ދުނިޔެ

އަމިއްލަ ސަލާމަތަށް ނަސޯރާއިން ހަތިޔާރު ގެންގުޅެން ގޮވާލައިފި

Oct 4, 2015

އެމެރިކާގެ ޓެނެސީގެ ކޮލެޖެއްގައި ބަޑިން ހަމަލާދީ ނުވަ މީހުން މަރާލާފައި ވަނިކޮށް، ނަސޯރާއިން އަމިއްލަ ރައްކަލަށް ބަޑި ގެންގުޅެން އެ ސްޓޭޓްގެ ލެފްޓިނެންޓް ގަވަރުނަރު ގޮވާލައްވައިފި އެވެ.

ގަވަރުނަރު ރޮން ރަމްސީ މިހެން ވިދާޅުވީ ކޮލެޖުގައި ބަޑިން ހަމަލާދިން މީހާގެ އަމާޒަކީ ނަސޯރާއިން މެރުން ކަން ހާމަ ވެފައި ވަނިކޮށެވެ. މި ހަމަލާގައި އަނިޔާތަކާއެކު ސަލާމަތްވި ކުއްޖަކު ކިޔައިދިން ގޮތުގައި މި ހަމަލާދިން މީހާ ކުލާސްރޫމަށް ވަނުމައްފަހު ފުރަތަމަ ބަޑިޖެހީ ޓީޗަރު ބޮލަށެވެ. ދެން ހުރިހާ ދަރިވަރުންކައިރީ ބިމަށް ތިރިވުމަށް އެންގުމަށްފަހު ވަކި ވަކިން ދަރިވަރުން ކޮޅަށްނަގައި، ތަބާވަނީ ކޮން ދީނަކަށްތޯ އެހުމައްފަހު ކްރިސްޓިއަނެއް ނަމަ ބަޑިން ހަމަލާދެމުން ދިޔަކަމަށް މިހަމަލާއިން ސަލާމަތްވި ކުދިންނާ ހަވާލާދީ މީޑިޔާގައި ރިޕޯޓްކޮއްފައިވެއެވެ.

ހަމަލާދިން މީހާ މަރުވީ ފުލުހުން އޭނާ ހައްޔަރު ކުރުމަށް ކުރި މަސައްކަތުގައި ދެފަރާތުގެ މެދުގައި ބަދަލު ކުރެވުނު ބަޑީގެ ހަމަލާތަކުގައެވެ.

ރަމްސީ ވިދާޅުވީ ދުޝްމަނުން ތިބީ ހަތިޔާރު އަޅައިގެން ކަމަށާއި، ނަސޯރާއިން ވެސް ހަތިޔާރު ގެންގުޅެން ވެއްޖެ ކަމަށެވެ. އަދި މި ހަމަލާ ދީފައިވަނީ ސީދާ އަގީދާއަށް ކަން ވަރަށް ސާފު ކަމަށާއި ދީނާއި މެދު ސީރިޔަސް ނަމަ، ބަޑިއެއް ގެންގުޅެން ޖެހޭ ހާލަތު އައިއްސި ކަމަށެވެ.

އެމެރިކާގެ އެހެން ބައެއް ސިޔާސީ ވެރިން ގެންދަނީ ރަމްސީގެ ވާހަކައަށް ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ބުނަނީ މިއީ ހަތިޔާރު ހުރުމާއި ނެތުމުގެ މައްސަލައެއް ނޫން ކަމަށާއި މިއީ އެމެރިކާގެ މުޖްތަމައުގެ ނަފްސާނީ ހާލަތު ދައްކުވައިދޭ ހާދިސާއެއް ކަމަށެވެ. މި ފަހަކަށް އައިސް ހަތިޔާރު ގެންގުޅުމުގެ ހުއްދައާއި މެދު އެމެރިކާގައި ހޫނު ބަހުސް ތަކެއް ކުރެވެމުން ދެއެވެ.