ސޮބާހު މުހައްމަދަކީ ރާއްޖޭގައި އުފެދުނު މޮޅު ޑިފެންޑަރެކެވެ. ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ފަހަތުގައި އޭނާ ހުރެގެން އެ ދެ ޓީމު ހޯދި ކާމިޔާބީތައް ގިނަގުނަ އެވެ. ގައުމީ ފުޓްބޯޅަ ޓީމު މިހާތަނަށް ތައްޓެއް ހޯދި ހަމައެކަނި މުބާރާތް ކަމަށްވާ 2008 ގެ ސާފް ޗެމްޕިއަންޝިޕުގައި ޓީމުގެ ފަހަތުގައި ހުރި މައި އެއް ތަނބަކީ އޭނާ އެވެ.
ވިކްޓަރީ 2002 ވަނަ އަހަރު ގައުމީ ތަށި މިލްކުރިއިރު މައުރޫފް އަހުމަދު (މާއްޓޭ)ގެ ޓީމުގެ ފަހަތުގައި އިސްކޮށްހުރި އެކަކީ އޭނާ އެވެ. ނިއު އެފްއޭކަޕް މިލްކުކުރި އިރު އެއިރު ޓީމުގައި ހުރި އެންމެ ހަރު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އޭއެފްސީ ކަޕުގެ ސެމީ އަށް ނިއު ދަތުރު ކުރިއިރު ވެސް ސޮބާ މުހިންމު ދައުރެއް އަދާކުރި އެވެ. ރެލިގޭޓްވާން ދަނިކޮށް ވިކްޓަރީ ސަލާމަތްކުރި ހިތްވަރުގަދަ ކެޕްޓަނަކީ ވެސް އޭނާ އެވެ. ކުރުކޮށް ބުނާނަމަ ސޮބާ އަކީ ޗެމްޕިއަނެކެވެ. އެކަމަކު މިހާރު އޭނާ ޗެމްޕިއަނަކަށް ވާން މިޖެހެނީ ކޯޗެއްގެ ގޮތުގަ އެވެ.
ކާމިޔާބު ކޮންމެ ކުޅުންތެރިއަކަށް މޮޅު ކޯޗަކަށް ނުވެވޭނެކަން ދިވެހި ސަޕޯޓަރުންނަށް ވެސް ވަނީ ފެނިފަ އެވެ. އެއީ މުޅިން އެހެން ހުނަރެކެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ގޮވައިގެން ގައުމީ ފައިނަލަށް މިއަދު ސޮބާ ނުކުންނައިރު އެ ހުނަރު އޭނާގެ ކިބާގައި އެބަހުރި ހެއްޔެވެ؟
މެޗުތެރޭގައި ގެންނަންޖެހޭ ކޮންމެ ބަދަލެއް ޖެހިލުމެއްނެތި ސޮބާ ގެނެ އެވެ. އޭނާ ބޭނުންވާ ފެންވަރަށް ނުކުޅޭނަމަ ނުވަތަ ފީކަޅާ ހަދާނަމަ ކިތަންމެ މޮޅު ކުޅުންތެރިއަކު ވެސް ޓީމަށް ނުނަގާނެކަން އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ. ޓީމުގައި ގިނައިން ތިބީ އޭނާއާއެކު ކުޅެފައިވާ ކުޅުންތެރިންނަށްވި ނަމަވެސް ކޮންމެ ކޮންމެ ގޮތެއް ވަރިހަމަވެގެން ނޫޅެ އެވެ. ކުޅުންތެރިންގެ އިތުބާރާއި އިހުތިރާމް ހޯދަ އެވެ.
ހާއްސަކޮށް ބެންޗުގައި އޭނާ ފިޔަވައި އެހެން މީހުން ގޮތްކިޔައި ހަދައި ޓީމުގެ ކޮންޓްރޯލް އަމިއްލަ އަތުން ދޫކޮށްނުލަ އެވެ. މިކަންކަމަށް ބަލާއިރު ކޯޗިންގެ އެންމެ މަތީ ފާސް ނެތަސް ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ލިބުނު ތަޖުރިބާގެ އަލީގައި ކޯޗެއްގެ ދައުރު ސޮބާ އަދާ ކުރާކަމަށް ގަބޫލުކުރެވިދާނެ އެވެ. އޭނާގެ ޓީމު މިވަގުތު އޮތީ ދިވެހި ޕްރެމިއާ ލީގުގެ ވެސް އެއްވަނާގަ އެވެ.
މިއަދުގެ ފައިނަލަކީ ހަގީގަތުގައި ސޮބާގެ ކޯޗިންގެ ކެރިއަރުގެ ފެށުމެވެ. ރާއްޖޭގެ އެންމެ ފަހުރުވެރި ތަށި ހޯދަން އޭނާ ވާދަކުރަން މިޖެހެނީ ކުރީގެ އެދުރުބެއަކާ އެވެ. ނިއުއާ ދެކޮޅަށް ނުކުންނަ މާޒިޔާ ޓީމުގައި ހުރި ކޯޗު އަލީ ސުޒޭނަކީ ސޮބާގެ ކުރީގެ ކޯޗެވެ. ސުޒޭންގެ ކޯޗިން ކެރިއަރުގެ ބޮޑެތި ކާމިޔާބީތަކުގައި ކުޅުންތެރިއެއްގެ ގޮތުން ސޮބާގެ ހިއްސާ ބޮޑެވެ. މިހެންވެ ދެ ކޯޗުން ވެސް ވަނީ މެޗުގެ ކުރިން އެކަކު އަނެކަކަށް ތައުރީފްކޮށްފަ އެވެ.
"ސޮބާ އެވަނީ އެންމެންގެ އިހްތިރާމް ހޯދާފައި. ސޮބާއާ ދެކޮޅަށް ނުކުތުމަކީ އަހަރެންގެ ހުވަފެނެއް،" މުބާރާތުގެ ސެމީ ފައިނަލް މެޗަށް ފަހު ސުޒޭން ބުންޏެވެ.
ސޮބާ ބުނީ ނިއުގެ ކޯޗުކަން ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އޭނާ ހުރެގެން ނިއު އަށް ކާމިޔާބު ލިބެން ރާއްޖޭގެ ގިނަ ކޯޗުން ބޭނުންނުވާ ކަމަށެވެ.
"މިއީ ފަސޭހަ ކަމެއް ނޫން. ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބު ނިއުރޭޑިއަންޓަކީ. މި މަގާމުގައި ކޮންމެ މީހަކު ހުއްޓަސް އިހްތިރާމް ދިނުން އަހަރެން އެދެނީ. އަހަރެންގެ އަތުގައިނެތް އޭ ލައިސަންސެއް. އެކަމަކު ކުޅުންތެރިއެއްގެ ގޮތުގައި ހުރެގެން ލިބުނު ތަޖުރިބާއަކީ ކޯޗިންގައި ކުރިއަށްދާން ލިބޭ ހިތްވަރެއް. މިއީ އަހަރެންގެ ފެށުން. ނިއު އަށް ކާމިޔާބު ހޯދައިދޭން އަހަންނަށް ކުރެވެން ހުރި ކޮންމެ ކަމެއް ވެސް ކުރާނަން،" ސޮބާ ބުންޏެވެ.
މިއަދުގެ ފައިނަލަކީ ސޮބާ އަށް ގޮންޖެހުން ބޮޑު ފައިނަލެއްވެސްމެ އެވެ. ނިއު އަކީ އެންމެ ފަހުގެ ތިން އަހަރުގެ ގައުމީ ޗެމްޕިއަން އެވެ. ހަތަރު ވަނަ ފަހަރަކު ތަށި ލިބިއްޖެނަމަ ވިކްޓަރީ ޖެހިޖެހިގެން ހަތަރު ފަހަރު ހޯދައިގެން ހަދާފައިވާ ރެކޯޑާ ހަމަހަމަކުރެވޭނެ އެވެ. ވިކްޓަރީ އެ ރެކޯޑް ހެދީ ސޮބާ ވެސް އެ ޓީމުގެ ފަހަތުގައި ހުރެގެންނެވެ. މިހެންވެ ނިއު އަށް ކޯޗެއްގެ ގޮތުން އެ ރެކޯޑް ހޯދައިދެވިއްޖެނަމަ އޭނާ ވާނީ އަނެއްކާ ވެސް ތާރީހީ ޗެމްޕިއަނަކަށެވެ. މާޒިޔާ ބަލިކުރެވިއްޖެނަމަ ގައުމީ ތަށި ހޯދި ޓީމުތަކުގެ ލިސްޓަށް މާޒިޔާނައީ އޭނާގެ ސަބަބުން ކަމަށް ބުނެ އެންމެންވެސް ތައުރީފްވެސް އޮހޭނެ އެވެ.