ބޮލީވުޑް އެކްޓަރު ރަންބީރު ކަޕޫރާ ވައްތަރު ކަމުން ގިނަ ބަޔެއްގެ ލޮލުގައި ޖުނައިދު ޝާހު އަލައިގަތެވެ. އަދި އިސާހިތަކު އޭނާއަށް އިންޓަނެޓުގައި ބޮޑު މަޝްހޫރު ކަމެއް ލިބިގެން ދިޔަ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުއްލިއަކަށް ހިތް ހުއްޓިގެން ޖުނައިދު ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ.
ޖުނައިދުގެ އަވަށްޓެރިޔެއް ކަމަށްވާ ޔޫސުފް ޖަމީލުގެ ޓުވިޓާ އެކައުންޓުން ޕޯސްޓްކުރި މެސެޖެއްގައި ޖުނައިދު މަރުވިކަން ވަނީ ޔަގީން ކޮށްދީފަ އެވެ.
"މީހުން ބުނޭ އޭނާއާ ބޮލީވުޑް އެކްޓަރު ރަންބީރާ ވައްރަށް ވައްތަރޭ. ނަމަވެސް އަހަރެން ބުނާނީ އޭނާއަކީ އޭނާގެ ބަލި ބައްޕަ އާއި މުސްކުޅި މަންމަގެ އަދި މުޅި ކަޝްމީރުގެ އުންމީދާއި ހިތްވަރާ ގުޅިފައިވި މީހެކޭ،" ޔޫސުފު ޖަމީލުގެ ޓުވީޓްގައި ވެއެވެ.
ޖުނައިދު ކުއްލިއަކަށް މަޝްހޫރުވީ 2014 އަހަރު އެވެ. އެއީ ރަންބީރުގެ ފޭނުން ތަކަކަށް ޖުނައިދުގެ ފޮޓޯތަކެއް ފެނިގެން އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރު ކުރަން ފެށުމުންނެވެ.
އޭރު ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ގަދަވެ ސަލާމަތުން ދުނިޔޭގައި ހުއްޓެވެ. އަދި އޭނާއަކީ ޓުވިޓާގައި ވަރަށް ހަރަކާތްތެރިކޮށް އެ ދުވަސްވަރު އުޅުނު މީހެކެވެ. އެހެންވެ ޖުނައިދުގެ ފޮޓޯތައް ރިޝީގެ ލޮލުގައި ވެސް އަޅައިގަތެވެ. އަދި މިކަމާ ގުޅޭ ގޮތުން ޚުދް އޭނާ ވެސް ޓުވީޓް ކޮށްފައި ވެއެވެ.
ރިޝީގެ ޓުވީޓްގައި ބުނެފައިވަނީ ބަލާބަލާ ވެސް އޭނާގެ ދަރިފުޅާއި ޖުނައިދާ ދެ މީހުންގެ ނުވައްތަރު ތަންކޮޅެއް ނުފެނުނު ކަމަށެވެ.
"އޯ މައި ގޯޑް. މަގޭ ދަރިފުޅުގެ ޑަބަލް އެއް. ހުވާ ކޮށްފަ ބުނަން މިއަށް ވުރެ ރަނގަޅު ޑަބަލް އެއް ނުފެންނާނެ،" ރިޝީ އެ ދުވަސްވަރު ކޮށްފައިވާ ޓުވީތެއްގައި ބުނެފައި ވެއެވެ.
ރިޝީ މިހެން ބުނެ ރަންބީރު އާއި ޖުނައިދު ވައްތަރުކަން ޔަގިން ކޮށްދިނުމާއެކު ޖުނައިދު އަށް މޮޑެލް ކުރުމުގެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަ އެވެ. އަދި ކަޝްމީރުގައި އިންޑިއާއިން ކޮންޓްރޯލް ކުރާ ފަޅީގައި ދިރިއުޅުނު މި ޒުވާނާއަކީ ކަޝްމީރުގެ އައިކަން އެއްގެ ގޮތުގައި މީހުން ދެކެން ފެށި އެވެ.