އާސެނަލް އަތުން 2-1 އިން ބަލިވެ، އިނގިރޭސި ޕްރިމިއާ ލީގްގައި 100 ޕޮއިންޓަށް ވުރެ އިތުރަށް ހޯދުމުގެ ރެކޯޑް ލިވަޕޫލަށް ގެއްލިއްޖެ އެވެ.
މިވަގުތު 93 ޕޮއިންޓާއެކު އޮތް ލިވަޕޫލް ކުރިއަށް ދެ މެޗު ކާމިޔާބު ކުރުމުން ލިބޭނީ 99 ޕޮއިންޓެވެ. ދެން އެ ޓީމަށް އޮތީ ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.
ރޭގެ މެޗުގައި ފެނުނު ތިން ގޯލްވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 20 ވަނަ މިނެޓްގައި ސެޑިއޯ މާނޭ ލިވަޕޫލަށް ލީޑު ނަގައިދިނެވެ.
މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ ލިވަޕޫލްގެ ޑިފެންސަށް ހެދުނު މިސްޓޭކުތަކުން ވަން ގޯލްތަކުންނެވެ. މެޗުގެ 32 ވަނަ މިނެޓްގައި އެލެގްޒެންޑާ ލަކެޒެޓް އާސެނަލް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އާސެނަލްއަށް ލީޑް ނަގައިދިނީ 44 ވަނަ މިނެޓްގައި ރީސް ނެލްސަން އެވެ.
ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ، އެމިރޭޓްސް ސްޓޭޑިއަމްގައި ލިބުނު ލީޑާއެކު ކުޅުންތެރިން ހަމަޖެހިލައިގެން ތިބީ ކަމަށާއި މެޗުން ބަލިވީ އެހެންވެ ކަމަށެވެ.
"މެޗުގެ ބައެއް ކަންކަމާ މެދު އަހަރެމެން މިހުރީ ވަރަށް ދެރަވެފަ އަދި ހިތްހަމަ ނުޖެހިފަ،" ކްލޮޕް ބުންޏެވެ، "މެޗު ރަނގަޅު، ކުޅުންތެރިންގެ އެޓިޓިޔުޑްވެސް ރަނގަޅު، ނަމަވެސް އަހަރެމެންނަށް ލީޑް ލިބުނީމަ ބުރޭކެއް ނެގީ، އެހެންވެ އަހަރެމެން ބަލިވީ."
ލިވަޕޫލް ބަލިވުމުގައި އެންމެ ބޮޑު ގޯސްތަކެއް ފެނުނީ، ޕްރިމިއާ ލީގް ޗެމްޕިއަނަކަށް އެ ޓީމު ވުމުގެ ރޭހުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިން އަތުންނެވެ. ޑިފެންޑަރު ވާޖިލް ވެންޑައިކް އާއި ކީޕަރު އެލިސަން ބެކާ އަތުންނެވެ. ލަކެޒެޓް ލަނޑު ޖެހީ ވެންޑައިކް ފަހަތުގައި ހުރި އެލިސަން އަށް ދޭން އުޅުނު ބޯޅަ ރަނގަޅަށް ނުދެވުމުން ލަކެޒެޓް އެބޯޅަ ހޯދައިގެންނެވެ. ލީޑް ނަގައިދިން ލަނޑުގައި އެލިސަން ދިން ޕާސް ހޯދި ލަކެޒެޓް އެވެ. ބޯޅަ ހޯދައި އޭނާ ވަނީ ނެލްސަން އަށް އެބޯޅަ ތަނަވަސް ކޮށްދީފަ އެވެ.
"ފުޓްބޯޅައިގައި މިކަހަލަ ގޯސްތައް ހަދަންޏާ ޕްރިމިއާ ލީގްގައި މެޗަކުން މޮޅެއް ނުވާނެ، އެހެން ނޫނީ ދެން ޖެހޭނީ ނަސީބު އެހީވެގެން އެ މެޗެއް ކާމިޔާބު ކުރަން،" ކްލޮޕް ވާހަކަ ދެއްކި އެވެ. "އަހަރެމެން މެޗު ފެށީ ވަރަށް ރަނގަޅަށް އަހަރެން ހަނދާނަކަށް ނާދޭ އާސެނަލް އާ ދެކޮޅަށް މިހާ ޑޮމިނޭޓް ކޮށްގެން މެޗު ފެށި ހަނދާނެ އަހަރެން މި ޓީމުގެ ކޯޗް ކަމާ ހަވާލުވި ފަހުން."
އާސެނަލްގެ ކޯޗް މިކަލް އާޓެޓާ ބުނީ، މެޗުން މޮޅުވިޔަސް އޭނާގެ ޓީމުން ގިނަ ކަންކަމެއް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.