ޢާއްމުގޮތެއްގައި މާކެޓިންއަކީ އެ މާކެޓް ކުރާ ބްރޭންޑެއްގެ ޕްރޮޑަކްޓަކާ ބެހޭ ގޮތުން މީހުންގެ މެދުގައި ޝައުގު އުފެއްދުމަށް، ކަނޑައެޅިފައިވާ ވަކި އުސޫލަކުން ކަންކަން ރާވާ ހިންގުމެވެ. އޭގެތެރޭގައި، އެޑްވަޓައިޒިން އާއި ޑައިރެކްޓް މާކެޓިން، ބްރޭންޑިން، ޕަބްލިކް ރިލޭޝަންސް، އީ މާކެޓިން، ސޯޝަލް މީޑިއާ މާކެޓިން، އޮންލައިން މާކެޓިންފަދަ ދާއިރާތައް ހިމެނިގެންވެ އެވެ.
އެހެންކަމުން މާކެޓް ކުރަނީ ޑެސްޓިނޭޝަނެއް ކަމަށްވިޔަސް، ބްރޭންޑެއް ކަމަށްވިޔަސް، ނުވަތަ ޕްރޮޑަކްޓެއް ކަމުގައިވިޔަސް ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއް ނުވަތަ ގަވާއިދުތަކެއް ހަމަޖެހިފައި ވާނެ އެވެ. އެކަމަކު އެކި ބްރޭންޑްތަކުގައި ބޭނުންކުރާ އެކި ހަމަތަކާއި، އުސޫލުތަކާއި މިންގަނޑުތަށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.
ކޮންމެ ބްރޭންޑެއްގެ ޕްރޮޑަކްޓެއް މާކެޓް ކުރިޔަސް، އެ ބޭނުންވާ މަގުސަދެއް ހާސިލް ކުރުމަށް އާއްމު ގޮތެއްގައި ބޭނުންކުރާ އެންމެ މުހިންމު މާއްދާއަކީ ކޮންޓެންޓެވެ. އެހެން ކަމުން ހާލަތާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރަމގަޅު ކޮންޓެންޓް، ރަމގަޅު ވަގުތުގައި ބޭނުން ކުރުމަށް އެންމެ އެކަށޭނަ ވަސީލަތްތަކުގެ ބޭނުން ހިފުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ކޮޓެންޓް ފެއިލްވުމަށް ދިމާވާ ވަރަށް ގިނަ ސަބަބުތަށް ހުރެ އެވެ. ކިތަންމެ މޮޅު މީހަކު ލައްވާ ކޮންޓެންޓް ހެއްދިޔަސް، ކިތަންމެ މަޝްހޫރު މީހަކު ކޮންޓެންގައި ބޭނުން ކުރިޔަސް އަދި ކިތަން މެބޮޑު ހަރަދެއް ކުރި ކަމުގައި ވިޔަސް، ކޮންޓެންޓް ފެއިލް ވެދާނެ އެވެ. އެ ކޮންޓެންޓް ބޭނުން ކޮށްގެން ފަތުރަން ބޭނުންވާ މެސެޖް، އަމާޒުކުރާ ފަރާތްތަކަށް ފަސޭހަ އިން ފަހުމް ވާގޮތަށް ފޯރުކޮށް ނުދެވޭނަމަ އެވެ.
ކޮންޓެންޓް އުފައްދާ މީހާގެ ފަންނީ ތަޖުރިބާ އާއި ހުނަރު ކިތަންމެ މޮޅުކަމުގައި ވިޔަސް، މާކެޓް ކުރާ ބްރޭންޑާ ބެހޭގޮތުން ކުރިން ހެދިފައިވާ ކޮންޓެންޓާއި، އެ ކޮންޓެންޓް އުފައްދާފައިވާ މަގުސަދާއި އަދި އެ ކޮންޓެންޓުން ޓާގެޓް އޯޑިއަންސަށް ފަހުމްކޮށްދޭން މަސައްކަތް ކޮށްފައިވާ މަގުސަދާއީ ބްރޭންޑްގެ ފެންވަރާއި އަގު ހިފަހައްޓާން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އަހުލުވެރި ނުވެ ކޮންޓެންޓް އުފައްދާނަމަ އެވެ.
މިގޮތަށް އުފައްދާ ކޮންޓެންޓަށް ކިޔާއުޅެނީ "ސާފޭސް ސްކޭޓިން ކޮންޓެންޓް" އެވެ. މި ފަދަ ކޮންޓެންޓުން އޮޅުން ބޮޅުން އުފެދޭނެތީ، ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވާނެ އެވެ.
ކޮންޓެންޓް ފެއިލްވުމަށް ދިމާވާ އަނެއް ސަބަބަކީ، "އެއިމް ލޯ" ކޮންޓެންޓް އުފައްދާ ބޭނުން ކުރުމެވެ. ނުވަތަ ހަމަ ނަކަމަކަށް ކަމެއް ކޮއްލުން ފަދަ ކޮންޓެންޓްތައް ބޭނުން ކުރުމެވެ.
ދާދި ފަހުން ޓޫރިޒަމް މިނިސްޓްރީން އުފައްދާފައިވާ ވީޑިއޯއަކީ އޭގެ މިސާލެކެވެ. އެ ވީޑިއޯއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެއީ އެންމެ 3،000ރ ހަރަދު ކޮށްގެން ހަދާފައިވާ ވީޑިއޯ ކޮންޓެންޓެއް ކަމުގައި އެ ވުޒާރާ އިން ބުންޏެވެ. ސުވާލަކީ ދުނިޔޭގެ އެންމެމަތީ ފެންވަރުގެ ފަތުރުވެރިކަމުގެ ބްރޭންޑެއް މާކެޓް ކުރުމަށް ތައްޔާރުކުރާ ކޮންޓެންޓެއްގައި ހަމައެކަނި ބަލާނީ އާދަޔާ ހިލާފަށް އޭގެ އަގު ދަށްކުރުމަށް ހެއްޔެވެ؟ ނުވަތަ ސަމާލުކަން ދޭންވީ ދިވެހި ރާއްޖޭގެ މި އަގު ބޮޑު ބްރޭންޑްގެ ވިޒިބިލިޓީ އާއި ރިޒޮނަންސް ދަމަހައްޓާ، ކޮލިޓީ އާއި ރެޕިއުޓޭޝަން ހިފަހައްޓާ، ޓާގެޓް އޯޑިއަންސް އިމްޕްރެސް ކޮށް އެ މީހުން މި މަންޒިލަށް ދަތުރު ކުރުވުމަށް އިންސްޕަޔާ ކުރުވާ އަޒުމް ކަނޑައަޅުވާ، ވާދަވެރިން އެޑްމަޔާ ކުރުވާ ފަދަ އަމިއްލަވަންތަ، އުފެއްދުންތެރި ކޮންޓެންޓެއް އުފެއްދުމަށް ހެއްޔެވެ؟
"އެޓެންޝަން ޑެފިސިޓް ޑިސްއޯޑާ" ކޮންޓެންޓްސް ގިނަވުމުކީ ވެސް ކޮންޓެން ފެއިލްވުމަށް ދިމާވާ ސަބަބެކެވެ. ހަމައެކަނި ވެރިޔަކަށް ހުންނަ މީހެއްގެ އައިޑިޔާ އެ މީހަކު ބޭނުންވާ ގޮތަކަށް ގެނެސް ދެވިގެން މަދު ހާލަތެއްގައި ފައިދާ ކުރިޔަސް ގިނަ ފަހަރަށް އެކަމުގެ ގެއްލުން ނުހަނު ބޮޑެވެ. މިފަދަ ޙާލަތްތަކުގައި ފާޑުކިޔުމެއް ބަލައި ނުގަނެވޭނެ އެވެ. ކުޅަދާނަ މޮޅު ކޮންޓެންޓް ކްރިއޭޓަރެއް ނުވަތަ ކޮންޓެންޓް ޑައިރެކްޓަރެއްގެ މާބޮޑު ބޭނުމެއް ވެސް ނޯންނާނެ އެވެ. ތިމާ އުފައްދާފައި ވަނީ އެން މެމޮޅު އެންމެ ފުރިހަމަ ކޮންޓެންޓްކަމުގައި ހިތުގެ އަޑީން ވެރި މީހާ އަށް ގަބޫލު ކުރެވޭނެ ތީއެވެ. މިކަމުގެ ގެއްލުން އެ ބްރޭންޑަކަށް ނުހަނު ބޮޑުވުމުން ފައިދާ ނަގާނީ ވާދަވެރި ފަރާތްތަކުންނެވެ.
ގަބޫލުކުރަންޖެހޭ ހަގީގަތަކީ ވެރިއަކަށް ހުންނަ މީހަކަށް ހުރިހާ ކަމެއް އެންމެ މޮޅަށް އެންގުން ލާޒިމް ނުވާ ކަމެވެ. ކޮންމެކަމެއް ވެސް އެކަމެއްގެ ޢިލްމާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ގާބިލް ފަތާތްތަކުގެ ސިކުނޑި ފެލާލައިގެންނާއި، ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާގެ ތެރެއިން މާފުރިހަމަ އުފެއްދުމެއް ވުޖޫދު ކުރެވުމުގެ ފުރުސަތު ބޮޑު ކަމެވެ.
އަމާޒުކުރެވޭ އޯޑިއަންސް އޮޅުންނު ފިލާ ގޮތަށް އުފައްދާފައި ހުންނަ ކޮންޓެންޓް ބޭނުން ކުރުމަކީ ވެސް ގެއްލުން ލިބޭ ކަމެކެވެ. މިފަދަ ކޮންޓެންޓް މުޅިން ވެސް ހުންނަނީ ހަމައެކަނި އެ ބްރޭންޑް މެނޭޖްކުރާ ބަޔަކު އެ ބްރޭންޑަކާ ބެހޭ ގޮތުން ދެކޭގޮތް ހާމަކޮށްދީފަ އެވެ. އެ ބްރޭންޑެއް ގަންނަ ބަޔަކު ނުވަތަ ޓާގެޓް އޯޑިއަންސްގެ ވިސްނުމުން އެމީހުން ޝައުގުވެރިވާ ކަންކަން ހިމެނިފައި ހުންނަނީ ވަރަށް މަދު ފަހަރަކު އެވެ.
މިކަހަލަ ކޮންޓެންޓަށް ކިޔަނީ "މީ-މީ-މީ" ކޮންޓެންޓެވެ. މިވައްތަރު ކޮންޓެންޓުގެ ބަދަލުގައި މާކެޓް ދިރާސާކޮށް ކަސްޓަމަރުންގެ ޝައުގުވެރިކަން އެންމެ ބޮޑަށް އެދުވަސްވަރެއްގައި ހުންނަކަންކަން ފާހަގަކޮށް ކަސްޓަމަރުންގެ ވިޔުޕޮއިންޓާއި އެއްގޮތަށް ކޮންޓެންޓް ބައްޓަން ކުރަންޖެހެ އެވެ. އެކި ގައުމުތަކުގެ މީހުންގެ ޝައުގު އެކި ކަންކަމުގައި އެކިވަރަށް އެކި ދުވަސްވަރު ހުންނަކަން ފާހަގަކޮށް އެކި މާކެޓަށް އަމާޒުކޮށް އުފައްދާ ކޮންޓެންޓް ތަފާތު ނުކުރެވިއްޖެނަމަ އެކަމުގެ ގެއްލުން ނުހަނު ބޮޑުވެދާނެ އެވެ.
އެއް ކޮންޓެންޓެއް ތަފާތު ސެގްމެންޓް ތަކަށް އަމާޒުކުރުމަކީ ވެސް އެކަމުގެ ގެއްލުން ނުހަނު ބޮޑު ކަމެކެވެ. މިވައްތަރުގެ ކޮންޓެންޓަށް ކިޔަނީ "މިސިން ސްވީޓް ސްޕޮޓް" ކޮންޓެންޓެވެ. މަސްލޯގެ "ހައިރާކީ އޮފް ނީޑް" ތިއަރީ ބުނާ ގޮތުން، މުޖުތަމައުގެ ތަފާތު ގިންތިތަކުގެ މީހުންގެ ބޭނުންންތައް، އެއްގިންތި އަނެއް ގިންތިއާ ތަފާތެވެ. ރާއްޖެ މާކެޓް ކުރުމަށް އާއްމުކޮށް ބޭނުން ކުރާ ކޮންޓެންޓް ތަކުން ގިނަ ފަހަރަށް ފެންނަނީ މަތީފަންތީގެ ރިސޯޓްތަކާއި، އެތަންތާގެ އަގު ބޮޑު ޚިދުމަތްތަކެވެ. އެ ރިސޯޓެއް މާކެޓް ކުރުމަށް މިފަދަ ކޮންޓެންޓް ކަމުދިޔަސް، ތަފާތު ކެޓަގަރީތަކުގެ ތަފާތު އަގުތަކުގެ ޕްރޮޑަކްޓްތަށް ހިމެނިފައިވާ މުޅި ޑެސްޓިނޭޝަން ރެޕްރެޒެންޓް ކުރުމަށް މިފަދަ ކޮންޓެންޓް ކަމުނުދާ ހާލަތްތައް އަތުވެދާނެ އެވެ.
ދުނިޔޭގައި ގިނައީ މެދުފަންތީގެ މީހުން ކަމުން ގިނަ މީހުން ގަބޫލު ކުރާގޮތުގައި މިފަދަ ކޮންޓެންޓް ބޭނުން ކޮށްގެން ވިއްކާ ޕްރޮޑަކްޓް، އެމީހުންނަށް ކެރިކުޅަދާނަ ވާވަރަށްވުރެ އަގު ބޮޑެވެ. އެހެންކަމުން މިފަދަ ކޮންޓެންޓް ތަކަކުން ދުނިޔޭގެ މެދުފަންތީގެ ފަތުރުވެރިންގެ އުއްމީދުތަކަކަށް ހިނިތުންވުމާ އުފާވެރިކަމެއް ނުގެނެސް ދެއެވެ.
ރާއްޖެއަށް ގުދުރަތުން ދެއްވާފައިވާ ފުރިހަމަކަމާއި ރީތިކަން ދެކި ތަޖުރިބާ ކޮށްލުމަށް ހޭދަ ކުރަންޖެހޭ އެއްޗަކާއި އަޅާކިޔާއިރު، ބަދަލުގައި ލިބޭ އެއްޗެއްގެ އަގު ނިސްބަތުން ހޭދަ ކުރާއެއްޗަކާއި ހަމަހަމަވެ ނުވަތަ ހޭދަކުރާ އެއްޗަކަށްވުރެ ބޮޑުވާ ކަމަށް އެމީހުންގެ ވިސްނުމުން ވިސްނައި ދެވޭފަދަ ކޮންޓެންޓަކަށް ނުވާތީ އެވެ.
މިކަންކަމަކީ އާއްމުކޮށް ފެންނަ ނުރަގަޅު ކަންކަމުގެ ތެރެއިން ބައެއް ކަންކަމެވެ. މިހާރު ދިމާވެފައިމިވާފަދަ ހައްސާސް ދަނޑިވަޅެއްގައި ޑެސްޓިނޭޝަން، ބްރޭންޑް އަދި ޕްރޮޑަކްޓްތައް މާކެޓްކޮށް ޕްރޮމޯޓް ކުރުމުގައި ކަމާބެހޭ ފަރާތްތަކުން މިފަދަ ކަންކަމާމެދު ސަމާލުކަން ދެވިއްޖެނަމަ ފައިދާތަކެއް ކުރާނެ ކަމަށް ދެކެމެވެ.