދުވަސްވީ އެއްވެސް އެކްޓަރަކު އަދި ޝޫޓިންގްގައި ބައިވެރިއެއް ނުކުރެވޭނެ އެވެ. އެހެންކަމުން މިހާރު ޝޫޓްކުރާ އެއްވެސް ޝޯއަކުން އުމުރުން ދުވަސްވީ އެކްޓަރަކު ނުފެންނާނެ އެވެ.