ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސޮނެވާފުށިން ދިވެެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ސޮނެވާފުށި ރިސޯޓުން ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ ކޭހުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ތަސްލީމާ ވިދާޅުވީ އެ މީހާގެ ފުރަތަމަ ނަތީޖާ ޕޮޒިޓިވް ވުމުން ދެވަނަ ޓެސްޓެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށާއި ފުރަތަމަ ނަތީޖާ ޕޮޒިޓިވް ވުމުން ވެސް އެއީ ކޮވިޑަށް ޕޮޒިޓިވް ކޭހެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

"އެ މީހާއާ ގުޅޭ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. މިކަން ނިމުނީމަ އަޅުގަނޑުމެންނަށް އެނގޭނީ މި ބައްޔަށް ޕޮޒިޓިވް ވި މީހާ ދިޔައީ ކޮންކޮން ތާކަށްކަން، އަދި އެހެން މީހަކާ ދިމާވި ކަންސް،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓު ބަންދު ކުރި ނަމަވެސް ސޮނެވާފުށި ބަންދު ކޮށްފައެއް ނުވެ އެވެ. މިއަދު ރާއްޖެ އަލުން ހުޅުވާލުމާ ހަމަޔަށް ވެސް ސޮނެވާ އިން ދިޔައީ ހިދުމަތްތަށް ދެމުންނެވެ.

މިއަދު ބޯޑަރު ހުޅުވުމާއެކު ރާއްޖެ އައި 104 ފަތުރުވެރިންގެ ތެރެއިން ބައެއް ފަތުރުވެރިން ޗުއްޓީ ހޭދަ ކުރަން ދާން އޮތީ ސޮނެވާފުއްޓަށެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވް ވި މީހަކު މިއަދު އެ ރިސޯޓުން ފެނިފައިވާއިރު އެ ފަތުރުވެރިން އެ ރިސޯޓަށް ގެންދިޔަ ކަމެއް ސާފެއް ނުވެއެވެ. އެޗްޕީއޭ އިން މި ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެއް ވެސް ނުވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކޮވިޑް-19 އަށް މިއަދު ސޮނެވާ އިން ޕޮޒިޓިވްވި މީހާ އަކީ ގެސްޓުންނަށް ސީދާ ހިދުމަތް ދޭ މީހެއް ނޫނެވެ.