ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސޮނެވާފުށީގެ ދެވަނަ ނަތީޖާ ނެގެޓިވް

ބ. އަތޮޅުގައި އޮންނަ ސޮނެވާފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެއްޖެ އެވެ.

ސޮނެވާފުށިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑަށް ޓެސްޓް ކުރުމުން އެންމެ ފުރަތަމަ ޕޮޒިޓިވި ނަމަވެސް އަލުން ސާމްޕަލެއް ނަގައި ދެވަނަ ފަހަރަށް ޓެސްޓު ކުރުމުން އޭނާ ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން އެރިސޯޓަށް އަންގާފައިވާ ކަމަށާއި އެހެން ކަމުން އެއީ ފޯލްސް ޕޮޒިޓިވް އެއް ކަމަށް ނިންމާފައިވާ ކަމަށެވެ.

މި ބަޔާނުގައި ބުނެފައި ވަނީ އެ މުވައްޒަފު ޕޮޒިޓިވް ކަމަށް ފުރަތަމަ އެނގުނީ ރިސޯޓުން ރެންޑަމް ސާމްޕަލް ނަގައި ހެދި ޓެސްޓުން ކަމަށެވެ. އޭނާ ޕޮޒިޓިވް ވުމާއެކު، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، އޭނާ އެކަހެރި ކޮށްފައިވާނެ ކަމަށް ވެސް ރިސޯޓުން ބުނެފައިވެ އެވެ.

ސޮނެވާފުށިން މިއަދު މީހަކު ޕޮޒިޓިވް ވި ކަމަށް ފުރަތަމަ އަންގާފައިވާއިރު މިއަދު ބޯޑަރު ހުޅުވުމާއެކު އައި 104 ފަތުރުވެރިންގެ ތެރެއިން ބައެއް ފަތުރުވެރިން އެ ރިސޯޓަށް ވަނީ ގޮސްފަ އެވެ.

ސޮނެވާއިން އިތުރަށް ބުނީ އެ ކުންފުނީގެ ރިސޯޓުތަކަކީ އަބަދުވެސް ފަތުރުވެރިންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އިސްކަންދޭ ކަމަށެވެ. އަދި ސޮނޭވާފުއްޓަކީ ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖއްސާފައިވާ ހަމައެކަނި ރިސޯޓެވެ.