ހަބަރު

ގާޒީ ބާރީ ސަސްޕެންޑްކޮށްފި

ކުރިމިނަލް ކޯޓުގައި މީގެކުރިން އިސްގާޒީކަން ކުރެއްވި ގާޒީ އަބްދުލްބާރީ ޔޫސުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑްކޮށްފި އެވެ. ގާޒީ ބާރީ މިހާރު ހުންނެވީ ޖުވެނައިލް ކޯޓުގެ ގާޒީއެއްގެ ގޮތުގަ އެވެ.

ޖޭއެސްސީއިން މިއަދު ބުނީ ގާޒީ ބާރީ ސަސްޕެންޑްކުރީ ފުލުހުން އޭނާއާ ގުޅޭ ޖިނާއީ މައްސަލައެއް ބަލަމުންދާކަން އަންގައި، އެކަމުގެ މައުލޫމާތުތައް ހިއްސާކުރުމުން ކަމަށެވެ.

ގާޒީ ބާރީއާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރަމުން ދަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތެރިވި ފައިސާއިން މާލީ މަންފާ ހޯދާައިވާ މައްސަލައެެކެވެ. ޖޭއެސްސީއިން ބުނީ އެކަމުގެ ތަހުގީގު ހިންގޭ ވަރަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާ ސަސްޕެންޑްކުރުމުގެ އިތުރުން އެކަމާ ގުޅޭ ސުލޫކީ މައްސަލަ ވެސް ބެލުމަށް ޖޭއެސްސީއިން މިއަދު ވަނީ ނިންމާފަ އެވެ.

ގާޒީ ބާރީއާ ގުޅޭ ރިޝްވަތުގެ މައްސަލަތަކެއް މީގެކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ބެލި އެވެ.

ކުރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ގާޒީ ބާރީ ހުންނެވިއިރު އެ ބޭފުޅާ ފާހަގަވީ ވަރަށް ނުފޫޒު ގަދަ ގާޒީއެއްގެ ގޮތުގަ އެވެ. އަދި ސިޔާސީ ބޭފުޅުންގެ ގިނަ މައްސަލަތަކެއްގެ ޝަރީއަތް ހިންގެވި ބޭފުޅެއްގެ ގޮތުގަ އެވެ. ގާޒީ ބާރީއަށް ސިޔާސީ ބޭފުޅުންގެ ފަރާތުން ވަރަށް ބޮޑު ފާޑުކިޔުންތަކެއް ވެސް އޭރު ކުރިމަތިވި އެވެ.

ގާޒީ ބާރީ ކުރިމިނަލް ކޯޓުން ޖުވެނައިލް ކޯޓަށް ބަދަލުކުރީ ވެސް ސިޔާސީ ކަންތައްގަނޑެއްގެ ތެރޭގައި ކަމަށް ތުހުމަތު ކުރެވެ އެވެ. އޭނާ ކުރިމިނަލް ކޯޓުން ވަކިކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލި ދައުވާ އަނބުރާ ފޮނުވާލަން ނިންމެވުމާ އެވެ.