ހަބަރު

ގާޒީ ބާރީ ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ޖުވެނައިލް ކޯޓްގެ ގާޒީ އަބްދުއްބާރީ ޔޫސުފް މަގާމުން ވަކިކުރުމާމެދު ގޮތް ނިންމަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލާގައި، އޭނާ މަގާމުން ވަކިކުރަން ފެންނަކަމަށް އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މަޖިލީހުގެ ތަޅުމުން ފޮނުވާފައިވާއިރު، މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ގާޒީ ބާރީ އާ ގުޅޭގޮތުން ޖޭއެސްސީން މައްސަލަ ބަލާފައިވަނީ ޖަވާބުދާރީވާން ފުރުސަތު ދިނުމަށްފަހު، އިޖުރާއަތްތަކާ އެއް ގޮތަށް ކަމަށެވެ.

އެހެންކަމުން، ގާޒީ ބާރީ ފަނޑިޔާރުކަމުން ފެންނަކަމަސް ނިންމައި، އެކަން ކުރިއަށް ގެންދިއުމަށް އަނބުރާ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިއަދު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީން ވަނީ ގާޒީ ބާރީގެ ގިނަ މައްސަލަތަކެއް ބަލާފައެވެ.

އޭގެ ތެރޭގައި މި ފަހުން ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުން ގާޒީ ބާރީ މަންފާ ހޯއްދަވާފައިވާ ކަމަށް ބުނާ މައްސަލައަކާއި މެއި 2014 އިން ފެށިގެން 2018 ގެ ނިޔަލަށް އަމަލީ ގޮތުން ވިޔަފާރީގެ ތެރޭގައި ގާޒީ ބާރީ ހަރަކާތްތެރިވި ކަމަށް ބުނާ މައްސަލައަކާއި އެ ވިޔަފާރީން ލިބުނު މާލީ މަންފާ ހާމަކޮށްފައިނުވާ މައްސަލައެއް ހިމެނެ އެވެ.

މި މައްސަލަތަކުގެ ތެރެއިން ކުރީގެ ނާއިބް ރައީސް އަދި ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ އަހުމަދު އަދީބާއި ބާރީއާ ދެމެދު ގާތް ގުޅުމެއް އޮތް ކަން ފާހަގަ ކުރެވިފައިވާ ކަމަށާ ކްރިމިނަލް ކޯޓުން ހިންގި ބޮޑެތި ޝަރީއަތްތަކާއި ގުޅިގެން އިތުރު ފަނޑިޔާރުންތަކަކާއެކު ގާޒީ ބާރީ އަހުމަދު އަދީބާއި ބައްދަލްކޮށްފައިވާ ކަން އެނގިފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އެ ބައްދަލްވުން އޮތީ ކްރިމިނަލް ކޯޓްގެ ފަނޑިޔާރުންގެ ކާރުކޮޅު ޕާކްކުރާ ގަރާޖުތެރޭގަ އެވެ.

ބާރީ ބެއްލެވި މައްސަލަތަކުގެ ތެރެއިން ރައީސް ނަޝީދުގެ މައްޗަށް ހިންގުނު ޝަރީއަތުގައި ހުކުމް ކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމްގެ ކޮޕީއެއް އަދީބަށް ފޮނުވަން ނިންމި ކަމަށާ ބާރީ ފްލެޓެއް ބޭނުން ވުމުން އެކަންވެސް ކޮށްދީފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދީބް، ބާރީއަށް ފަސް ލައްކަ ރުފިޔާވެސް ދީފައިވާ ކަމަށާ ފްލެޓަށް ބާރީ ދެއްކި ހަ ލައްކަ ރުފިޔާއަކީ ނާޖައިޒު ގޮތުގައި ހޯދާފައިވާ ފައިސާ ކަމަަށްވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.

ގާޒީ ބާރީ މިހާރުވެސް ހުންނެވީ ޖޭއެސްސީން ބެލި މި މައްސަލަތަކާއި ގުޅިގެން ސަސްޕެންޝަންގަ އެވެ.

ގާޒީ ބާރީގެ މައްސަލައިގެ އިތުރުން، ދ. ޖުޑީޝަލް ދާއިރާ ގެ އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު މުޙައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަވެސް ޖޭއެސްސީން މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ މައްސަލަވެސް މިއަދު ކޮމިޓީގެ ބައްދަލުވުމުގައި ދިރާސާކޮށްވަނީ، އޭނާ ވެސް މަގާމުން ވަކިކުރަން ފެންނަކަމަށް ނިންމައި، ތަޅުމަށް ފޮނުވަން ފާސްކޮށްފައި އެވެ.