ހަބަރު

ގާޒީ ބާރީ ވިޔަފާރިއެއްގައި އަމަލީ ގޮތުން ބައިވެރިވި މައްސަލައެއް ބަލަނީ

Jul 13, 2020

ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފްގެ މާލީ ބަޔާނުގައި ބައެއް މައުލޫމާތުތައް ސިއްރުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ފަށައިފި އެވެ. ގާޒީ ބާރީއަކީ މިހާރު ޖުވެނައިލް ކޯޓުގެ ގާޒީއެކެވެ.

ޖޭއެސްސީއިން މިރޭ ބުނި ގޮތުގައި ގާޒީ ބާރީ ވިޔަފާރި ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި އެ ވިޔަފާރިން މަންފާ ލިބި އެކަން މާލީ ބަޔާނުގައި ހާމަކޮށްފައިނުވާ މައްސަލަ ބަލަން މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނުގައި ފަނޑިޔާރަކު އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުން މަނާ ކުރެ އެވެ.

ގާޒީ ބާރީއާ ގުޅޭ ގޮތުން ޖިނާއީ ތަހުގީގު ވެސް ފުލުހުން ކުރަމުންދެ އެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތެރިވި ފައިސާއިން މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނާ މައްސަލަ އެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހުރީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

އޭނާ ސަސްޕެންޑްކުރުމުގެ އިތުރުން އެކަމާ ގުޅޭ ސުލޫކީ މައްސަލަ ވެސް ބެލުމަށް ޖޭއެސްސީއިން އޭރު ނިންމާފައިވެ އެވެ. ގާޒީ ބާރީއާ ގުޅޭ ރިޝްވަތުގެ މައްސަލަތަކެއް މީގެކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ބެލި އެވެ.

ކުރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ގާޒީ ބާރީ ހުންނެވިއިރު އެ ބޭފުޅާ ފާހަގަވީ ވަރަށް ނުފޫޒު ގަދަ ގާޒީއެއްގެ ގޮތުގަ އެވެ. އަދި ސިޔާސީ ބޭފުޅުންގެ ގިނަ މައްސަލަތަކެއްގެ ޝަރީއަތް ހިންގެވި ބޭފުޅެއްގެ ގޮތުގަ އެވެ. ގާޒީ ބާރީއަށް ސިޔާސީ ބޭފުޅުންގެ ފަރާތުން ވަރަށް ބޮޑު ފާޑުކިޔުންތަކެއް ވެސް އޭރު ކުރިމަތިވި އެވެ.

ގާޒީ ބާރީ ކުރިމިނަލް ކޯޓުން ޖުވެނައިލް ކޯޓަށް ބަދަލުކުރީ ވެސް ސިޔާސީ ކަންތައްގަނޑެއްގެ ތެރޭގައި ކަމަށް ތުހުމަތު ކުރެވެ އެވެ. އޭނާ ކުރިމިނަލް ކޯޓުން ވަކިކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލި ދައުވާ އަނބުރާ ފޮނުވާލަން ނިންމެވުމާ އެވެ.