ވާހަކަ

ލޯބިން ބުނެލަން

(14 ޖުލައި 2020 އާ ގުޅޭ)

މޭޒުތައް ދޮށުގައި ތިބި ބައެއް ޒުވާނުންގެ ކަތި ނަޒަރުތައް ފިޒާނާ އިށީންނަންދެން ހުއްޓިފައި ހުއްޓެވެ. އެކަމާ ގަޔާނުވި ނަމަވެސް ފިޒާނާއަކީ އެފަދަ ޖާދުވީ އަސަރެއް ލިބިފައިވާ އަންހެންކުއްޖެއްކަން ޔާދިންގެ ހިތަށް ވިސްނައިދިނެވެ. މޭޒު ކައިރިއަށް އައި ވެއިޓަރަށް އޯޑަރު ދީ ނިމުމާއެކު ފިޒާނާގެ ސަމާލުކަން އަތުލުމަށް އޭނާއަށް ޔާދިން ގޮވާލިއެވެ.

"ދެން ބުނެބަލަ... ކޮންތާކު މިހާ ދުވަހު އުޅުނީ؟. ލައިފް ކިހިނެއް؟." ޔާދިން ސުވާލުކުރިއެވެ.

ފަރުވާތެރިކަމާއެކު ފިޒާނާގެ މޫނަށް ޔާދިން ބަލަން އިނީ އޭނާ ވާހަކަދައްކާނޭ އިރެއްގެ އިންތިޒާރުގައެވެ. އޭނާ އެ އަންހެންކުއްޖާ ހޯދަން ކުރި މަސައްކަތް އެނގޭނީ ޚުދު އޭނާއަށެވެ. ފިޒާނާއަކީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށަކަށް ނިސްބާ ކުއްޖެކެވެ. އުމުރުގެ ގޮތުން ޔާދިންއާ އެއްވަރެވެ. ހުސްވި އޭޕްރިލް މަހު ފިޒާނާއަށް ވެސް ފަންސަވީސް އަހަރުވެއްޖެއެވެ. އޭނާއާ ބެހޭ ގިނަ މަޢުލޫމާތު ޔާދިން ހޯދާފައި ވިޔަސް އޭނާއަށް ފިޒާނާ ހުރިތަނެއް ނުހޯދުނެވެ. މާލޭގައި ނެތްކަން އެނގުމުން އޭނާގެ ރަށަށް ވެސް ޔާދިން ދިޔައެވެ. އެއިން އެއްވެސް ކަމެއް ޚުދު އޭނާއަށް ނޫން މީހަކަށް ނޭނގޭނެއެވެ.

"ރަށުގައި..." ފިޒާނާ ބުންޏެވެ.

"ފިޒާ ހޯދަން ތި ރަށަށް އަހަރެން ދިޔައީން. ގެ ހުރީ ކައުންސިލްގެ ބޭނުމަށް ކުއްޔަށް ދީފަ." ޔާދިންއަށް އެނގިފައިވާ މަޢުލޫމާތު އޭނާ ހާމަކުރިއެވެ. ހިސާބެއްގެ ހައިރާންކަމެއް ފިޒާނާގެ ލޮލުން ފާޅުވެލިއެވެ. ހަމައެއާއެކު އެތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ.

"ކަންތައްވީގޮތް ޔާދުއަށް އެނގެއެއްނު. މަންމަ މަޢާފަށް އެދިފައި އެނބުރި ރަށަށްދާން ނިންމީ. އަހަރެންގެ މަންމަ ވެސް ކުށްވެރިކުރީ އަހަރެން. ރަށަށް ދާން ނިންމިއިރު އެނބުރި ގޮސް ވަންނަން ހުރިތަނަކީ މީހަކު ދިރިއުޅެން ކަމުދާވަރުގެ ތަނެއްނޫން. އެހެންނޫނަސް އަހަރެންގެ ދިރިއުޅުން އޮތީ މާލޭގައި... ކިޔެވުމާއި އެކުވެރީންނާއި، ދެން ވެސް އަހަރެންގެ ލައިފާ ގުޅިފައިވި ހުރިހާކަމެއް އޮތީ މިތާ. އެހެންވިޔަސް އަހަރެމެން ކަހަލަ މީހުން ޖެހޭނީ ޔާދުމެންގެ ކުރިމަތީ އިސްޖަހާލަން. ބުނި ކޮންމެ އެއްޗެއް ޤަބޫލުކޮށްލައިގެން ތިބެން." ފިޒާނާގެ މޫނުން މޮޅިވެރިކަން ފާޅުވެލިއެވެ.

"ބައްޕަ އެހާ ހަރުކަށިކޮށްތަ ނިންމީ. އަހަރެން ހަނދާން ހުންނަން ފެށިއިރު ވެސް ތިދެމައިން އުޅުނީ އަހަރެމެން ގޭގައި. އެކަމުގައި މާމައަށްވުރެ ވެސް ބޮޑަށް ޝާމިލުވީ ބައްޕަކަން އެނގޭ. އެހެންވިޔަސް ހަމަ ހީނުވަނީ ބައްޕަ އެހާ ހަރުކަށިވެދާނޭ. އަހަރެން ފިޒާގެ ވާހަކަ ޤަބޫލުނުކުރަނީއެއްނޫން. އެވީކަންތަކުގެ ސަބަބުން ތި ދެމައިން ނުކުމެގެން ދިޔައީކަން އެނގެނީ. އަސްލު ތިދެމައިންނާމެދު ކަންތައްކުރި ގޮތް އެނގޭ ބަޔަކަށް ތިބީ މާމައާއި ބައްޕައެކަނި." ޔާދިންއަށް ބުނެވުނީ ސުވާލު އުފެދިފައި އިނދެއެވެ.

"އަސަދުބެ ގޯހެއްނޫން. މަންމައަށް ފައިސާ ދިން. އަނެއްހެން ބުނަންޏާ ފާޑަކަށް އަހަރެމެން ގަނެލީ. ދިރިއުޅުމުގެ މުހުތާދުތައް ފުރިހަމަކުރަން ބޭނުންވާއިރު އެ ފައިސާގައި ނުހިފާ ވެސް ނެތް ވާކަށް. ހިނގައިދިޔަ ކަންތައް އޮބިގެންދިޔައީ އެހެންވެ. ޔާދު އަހަރެމެންގެ ރަށަށް ދިޔައީމޭ ތިބުނީ. އެހެންވިއްޔާ އަހަރެމެންގެ ގެ ފެންނާނެ. އެ ފެންވަރަށް ހަދާފައި ހުރި ގެއެއް ރަށުގައި އަދިވެސް ވަރަށް މަދު. އެއީ އަސަދުބެ ކޮށްދިންކަމެއް. މަންމައާއި އަހަރެންނަށް ދަތިކަމެއްނެތި އުޅެވޭނޭ ގޮތް ހަމަޖައްސައިދިން. ރަށުގައި ހުރެ ކިޔެވުމުގެ ބަދަލުގައި އަހަރެމެން ދެމައިންގެ ދިރިއުޅުން ހަމަޖެހުނީ ލަންކާގައި. މިހާ ދުވަހު އުޅުނީ އެކޮޅުގައި. އަހަރެންގެ ކިޔެވުމާއި އެކޮޅުގައި ދިރިއުޅުމުގެ ހުރިހާ ޚަރަދެއް ބަލަހައްޓަމުން އައީވެސް އަސަދުބެ. އެއްވެސް ކަމެއް ދައްޗެއްނުވޭ. ދޭތެރެއަކުން އަސަދުބެ މަންމައަށް ގުޅާ އަހަރެމެން ދެމައިންގެ ހާލު ބަލާ. އެހެންވިޔަސް ހަޤީޤީ އުފާވެރިކަމެއް އަހަންނަށް ކޮބާ؟. އެންމެ ފަހުވަގުތު ޔާދުއާ ވެސް ބައްދަލެއްނުވި. ތި ޢާއިލާއާ އަހަރެން ގުޅުން ބާއްވަން އަސަދުބެ ބޭނުންނުވާކަން އެނގޭ. މަންމަ ވެސް އަންގާފައި އޮތީ އެހެން. އެހެންވިޔަސް މަންމައަށްވީ ވަޢުދު އަހަރެން އުވާލީ ގަސްދުގައެއްނޫން. އައި މިސްޑް ޔޫ." ޖަޒުބާތީ ނަޒަރަކުން ޔާދިންއަށް ފިޒާނާ ބަލާލިއެވެ. އެ ބަލާލުމުން އެކަނިވެސް ޔާދިންގެ ހިތުގެ ހިނގުން އަވަސްވެލައިފިއެވެ. އެ ވާހަކަތަކުގައި އެކުލެވިފައިވީ ކިހާ ވަރެއްގެ ހަޤީޤަތެއްކަމުގައި ބެލުން ޔާދިންއަށް މުހިންމެއް ނުވިއެވެ. އޭނާގެ ކުރިމަތީގައި އޭނީ މިހާ ދުވަހު އެ ސޫރައެއް ދުށުމަށް އޭނާގެ ހިތް ތެޅިފޮޅުނު ސޫރައެވެ. ދިގު އިންތިޒާރެއްގެ ނިމުން އައުމުން އޭނާއިނީ ދުވަހަކުވެސް ނުވާވަރަށް އުފަލުންނެވެ.

"އައި މިސްޑް ޔޫ ޓޫ" މޭޒުމަތީ ބާއްވާލެވިފައި އޮތް ފިޒާނާގެ އަތްތިލަ މަތީ ޔާދންގެ ކަނާއަތްތިލަ ބާއްވާލައި ފިރުމާލިއެވެ.

ފިޒާނާ އޯޑަރުކުރި ކާއެއްޗެހި ގެނައުމުގެ ކުރީން ޔާދިންގެ ކޮފީތަށި ގެނެސް މޭޒުގައި ބެހެއްޓިއެވެ. އެއާއެކު ގިނައިރެއްނުވެ ފިޒާނަ އެދުނު ޖޫސްތަށްޓާއި އޭގެ ފަހުގައި އޭނާގެ ކާއެއްޗެހި ގެނެސް މޭޒުމަތި ފުރިއްޖެއެވެ. ކެއުމުގައި ފިޒާނާ މަޝްޢޫލުވެފައި އިންއިރު ޔާދިންގެ ނަޒަރު ހުރީ އެ އަންހެންކުއްޖާ ހުއްޓިފައެވެ. އުފެދޭ ޚިޔާލުތަކާއެކު ދޭތެރެއަކުން އޭނާގެ ތުންފަތް ދެމިލައެވެ.

"ސިންގަލްތަ؟" ނާހާ ނީނދެވިގެން ޔާދިން އަހާލިއެވެ. ފިޒާނާ ހިނިތުންވެލި ގޮތުން ޔާދިން އެހެން އަހާނޭކަން އެނގޭ ކަހަލައެވެ. އިރުކޮޅަކު ޔާދިންއަށް ބަލަން އިނދެފައި ފިޒާނާ ބޯޖަހާލިއެވެ. ޔާދިންގެ ނަޒަރު ހުއްޓިފައި ހުރި ގޮތުން އޭނާއަށް އިތުރު ތަފްސީލު ބޭނުންވަނީއޭ ހީވެ ފިޒާނާ ވާހަކަދެއްކިއެވެ.

"މީހުންނާ ދިމާވި، އެކަމަކު އަހަރެން ބޭނުންވާގޮތެއް އެމީހުންގެ ނެތީ... ކުޑައިރު އުފެދޭ ލޯބި ހަނދާން ނައްތާލުމަކީ އުނދަގޫކަމެކޭ މީހުން ބުނޭ. އެހެންކަންނޭގެ އެވަނީ." މާނަވީ ހިނިތުންވުމެއް ފިޒާނާ ބަދަލުކޮށްލިއެވެ. ޔާދިންގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ. އޭނާ އިސްޖަހާލާފައި ވެސް އަލުން އިސްއުފުލައި ފިޒާނަށް ބަލާލިއެވެ.

"އެހެންވީރު ކުޑައިރުގެ ލޯބި ލިބިއްޖެއްޔާ ޤަބޫލުކުރާނަންތަ؟." ހެވިފައި އިނދެ ޔާދިން އަހާލިއެވެ.

"އޭރު ލިބުންވަރަށްވުރެ އިތުރަށް މިހާރު ބޭނުންވާނެ. އެވަރަށް ދޭން ކެރޭނެބާ؟." ފިޒާނާ ބުނެލިއެވެ. އިހުނަށްވުރެ ޔާދިންގެ ހުނުން ބާރުވިއެވެ. ފިޒާނާގެ މޫނުން ލަދުވެތިކަމެއް ފާޅުނުވިޔަސް ޔާދިން ރަކިވެ އެ މޫނު ރަތްވާގޮތްވިއެވެ. ޒުވާން އުމުރުގެ މިހިސާބަށް އާދެވުނުއިރު ވެސް ޔާދިން ދުވަހަކުވެސް އަންހެންކުއްޖަކާ ގާތްކަމެއް ނުބާއްވައެވެ. އެހެންވިޔަސް އޭނާއަށް ފިޒާނާ އެ ދައްކަނީ ކޮންވާހަކައެއްކަން އެނގެއެވެ. ފަހަރެއްގައި ފިޒާނާ އެބުނާހެން އޭނާއަށް ވެސް ކުޑައިރު އެ ހިތް ދޫވި އަންހެންކުއްޖާގެ މައްޗަށް ޖެހުނު ލޯބި ހިތުން ފިލައިގެން ނުދަނީއެވެ.

"އިތުރުވެ ބަންޑުންވާވަރަށް ވެސް ދެވިދާނެ. އެކަމަކު ހުރިހާ ގޮތަކުން އަހަރެންގެ މީހަކަށް ފިޒާވެއްޖެނަމަ." ޔާދިން ބުންޏެވެ.

"އޭރުން ތިޢާއިލާ... އޭނާ ވެސް ހުންނާނެ، އަސަދުބެއާއި މާމައޯ..." ފިޒާނާ ވާހަކަދެއްކީ ވިސްނައިގެންނެވެ.

"ބައްޕައާއި މާމަ ދުނިޔޭގައި ތިބިހާ ދުވަހަކު އޭނާ ވެސް އުޅޭނީ އަހަރެމެންގެ ތެރޭގައި. އެކަމަކު ދެން އެހެނެއްނުވާނެ. ފިޒާ ބިރުގަންނާކަށް ނުޖެހޭނެ. އަހަރެން ފިޒާއަށް ރައްކާތެރިކަން ދޭނަން. އެއްވެސް ކަމަކާ ފިޒާ ނުވިސްނާ، އެއްވެސް މީހެއްގެ ނުފޫޒެއް ފިޒާގެ މައްޗަށް ނުފޯރާނެ. އަހަރެން ޔަގީންކަންދެން. ފިޒާ ބޭނުންތަ އަހަރެންނާއެކު ގުޅުމެއް ފަށަން." ފިޒާނާއަށް ޔާދިން ދިއްކޮށްލި އަތް މޭޒުމަތީ ބާއްވާލިއެވެ. އޭނާއާ ހަތަރުކަޅި ހަމަކޮށްލަމުން އެ އަތުގެ ތެރޭ ފިޒާނާގެ އަތްތިލަ ބާއްވާލުމާއެކު އޭނާ ބޯޖަހާލީ ޔާދިން ކުރި ސުވާލަށް ޖަވާބު ދިނުމަށެވެ. އޭނާ ޔާދިންއާ ރުހޭކަން ފާޅުކުރުމަށެވެ. ފުޅާ ހިނިތުންވުމަކާއެކު ފިޒާނާގެ އަތްތިލައިގައި ހިފާލައި ޔާދިން ބާރުކޮށްލިއެވެ.

"ފިޒާއަށް ދެން އަހަންނާ ދުރަކަށް ނުދެވޭނެ އިނގޭ. މުޅި އުމުރަށް ފިޒާ ހުންނާނީ އަހަރެންގެ މީހެއްގެ ގޮތުގައި." ޔަގީންކަމާއެކު ޔާދިން ބުނެލިއެވެ.

"އަހަރެން ފުރަން ދެ ދުވަސް ތެރޭ." ފިޒާނާ ބުންޏެވެ.

"ކޮންތާކަށް؟. ކިޔެވުން އަދި ނުނިމޭތަ؟." ޔާދިންގެ މޫނުން މާޔޫސްކަން ފާޅުވެލިއެވެ.

"ކިޔެވުން ނިމިއްޖެ. ޖޮބް އިންޓަވިއުއަކަށް އައިސް ހުރީ. އެކަން ނިމިއްޖެ. އެނބުރި ރަށަށް ދާން ޖެހޭނެއެއްނު. މަންމަ ހުރީ އެކޮޅުގައި." ފިޒާނާ ބުންޏެވެ. އަދި އޭނާ ޔާދިންއަށް ބަލަން އިނީ އެ ދެ ލޮލުން ކަމެއް ދެނެގަންނަ ފަދައިންނެވެ.

"ވަޒީފާ ލިބުނުތަ؟. އަހަރެން ޖޮބެއް ހޯދައިދޭންތަ؟." ޔާދިން ވާހަކަދެއްކިއެވެ.

"އެކަން ނިމިއްޖެއޭ މިބުނީ ވަޒީފާ ހަމަޖެހުނީމަ. ހަފްތާއެއް ފަހުން ނުކުންނަން އެމީހުން ބުނީ. ވަޒީފާއަށް ނުކުންނަން ފެށީމަ މަންމަ ކައިރިއަށް ދެވޭނީ ޗުއްޓީއެއް ލިބޭ ފަހަރަކު. އެހެންވެ މިހާރު ގޮސްލާފައި އަންނަންކަމަށް. އެކަމަކު އަދި ހުންނާނޭ ތަނެއް ވެސް ހަމަނުޖެހޭ. މިހާރު މިހުންނަނީ ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއެއްގައި." ފިޒާނާ ބުންޏެވެ. އޭނާ ދޭން ބޭނުންވި މެސެޖު ޔާދިންއަށް ލިބިއްޖެތޯ ޔަގީންވަންދެން އިތުރު އެއްޗެއް ނުބުނެ ފިޒާނާ މަޑުކޮށްލިއެވެ. ކަމަކާ ވިސްނަން އިންފަދަ ހިމޭންކަމެއް ޔާދިންއަށް ވެރިވެފައި އިނެވެ. އެހެން އިނދެފައި ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ.

"އަހަރެން ތަނެއް ހޯދާ ދިނިއްޔާ ފިޒާ ޤަބޫލުކުރާނަންތަ؟" ޔާދިން އަހާލިއެވެ.

"އެކަމަކު އޭރުން" ޔާދިން އެކުރީ ފިޒާނާ އެދިއެދި ހުރި ސުވާލެވެ. ނަމަވެސް އޭނާ ނޫންގޮތް ދައްކާލިއެވެ. ޔާދިން އަތުން އެފަދަ ޚަރަދެއް ކުރުވަން ނުކެރޭނެއޭ ބުންޏެވެ. އޭނާ އަމިއްލައަށް ކަންކަން ހަމަޖައްސާލީކަމުގައި ބުނިއިރު ވެސް އެގޮތް ޔާދިން ޤަބޫލުނުކުރާނޭކަން އެނގެއެވެ.

"ފިޒާގެ އެއްވެސް ކަމެއް އަހަންނަށް ބޮޑެއްނުވާނެ. އެކަހަލަ ޚަރަދެއް ނުކުރެވޭނޭވަރު މީހެއްނޫން އަހަންނަކީ. އަނެއްކާ ތީ ކޮންމެކޮންމެ މީހެއްނޫން. ތީ މިހާރު އަހަރެންގެ މީހެއް. ފިޒާ މާލެ އަންނަންވީމަ އަހަރެންނަށް ގުޅާ... ނަންބަރު އަދި ނުދެމެންނު، ދީބާ ފޯނު..." ޔާދިން ބުންޏެވެ.

"ޔާދުގެ ނަންބަރު ކިޔާބަލަ، އަހަރެން ނޯޓުކޮށްލަފާނަން..." ފޯނު ދޭން ފިޒާނާ ބޭނުންނުވާތީ ބުންޏެވެ. ޔާދިންގެ ފޯނު ނެގުމާއެކު އޭނާ ފިޒާނާއަށް ނަންބަރު ކިޔާދިނެވެ. ފިޒާނާގެ ނަންބަރު ޔާދިންއަށް އޭނާ މިސްކޯލެއް ދިނީ ނަންބަރު ޚިއްޞާކޮށްލުމުގެ ބޭނުމުގައެވެ.

"ފިޒާ އަންނަންވީމަ އަހަންނަށް ގުޅާ، އެހާތަނަށް ރަނގަޅު ތަނެއް ހަމަޖައްސާފައި ބަހައްޓާނަން. ފުރުމުގެ ކުރިން އަދި ބައްދަލުކުރަން ބޭނުން. ދަތުރު ހަމަޖެހުނީ ކިހިނެއް؟ މަތިންތަ ދަނީ؟." ޔާދިން ސުވާލުކުރިއެވެ.

"އަހަރެން ވެސް ބޭނުން ފުރުމުގެ ކުރިން މީޓުކޮށްލަން. މަތިން ދަނީ. ދެން ލޯންޗުގަ ރަށަށް ދާނީ. އެކަން ހަމަޖެހިފަ ހުރީ." ފިޒާނާ އިނީ ހިތްހަމަޖެހިފައެވެ. ހިތުގައި ފުންލޯތްބެއް ނެތް ނަމަވެސް ޔާދިންއަކީ ގާތްކަން ބާއްވަން ރަނގަޅު ޒުވާނެއްކަމުގައި އޭނާ ދުށްޓެވެ. ސިފައަށް ބެލިޔަސް އެއީ ރީތި ޒުވާނެކެވެ. ފިޒާނާގެ ގާތުގައި ހުންނައިރު ނުހަނު ގުޅޭނެކަން އެނގެއެވެ. ފިޒާނާ އެނބުރި ގޮތަކަށް ޔާދިން އެނބުރޭނޭކަން ޔަގީންވެއެވެ. ފިޒާނާއަށްޓަކައި އޭނާ ޖާނުހުސްކޮށްލާނޭކަން ގައިމެވެ. ހީލަތްތެރިކަން ފޮރުވިފައިވާ ހިނިތުންވުމަކާއެކު ޔާދިންގެ އަތުގެ އިނގިލިތަކުގެ ދޭތެރެއަށް ފިޒާނާގެ އިނގިލިތައް މަހާލިއެވެ.

"ފެމެލީއަށް އަހަރެން ދައްކަން ކެރޭނެތަ؟" ފިޒާނާ އެއްސެވެ.

"ކީއްވެ ނުކުރޭންވީ؟" ފިޒާނާގެ ހަރަކާތުން ހިތްހަމަޖެހިފައި އެ އަތުގައި އިނގިލިތަކާ ކުޅެލަކުޅެލާ ޔާދިން އިނެވެ.
މޭޒުމަތީ އޮތް ޔާދިންގެ ފޯނު ރިންގުވީ އެވަގުތެވެ. ބައްޕަގެ ނަން އިސްކުރީނުން ފެނުމުން އޭނާގެ ހަށިގަނޑު ސީދާވެލިއެވެ. މޫނުގައިވި ހިނިތުންވުން ފިލައި މީހާ ސީރިއަސްވެއްޖެއެވެ.

"ސޮރީ ޑޭޑް. ހަނދާންނެތިފަ އިނދެވުނީ. މިދަނީ... ނޫން، ބޭރުގައި، މީހަކާ ބައްދަލުކޮށްލީ... މިދަނީ..." ޔާދިން ވާހަކަދެއްކިއެވެ. އެސްފިޔަ ޖަހާލުމެއްނެތި ފިޒާނާ އިނީ ބަލާށެވެ. ޔާދިންއަށް އައި ބަދަލު އޭނާއަށް ފާހަގަވިއެވެ.

"ދާންޖެހުނީ ދޯ." ޔާދިންގެ ކޯލު ނިމުނުކަން އެނގުމާއެކު ފިޒާނާ ބުނެލިއެވެ.

"މަންމަ ބަލާ ދާން ބުނެވިފަ އޮތީ. ހަނދާންނެތިފަ މިއިދެވުނީ... ފިޒާ ފެނުނީމަ ކިހިނެއްތަ އެހެންކަމެއް ހަނދާން ހުންނާނީ." ހީނލަމުން ޔާދިން ބުންޏެވެ.

"ފިޒާ ނިމިއްޖެއްޔާ ހިނގާ އަހަރެން ޑްރޮޕްކޮށްލަދީފާނަން." ޔާދިން ބުންޏެވެ.

"މިފަހަރު ޔާދު ދޭ. އަހަރެން އަދި މަޑުކޮށްލާނީ." ފިޒާނާ ބުންޏެވެ.

"އަހަރެން ފަހުން ގުޅާނަން. ފޯނު ނަގައްޗޭ." ޔާދިން ބުންޏެވެ. ފިޒާނާ ބޯޖަހާލީއެވެ. މޭޒުދޮށުން ޔާދިން ތެދުވެ ހިނގައިގަންނަމުން ފިޒާނާގެ ކޮނޑުގައި އޭނާ ފިރުމާލިއެވެ. ދަނީކަމުގައި ބުނެއެވެ. ދެން އައިސް ބިލަށް ފައިސާ ދެއްކިއެވެ. ތިރިއަށް ދިއުމަށް ސިޑިއާ ދިމާއަށް އަންނަމުން ވެސް ފަހުފަހަރަށް ޔާދިންގެ ލޯ ފިޒާނާއަށް އަމާޒުވެލިއެވެ. އެތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައިވެއެވެ.

* * * * *

ކާރުން ފޭބިގޮތަށް ހަލުވިކޮށް އައިސް ކެންޒާ ގެއަށް ވަނެވެ. އޭރު ރޭގަނޑު ހަތްގަޑި ބައިވަނީއެވެ. އޭނާއަށް ވީގޮތެއް ނޭނގޭތީ މަންމަ ގުޅުމުން ކެންޒާ ދޮގު ހެދީއެވެ. ލައިތުގެ ގާތުގައި ހުރިކަން ބުނަން ނުކެރުނީއެވެ. މިންނާއަކީ އަބަދުވެސް ކެންޒާއަށް އިތުބާރުކުރާ މަންމައެކެވެ.

ކެންޒާމެން ގޭ ދޮށުން ލައިތު ކާރު ދުއްވާލިއެވެ. އޭނާ އައިސް ގެއަށް ވަންއިރު ބޮޑުކޮޓަރީގައި އެންމެން އުޅެއެވެ. އޭނާއަށް ކަސްތޫރީއާއި އަސަދުގެ ނަޒަރު އަމާޒުވެފައި ހުއްޓެވެ. ގޮވާލާނީ މާމަކަމަށް ހީކުރި ނަމަވެސް އެތަނުން ދާން ލައިތު އަވަސްވެލި ހިނދު އިވުނީ ފަރުޒީނުގެ އަޑެވެ. މޮޔަ ހިންޏެއް އައިސްފައި ފަރުޒީނުގެ ގާތުގައި ސެހްރާނު އިނެވެ. ދެވަނަ ފަހަރަށް ފަރުޒީނު ގޮވާލިއެވެ. އޭނާގެ ކަނާއަތްފަރާތުގައި ސޯފާގައި އޮތް ހުސްޖާގައިގަ އަތުން ޖަހާލިއެވެ. ދާން ބޭނުންނުވެފައި ހުރެ ލައިތު އައެވެ. ފަރުޒީނު އަތުން ޖަހާލި ތަނުގައި އޭނާ އިށީނެވެ.

"ލައިތު... ނުވެސް ފެނޭ... ކޮންތާކު އުޅެލާފައި ތިއައީ." އެންމެންގެ ތެރެއަށް އައި ޒުބިން ބުނެލިއެވެ. އޭނާގެ އަތުގެ ތެރޭގައި އިލިޔާނާ އިނެވެ. އެއްޗެކޭ ބުނަން ނޭނގި ލައިތަށް އިނދެވުނީ ޒުބިންއަށް ބަލާށެވެ. އޭނާގެ ސިކުނޑީގައި ކެންޒާގެ ޚިޔާލުތައް އެނބުރެންފެށިއެވެ.

ޒުބިންގެ ސޫރައަށް ލައިތު ބެލިއެވެ. ކެންޒާއަށް ޒުބިން ކަމުދިޔައީ ކޮންގޮތަކުންތޯ އަމިއްލަ ހިތާ ސުވާލުކުރެވުނެވެ. އެ ހިތުން އޭނާއަށް ތަކުރާރުކޮށް އެދެވުނީ ދުވަހަކުވެސް ކެންޒާއާ ޒުބިން ދިމާނުވުމަށެވެ. ކުރިން ޒުބިންގެ މައްޗަށް ނުވާ ރުޅިވެރިކަމެއް ލައިތުގެ ނަފްސަށް ވެރިވެއްޖެއެވެ. ކެންޒާއާ ދިމާއަށް ޒުބިން ބަލާލަން ވެސް ލައިތުގެ ހިތެއް ނޭދެއެވެ. އެދެމެދުގައި ގުޅުމެއްނެތޭ ކެންޒާ ބުނިބުނުން ލައިތު ޤަބޫލުކުރެއެވެ. އެހެންވިޔަސް އޭނާއަށް ލިބޭ ނުތަނަވަސްކަން ކުޑައެއްނުވިއެވެ. މިހާރަށްވުރެ ވެސް ލައިތު ސަމާލުވާން ޖެހޭނޭކަން އޭނާގެ ހިތާއި ސިކުނޑި ބުންޏެވެ. އެގެއަށް ކެންޒާ އަންނަކަން ޒުބިންއަށް އެނގިއްޖެއްނަމަ ކަންތައްވާނެ ގޮތަކާމެދު ލައިތުއަށް ވިސްނާލެވުނެވެ. މަޑުމަޑުން ލައިތުގެ ނަޒަރު ސަރަފީނާގެ ގާތުގައި އިން ލައިރާއަށް ހުއްޓުނެވެ.

"ދޮންއަށް މިހުރިހާކަމެއް އެނގޭތަ؟. ޕެންޑާ... ޝީ ލައިކްސް ޕެންޑާ. ޒުބިން ބޭނުންވަނީ ޕެންޑާތަ؟. ނޯ... ޝީ އިޒް މައިން." ލައިތުގެ ސިކުނޑީގައި ހިނގަމުންދިޔަ ޝުޢޫރުތަކުގެ އަސަރެއް އޭނާގެ މޫނަކުން ފާޅެއްނުވެއެވެ.

"ބްރޯ..." ޒުބިންއަށް ޖަވާބެއް ނުދީ އޭނާއަށް ކަޅިހުއްޓާލައިގެން ލައިތު އިންނާތީ ސެހްރާނު ގޮވާލިއެވެ.

"ޒުބިންބެއަކީ ކާކަން ނޭނގުނީ ކަންނޭނގެ." ޖިނާނު އިނދެފައި ބުންޏެވެ. އޭރު އޭނާގެ ގާތުގައި އިން ޔާދިންގެ ނަޒަރު ހުރީ ލައިތަށް ހުއްޓިފައެވެ.

"ފިޒާ އަހަރެން ހޯދަން އައި ވާހަކަ އޭނާ ގާތު ސެހެރް ބުނެދާނެތަ؟. އެކަމަކު ސެހެރްއަކަށް ނޭނގޭނެ ފިޒާއެއް." ޔާދިންއަށް ވިސްނާލެވުނެވެ.

(ނުނިމޭ)