ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު އުންމީދު އާ ވެއްޖެ އެވެ. ދެން އޮތީ އިގްތިސޯދަށް ލިބިފައިވާ ގެއްލުން ތަކުން އަރައިގަނެ ތެދުވަން މަސައްކަތް ކުރުމެވެ. މިކަން ކުރެވޭނީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅު ކޮށްގެންނެވެ. ޓޫރިޒަމް ރަނގަޅު ކުރެވެން އޮތީ ރާއްޖެއާ މެދު އޮތް އިތުބާރު ވަރުގަދަ ކޮށްގެންނެވެ. ކޮވިޑް-19 އަށް ފަހު ދުނިޔޭގެ ބޯޑަރުތައް ހުޅުވި މީހުން ދަތުރު ކުރަން ފަށާއިރު، އެންމެންގެ ސިކުނޑީގައި އަދިވެސް ހަރުލާފައި އިނީ ކޮވިޑް-19އިގެ ބަލާ އާފާތެވެ. އެންމެން ވެސް ބޭނުން ވާނީ އަލަށް ދަތުރު ކުރާ މަންޒިލްގެ ފުރިހަމަ މަންޒަރެއް ފެނުމަށެވެ. މި ދިޔަ ދުވަސްތަކުގައި މި މައުލޫމާތުތައް ރާއްޖެއަށް ކިޔައި ދެވިފައިވޭ ހެއްޔެވެ؟
"އަބަދު ވެސް އަޅުގަނޑު ބުނާ ވާހަކައެއް، ރާއްޖެއަކީ ކޮވިޑް-19 އަށްފަހު އަލުން ހުޅުވާލާއިރު އެންމެ އެޑްވާންޓޭޖް ގިނަ އެއް ގައުމޭ. އެކަމަކު ރާއްޖޭގެ މި ވާހަކަތައް ދުނިޔެ އަށް ކިޔައެއް ނުދެވޭ. ދުނިޔެއަކަށް އަދި ނޭނގޭ... މިއީ ވަރަށް ދެރަކަމެއް. މިކަން އެނގޭނެ ގޮތަށް މާކެޓިން ބަދަލު ކޮށްގެން ނޫނީ މާކެޓްތަކުގައި ހިފަހައްޓާލަން ދަތިވާނެ،" ޓްރެވަލް އެޖެންސީ ހިންގުމާއި ޓޫރިޒަމް ވިޔަފާރީގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރައްވައި، މިހާރު މަންޓާ އެއާގެ ސީއީއޯގެ މަގާމުގައި ހުންނެވި، މުހައްމަދު ހަލީލް (މަޓާޓޯ) ހަލީލް ވިދާޅުވި އެވެ.
އެހެން މީހުނަށް ނެތް އެޑްވާންޓޭޖް ރާއްޖޭގައި
ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވުނުއިރު، ރާއްޖޭގައި ކޮވިޑް-19 ފެތުރުން މުޅިން ކޮންޓްރޯލްވިއެކޭ އަދި ނުބުނެވޭނެ އެވެ. އެކަމަކު އަދި ވެސް ރާއްޖެއަކީ އެންމެ ސޭފް މަންޒިލް ކަމަށް ބުނެވިދާނެ އެވެ. ސަބަބުތައް ގިނަ އެވެ. ހާއްސަކޮށް ފުރަތަމަ ހުޅުވާލާއިރު ރާއްޖޭގެ ޓޫރިޒަމް އޮތް ގޮތަކީ ރާއްޖެ އަށް އޮތް ބޮޑު ޔަގީން ކަމެކެވެ. ރާއްޖޭގެ ޓޫރިޒަމްގެ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް ވެގެން ދަނީ ރާއްޖެއަށް މި ހާލަތުގައި ޓޫރިޒަމް ހުޅުވަން ލިބޭނެ ރަންގަނޑަކަށެވެ. ރާއްޖެ އަންނަ ޓޫރިސްޓު މީހާ އެއާޕޯޓުން ދިއުމަށް ފަހު އާއްމުންނާ ވަކިން އުޅެވޭނެ މާހައުލެއް ހުރި ރިސޯޓެއްގައި ވެސް އޮވެ އެވެ.
ލެޓްސްގޯ ކުންފުނީގެ ވެރިޔާ، މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވި ގޮތުގައި ރާއްޖޭގެ ވޯޓާ ބަންގަލޯތަކާއި ރިސޯޓު އަދި މުޅި ޓޫރިޒަމް އޮތް ގޮތަކީ މުޅިން ތަފާތު ކޮންސެޕްޓެކެވެ. އަދި މިއީ ކޮވިޑް-19 އިގެ މި ހާލަތުގައި އޮތް އެޑްވާންޓޭޖެކެވެ.
"ރާއްޖެއަކީ އެންމެ ސޭފް މަންޒިލް. ރާއްޖޭގައި މިހުރި ސިފަތައް ދުނިޔޭގެ އެހެން ގައުމެއްގައި މަދުވާނެ،" ރިޔާޒު ވިދާޅުވި އެވެ.
ނަމަވެސް، ސުވާލަކީ ރާއްޖެ މާކެޓް ކުރިއިރު މި ވާހަކަތައް ދުނިޔެއަށް ބުނެދެވުނު ހެއްޔެވެ؟ މި ކޮންސެޕްޓް އެންމެ ބޮޑަށް ދުނިޔެ އަށް ކިޔައިދޭންވީ ވަގުތު އެކަން ކުރެވުނު ހެއްޔެވެ؟ ކޮވިޑް-19 އިގެ ލޮކްޑައުންތަކާއެކު މުޅި ދުނިޔެ ބަންދުގައި އޮތްއިރު ސަރުކާރުގެ މާކެޓިން ކުންފުނި އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީއަށް އެކަން ކުރެވުނު ހެއްޔެވެ؟
އެކަންކަން ކުރުމުގެ ބަދަލުގައި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީގެ ކޯޅުން ނޫން ކަމެއް ނުކުރެ އެވެ. އަދި ކޯޅުން ގަނޑަކަށްފަހު ދެބައި މީހުން ގުޅިގެން ތައްޔާރުކުރި "ދަ ސަން ވިލް ޝައިން އެގެއިން" އިވެންޓުގައި ވެސް ބޭނުންވި މައުލޫމާތެއް ދުނިޔެއަކަށް ނުލިބުނެވެ. އިވެންޓުން ގެނެސްދޭން ހަގީގަތުގައި ޖެހޭނީ އާ ކޮންޓެންޓާއި ޓޫރިޒަމް ހުޅުވާނެ ތާރީހެވެ. އެ އިވެންޓާ ހަމައަށް ވެސް ސަރުކާރަށް ޓޫރިޒަމް ހުޅުވާނެ ތާރީހު ފައިނަލްއެއް ނުކުރެވުނެވެ.
މީގެ ބަދަލުގައި މި އިވެންޓުގެ ކުރިން ޓޫރިޒަމް މިނިސްޓްރީން އިންޑަސްޓްރީއަށް ހިއްސާ ކުރި ޓޫރިޒަމް ގައިޑްލައިންގައި ބޮޑެތި އަދަދު ތަކެއް ޖެހުންވީ ރާއްޖެއަށް ލިބުނު ބޮޑު ވެގެންވާ ހުތުރަކަށެވެ. އޭގެ ނަތީޖާއަކަށްވީ ހޭވި ހަޑި ސާފު ކުރަން އެތައް ފައިސާއެއް ހޭދަ ކުރަން ޖެހުމެވެ. ކޮވިޑް-19 އާ ހަމައަށް ރާއްޖެ މާކެޓް ކުރަން ކުރަން މިހާތަނަށް ސަރުކާރުން ކުރި ކަމަކީ މިއީ އެވެ.
މާކެޓިންގެ ބޮޑު ބަޖެޓުން ކުރީ ކީއް؟
ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވުނުއިރު، މިހާރު ރާއްޖެ މާކެޓް ކުރަން ހަރަދު ކުރަމުން ދަނީ ރާއްޖޭގެ ތާރީހުގައި ވެސް ދިން އެންމެ ބޮޑު ބަޖެޓުންނެވެ. މިދިޔަ އަހަރު ސަރުކާރުން ރާއްޖެ މާކެޓު ކުރަން 10 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 154 މިލިއަން ރުފިޔާ) މާކެޓިން ކުންފުނި، އެމްއެމްޕީއާރުސީއަށް ދިނެވެ. މީގެ ކުރިން އެވްރެޖު ގޮތެއްގައި މާކެޓިންއަށް އެމްއެމްޕީއާރުސީ އިން ހޭދަކޮށްފައި ވަނީ އެވްރެޖު ގޮތެއްގައި ތިން މިލިއަން ޑޮލަރު (ގާތްގަނޑަކަށް 46 މިލިއަން ރުފިޔާ) އެވެ. އެކަމަކު މި ސަރުކާރު އައިސް މާކެޓިން ބަޖެޓް 200 ޕަސެންޓް ބޮޑު ކުރި އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމަށް ހެވަކަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް ބުނެވިދާނެ އެވެ.
މި ބަޖެޓުން ރާއްޖެ އިސްތިހާރު ކޮށްގެން މިދިޔަ އަހަރު 1.7 މިލިއަން ޓޫރިސްޓުން ގެނަ އެވެ. މިއީ ސަރުކާރުން ޓާގެޓް ކުރި 1.5 މިލިއަން މީހުންނަށް ވުރެ އިތުރު ވުމެކެވެ. ނަމަވެސް، ސުވާލަކީ 2017 އިގެ ކުރިން އެވްރެޖު ގޮތެއްގައި 1.3 ނޫނީ 1.4 މިލިއަން މީހުން ގެނެވިފައި، މިދިޔަ އަހަރު 1.7 މިލިއަން މީހުން ގެނައުމަކީ ހަމަ މޮޅު ވުމެއް ބާއެވެ؟ ނޫނީ ކާމިޔާބީއެއް ބާ އެވެ.
މިދިޔަ އަހަރު ރެކޯޑު އަދަދަކަށް މީހުން ގެނެވުނުއިރު، ރާއްޖޭގެ ސިޔާސީ މާހައުލާއި ދުނިޔެ އޮތް ގޮތާއި 2017 ގެ ކުރީގައި ރާއްޖެ އާއި ދުނިޔެ އޮތް ގޮތަށް ވެސް ބަލަން ޖެހެ އެވެ. ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް 2017 ގެ ކުރީގެ އަހަރުތަކުގައި ކުރަމުން ދިޔައިރު، ރާއްޖޭން ބޭރުގައި ފަތުއަޑު ކިޔާފަ ރާއްޖެ "ބޮއިކޮޓް" ކުރި އެވެ. އަދި އޭރުގެ ސަރުކާރުން ދެ ފަހަރެއްގެ މަތިން ރާއްޖޭގައި "ސްޓޭޓް އޮފް އިމަޖެންސީ" އިއުލާނު ކުރި އެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ފަހު މުޅި މަންޒަރު ބަދަލުވި އެވެ. ޖުމްލަ ގޮތެއްގައި 2018 ގެ ފަހުން ރާއްޖެ އޮތީ ހިމޭން ކޮށެވެ. އިންތިހާބަށް ފަހު އާ ސަރުކާރު ބޭރުގައި ހެސް ކިޔާފަ ސިޔާސީ ޕީއާރު ހިންގި އެވެ.
މި ވަރަށް ޕީއާރު ކުޅެ، ބޮޑި ބިޔަ މާކެޓިން ބަޖެޓެއް ހިފައިގެން ކުރެވުނު ވަރާމެދު ސުވާލު އުފެދެ އެވެ. މިދިޔަ އަހަރު އެމްއެމްޕީއާރްސީ އިން 165 އަށްވުރެ ގިނަ މާކެޓިން ހަރަކާތް ހިންގި ކަމަށް ބުނެ އެވެ. ނަމްބަރުން ބަލާނަމަ މިއީ ގިނަ އަދަދެކެވެ. އެކަމަކު ސުވާލަކީ އެއިން ނެރުނު ނަތީޖާ އެވެ. ރާއްޖެއަށް "ބޭރުގެ ނޫސްވެރިން" ނާއި "ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ" މީހުންގެ ނަމުގައި އެތައް ބަޔަކު ގެނެސްފައިވެ އެވެ. އެކަމަކު މި ނޫސްވެރިން ބޭރުގެ ނޫހެއްގައި ލިޔެފައިވާ ލިޔުމެއް ނުފެނެ އެވެ.
އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެެއްވި ހާރިސް މުހައްމަދު ވިދާޅުވި ގޮތުގައި ރާއްޖެ އިސްތިހާރު ކުރާ ގޮތް ބަދަލުކޮށް، އާ ގިނަ މަސައްކަތް ތަކެއް ކުރަން ޖެހެ އެވެ.
"މިހާރުގެ ހާލަތުން ގަބޫލު ކުރެވެނީ ސްޕެނިޝް ލީގުގެ ސެލްޓާގައި ކުރާ އިސްތިހާރު އެކަނި ކަމަށް ފެންނަން އޮތީ ކަމެއް. މިއީ މި ހާލަތަށް ބޮޑު ވަރެއް. އެ ނޫންކަމެއް ނެތް." ހާރިސް ވިދާޅުވި އެވެ.
ރާއްޖޭގެ ވިޒިބިލީޓީ ހައި ކުރަން ޖެހޭ
ތަޖުރިބާކާރުންގެ ނަޒަރުގައި މި ހާލަތުގައި "ރާއްޖޭގެ ވިޒިބިޓީ ހައިކޮށް" ރާއްޖެ އަންނަން ތިބި މީހުންނަށް ފެންނާނެ ގޮތެއް ހަދައިދޭން ޖެހެ އެވެ. އެ މީހުންގެ ސިކުނޑިއަށް ރާއްޖެ ލައިދޭން ޖެހެ އެވެ. އަދި އެކަމަށް ތައްޔާރުވެ ހާއްސަ ޓީމެއް، ފުރިހަމަ ބާރާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް އެފަދަ ބޭފުޅުން ދެކެ ވަޑައިގަންނަވަ އެވެ.
ރާއްޖޭގައި ހިންގާ އެންމެ ލަގްޒަރި އެއް ރިސޯޓް ކަމަށްވާ ވޯލްޑޯފް އެސްޓޯރިއާ، އިތާފުށި ރިސޯޓުގެ އެއް އޯނަރު ކަމަށްވާ މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށްފަހު އަލުން މިއަދު ހުޅުވާއިރު ޓޫރިޒަމް ދާއިރާގެ އެކްސްޕާޓުންނާއި ތަޖުރިބާކާރުން ހިމެނޭ ގޮތަށް ހުއްޓުމެއްނެތި ކަންކަން ބެލޭނެ ގޮތެއް ހަމަޖެހެން ޖެހެ އެވެ.
"މިހާރު އޮންނަ ކޮމެޓީއާ ހިލާފަށް މި ސިނާއަތަށް އަންނަ ބަދަލު 24 ގަޑިއިރު ބެލޭނެ ގޮތެއް ހަދަން އެބަޖެހޭ. އެ ބޭފުޅުންނަށް އެނގޭނެ ދުނިޔެ އަށް އަންނަ ބަދަލު. ރާއްޖޭގެ މާކެޓްތަކަށް އަންނަ ބަދަލު. މިގޮތަށް ގޮސް މުވައްޒަފުންގެ ކަންތައް. މި ހުރިހާ ކަމެއް އެނގޭނެ އެ ބޭފުޅުންނަށް،" ޖަނާ ވިދާޅުވި އެވެ.
ޗައިނާ މާކެޓަށް އިސްތިހާރެއް ނުކުރޭ!
ކޮވިޑް-19 އަށްފަހު ރާއްޖެ ހުޅުވޭއިރު ރާއްޖޭގެ މުހިންމު މާކެޓުތަކަށް ހާއްސަކޮށް ފޯކަސް ކޮށްގެން މާކެޓިން ހަރަކާތްތައް ހިންގަން ޖެހެ އެވެ. ހާއްސަކޮށް ޗައިނާ އިން މީހުން ގެނައުމަށް ވިސްނަން ޖެހެ އެވެ. އެ ގައުމުގެ އެކި މީޑިއަމްތަކުގައި ރާއްޖޭގެ މައުލޫމާތު ދީ އިސްތިހާރު ކުރަން މަސައްކަތް ކުރަން ޖެހެ އެވެ. އެކަމަކު މީގެ އެއްވެސް ކަމެއް ކުރި ކަމެއް މިހާތަނަށް އެމްއެމްޕީއާރްސީން ބުނެފައެއް ނުވެ އެވެ. މީގެ ބަދަލުގައި ގައުމުގެ ސިޔާސީ "ރޯޅި" އެނބުރެމުން ދަނީ އެންމެ ބޮޑު ޓޫރިޒަމް މާކެޓާ ދެކޮޅަށެވެ.
ރާއްޖޭން ހަމައެކަނި ވިސްނަންވީ އިންޑިއާއިން މީހުން ގެންނާކަށް ނޫނެވެ. ދުނިޔެ ހުޅުވެމުންދާ ވަރަށް ރާއްޖެ ދުނިޔޭގައި ކިޔައިދޭން ވެސް ޖެހެ އެވެ. ސުވާލަކީ އެކަން އެބަ ކުރެވޭ ހެއްޔެވެ؟