ވާހަކަ

ލޯބިން ބުނެލަން

(16 ޖުލައި 2020 އާ ގުޅޭ)

"ފިޒާ އަހަރެން ހޯދަން އައި ވާހަކަ އޭނާ ގާތު ސެހެރް ބުނެދާނެތަ؟. އެކަމަކު ސެހެރްއަކަށް ނޭނގޭނެ ފިޒާއެއް." ޔާދިންއަށް ވިސްނާލެވުނެވެ.

ފިޒާނާއާ ބައްދަލުވިކަމާއި އޭނާއާ ބެހޭ އެއްވެސް ކަމެއް ލައިތަށް އެނގެން ޔާދިން ނޭދެއެވެ. ހަމައެއާއެކު އޭނާއަށް ކެންޒާއާ މެދު ވިސްނާލެވުނެވެ. ލައިތުގެ ހަޤީޤަތް ކެންޒާއަށް ނޭނގޭކަން ޔާދިންއަށް އެނގެއެވެ. އޭނާ ކެންޒާއާ ޚިއްޞާކުރިނަމަ ޔާދިންއަށް ކެންޒާގެ ކުރިމަތީ ދޮގެއް ނުހެދުނީހެވެ. އޭނާ ކެންޒާއަށް އޮޅުވާލަމުން އަންނަކަން ލައިތަށް އެނގިއްޖެނަމަ އޭނާ ވެސް މަޑަކުން ނުހުންނާނެއެވެ. ކެންޒާ ވެސް ހުރިހާ ވާހަކައެއް ލައިތަށް ކިޔައިނުދެނީތާއޭ ޔާދިންގެ ހިތަށް އެރިއެވެ.

* * * * *

އިލިޔާނާ ގޮވައިގެން ހަވީރު ދުއްވަން ނުކުމެ އުޅެފައި އެނބުރި އެޕާޓްމެންޓަށް އައިސް ވަދެވުމާއެކު ޒުބިންގެ ސަމާލުކަން ލައިރާއަށް ހުއްޓުނެވެ. މިފަހަކަށް އައިސް ލައިތުގެ ޢަމަލުތައް އޭނާއާ މެދު ހުރި ގޮތް ޒުބިންއަށް ފާހަގަވީއެވެ. އޭނާއާ މެދު ލައިތު ގަޔާނުވެޔޭ ހިތްބުނީއެވެ. އެހެން އެކަންވާން އޮންނާނީ އެންމެ ގޮތެކޭ ޒުބިންއަށް ހީވީއެވެ. ދެމީހުން ވަރިވާން ނިންމާފައި އޮތްކަން މައިންބަފައިންގެ ގާތުގައި ބުނުމުގެ ކުރީން ލައިތުގެ ގާތުގައި ބުނީތޯ ޒުބިންއަށް ލައިރާ ގާތު އަހާލެވުނެވެ.

"ޑިވޯސް...ޑިވޯސް..." ޒުބިންގެ ވާހަކަތަކުން އިވިގެން އިލިޔާނާ އެ ލަފުޒު ކިޔާލިއެވެ. ލައިރާ ކަންބޮޑުވިއެވެ. ދަރިފުޅަށް ވެސް ނަގައިގަންނަން އެނގުނު ލަފުޒަކީ އެއީކަމަށްވުމުން އެކަމާ ވަކިން ލައިރާ ދެރަވިއެވެ. އެ ލަފުޒުގެ ހަޤީޤަތް އެކުއްޖާއަށް އެނގުމުން ވާނޭ ގޮތް މިހާރު ވެސް ލައިރާއަށް އަންދާޒާ ކުރެވެއެވެ. ޒުބިންއާ ހެދި އެވަރުން އުޅޭ ކުއްޖަކު ދުރުކޮށްލަން ޖެހުމުން އެ ތުއްތު ހިތް ފަޅައިގެންދާނޭކަން ގައިމެވެ.

"މިވަގުތަކުނޫން..." ލައިރާއަށް ބުނެވުނެވެ.

"އަހަރެން ގެއަށް ބަދަލުވާން މިވިސްނަނީ." ޒުބިން ބުންޏެވެ. އެ އަޑު އިވިފައި ލައިރާގެ ހަރަކާތްތައް ހުއްޓުނެވެ. ކުޅޭވަށިގަނޑުގައި އެލިގަނެގެން އުޅުނު އިލިޔާނާއަށް ލައިރާ ބަލާލިއެވެ. ދެން އެނބުރި ޒުބިންއަށް ބަލާލިއެވެ. ހަލުވިކޮށް އައިސް ޒުބިންގެ އަތުގައި ލައިރާ ހިފިއެވެ. ދެން ފެނުނީ ޒުބިން ގޮވައިގެން ގޮސް ކޮޓަރިއަށް ލައިރާ ވަންތަނެވެ. ދޮރުލައްޕާލުމާއެކު ލައިރާގެ ނަޒަރު ޒުބިންއަށް ހުއްޓުނެވެ.

"ހުރިހާކަމެއް ނިމެންދެން މިގޭގައި މަޑެއްނުކުރެވޭނެތަ؟. އަހަންނަކަށް ނޭނގެ އިލީ ގާތު މިވާހަކަ ދައްކާނޭ ގޮތެއް." ލައިރާގެ އަޑުން ވެސް އޭނާއަށް ކަމަކަށް ތަޙައްމުލުނުކުރެވިގެން އުޅޭކަން އެނގޭހާ ވެއެވެ.

"އަހަރެން މިގޭގައި އުޅޭނަމަ އިލީއަކަށް ވެސް ދުރުވާން ފުރުޞަތެއް ނުދެވޭނެ. ލައި، އެކުއްޖާގެ ހިތްހަލާކުނުވާނޭ ގޮތަކަށް މިކަން ނިމުމަކަކަށް ނާންނާނެ، އެކަމަކު މީ މިކަން ވާންއޮތް ގޮތް، ލައި މާބޮޑަށް ލަސްކުރަނީ... ލައިއަށް ބުނަން ނުކެރޭނަމަ އަހަރެން ބުނަންތަ؟. އަހަރެން ލައިރާއާ ވަކިވާން ނިންމިކަން އަހަރެންގެ މައިންބަފައިން ގާތު ވެސް ބުނާނަން. އެމީހުން ނުރުހޭނެކަން އެނގޭ. އަހަރެންދެކެ އިންތިހާއަށް ރުޅިއަންނާނެ، އެކަމަކު އެމީހުން މިކައިވެނި ހަމަޖެއްސީ އަހަރެންގެ ރުހުމެއްނެތި. އެހެންވެ ފުރަތަމަ ދުވަހުވެސް ލައިއަށް ހުރިހާ ކަމެއް ކިޔާދިނީ." ޒުބިންއަށް އެވާހަކަ ލައިރާ ގާތު ތަކުރާރު ކުރެވުނު އަދަދެއް ނޭނގެއެވެ. ލައިރާ އެއްބަސްވެފައި އޮތަސް އޭނާ މިހާރު އެގޮތް ބޭނުންނުވަނީއޭ ޒުބިންއަށް ހީވާން ފަށައިފިއެވެ.

"ލައި..." ލައިރާ އައިސް އެނދުގައި އިށީނުމުން ޒުބިން ގޮވާލިއެވެ. ލަސްގޮތަކަށް އައިސް ލައިރާގެ ކުރިމަތީ ޒުބިން ހުއްޓުނެވެ.

"ލައި އަސްލު ކަންބޮޑުވަނީ ކޮންކަމަކާ؟." ޒުބިން އަހާލިއެވެ.

"އިލީގެ ބައްޕަތީ." އިސްޖެހިފައި އިނދެ ލައިރާ ބުންޏެވެ.

"އައި ނޯ. އަހަރެން އެހެން ސެޓްފިކެޓްގައި ނުޖެހިނަމަ ލައިއަށް ވާނީ ކިހިނެއް؟. ކޮންމެގޮތެއް ވިޔަސް އަހަރެމެން ތިބީ އިނދެގެން. އަހަރެން ލައިއަށް އެކަހަލަ މިނިވަންކަމެއް ދީފަ އޮތްކަން އެހެންމީހުންނަށް އެނގުން މުހިންމެއްނޫން. އަދި އެވީކަންތަކުން އަހަރެން ލައި ކުށްވެރިއެއް ވެސް ނުކުރަން. އައި ސްޓިލް ރެސްޕެކްޓް ޔޫ. އެކަހަލަ ކަމެއް ވެދާނޭކަން އަހަރެން އަންޑަސްޓޭންޑްވޭ. ލައި... އަހަރެމެން ދެމީހުން ދުރުގައި އުޅުނަސް އިލީގެ ކަމެއް ޖެހިއްޖެނަމަ އަހަރެން ހުންނާނެ، ބައްޕައަކު ކޮށްދޭން ޖެހޭ ހުރިހާކަމެއް އަހަރެން ކޮށްދޭނަން. އެއީ ކޮންމެހެން ސެޓްފިކެޓުގައި ބައްޕަގެ ގޮތުގައި އަހަރެންގެ ނަން ޖެހިފައ އޮތުމަކުންނެއްނޫން. އެކަމާ ލައި ކަންބޮޑުނުވޭ. އިލީ ވެސް ބޮޑުވާނެ، ވިސްނޭވަރުވީމާ އަހަރެމެންގެ މި ނިންމުން އެކުއްޖާއަށް ވިސްނޭނެ. ލައިއަށް ވެސް ދިރިއުޅުމެއް ފެށޭނީ މިނިވަނެއްގެ ގޮތުގައި ހުރެގެން. މިކައިވެނި އަހަރެމެން ދެމީހުންނަށް ވަނީ ހައްދު ކަނޑައަޅައިފަ. އެކަމުން މިނިވަންނުވެތިބެ އިތުރުކަމެއް ހިނގައިފިނަމަ ބޮޑު ބަދުނާމެއް ބޮލުގައި އެޅޭނެ. އެހެންނު." ޒުބިން ވާހަކަދެއްކިއެވެ. ލައިރާގެ ދެއަތް ޒުބިންގެ އުނަގަނޑުގައި ވަށާލިއެވެ. ލައިރާގެ ބޮލުގައި ޒުބިން ފިރުމާލިއެވެ.

"ލައި އެއްފަހަރު ވެސް އަހަރެން ގާތު ނުބުނޭ އިލީގެ ބައްޕައަކީ ކާކުކަމެއް. އަހަރެން އެވަރަށް ސުވާލުކުރާއިރު ކީއްވެ ނުބުނަނީ؟. އޭނާގެ ދަރިއަކު ލައި އުފަންކުރިކަން އޭނާއަށް އެނގޭނެތަ؟. ފަހަރެއްގައި އޭނާ ލައިއާ ގުޅެން ބޭނުންވެދާނެއެއްނު. އޭރުން އިލީއަށް އޭނާގެ ބައްޕަ ވެސް ލިބުނީ." ލައިރާގެ ބޮލުގައި ފިރުމަމުން ޒުބިން ބުންޏެވެ.

"އޭނާ އެނގެން ބޭނުންވިނަމަ އެނގުނީސް. އޭނާ އަހަރެންދެކެ ލޯތްބެއްނުވޭ. އެހެންވެގެން މިހާދުވަހު އެއްވެސް ކަމެއް ނޭނގުނީ. ލޯބިނުވިޔަސް ދެމެދުގައި ކަމެއް ހިނގައިފާނެ. އެއީ އެކަހަލަ ކަމެއް. އަހަރެން ހިޔެއްނުކުރަން އިލީ ލިބޭނެކަމަށް. އޭނާ އެހެން މީހަކާއެކު ދިރިއުޅުމެއް ފަށަން ގަސްދުކުރަނީ. އޭނާ ބޭނުންވާގޮތް ވަރަށް ސާފު. ހުރިހާކަމެއް އަހަންނަށް އެނގިހުރެ އިލީގެ ހަޤީޤަތް ހާމަކޮށްފިނަމަ އޭނާ އަހަންނާއެކު އުޅެން ނިންމަފާނެ، އެކަމަކު އޭރުން... އޭނާ އުފަލެއްނުވާނެ. އޭނާ އުފަލުގައި ހުންނަން އަހަރެން ބޭނުން. އޭނާ ބޭނުންވާފަދަ ދިރިއުޅުމެއް އޭނާއަށް ލިބުން އެދެނީ. އަހަންނާއި އިލީގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވަން އަހަރެން ބޭނުންނުވަނީ އެހެންވެ. އޭނާއަށް އެނގިއްޖެއްޔާ... ގަސްދަކާނުލާ ވިޔަސް ހެދުނު ގޯހުގެ ޒިންމާ އޭނާ ނަގާނޭކަން އަހަންނަށް ޔަގީންވޭ. އެގޮތް އަހަރެން ބޭނުމެއްނޫން. އެހެންނޫނަސް މިހެންމިވީ އަހަރެންގެ ސަބަބުން. ޒުބިންއަށް ނޭނގުނަސް އަހަންނަކީ ކުށްވެރިއެއް. އޭނާއަށް އެ ހަޤީޤަތް އެނގިއްޖެއްޔާ އަހަރެންދެކެ ފޫހިވާނެކަން އެނގޭ. އަހަރެން އޭނާއަށް ލަނޑެއްދިނީ. އަމިއްލަ އެދުން ހާސިލުކުރަން." ލައިރާ ބުންޏެވެ.

"ލައި އޭނާދެކެ ލޯބިވޭ... ވަރަށް ބޮޑަށް ލޯބިވޭ... އެހެންނު." ޒުބިންއަށް ބުނެވުނެވެ. އޭނާގެ ބަނޑާ ދިމާލުން ލައިރާ މޫނުފޮރުވާލައިގެން އިނދެ ބޯހަރަކާތްކޮށްލީ އާނއެކޭ ބުނުމަށެވެ.

"ދެން ޓެލް ހިމް." ޒުބިން ބުންޏެވެ.

"ހީ ވޯންޓް އަންޑަސްޓޭންޑް. ނުބުނިއްޔާ ނޭނގޭނެތަ؟." ލައިރާ ބުންޏެވެ.

"ލެޓް މީ ހެލްޕް..." ޒުބިން މަޑުމަޑުން ބުނެލިއެވެ. އަދި ލައިރާގެ ދެއަތް ދުރުކޮށްލައި އޭނާގެ ކުރިމަތީ ޒުބިން ކުޑަކަކޫ ޖަހާލިއެވެ. އޯގާތެރިކަމާއެކު ލައިރާގެ ކޯތާފަތުގައި ދެއަތުން ހިފާލައި އުފުލާލިއެވެ. ފެންކަޅިވެފައިވާ ލައިރާގެ ދެ ލޯ ޒުބިންއަށް ފެނުނެވެ.

"ހީ މަސްޓް ބީ ސްޓުޕިޑް، އެހެންވެ ލައިގެ ރީތިކަން ނުފެންނަނީ. ލައިގެ ހިތުގައިވާ ލޯބި ނުފެންނަނީ." ޒުބިން ހިނިތުންވެލިއެވެ. މަޢުނަވީ ގޮތަކަށް އެ ދެލޮލަށް ލައިރާ ބަލަން އިނެވެ. މަޑުމަޑުން ޒުބިންގެ ތުނބުޅީގައި ލައިރާ އަތްލިއެވެ. އެބީހިލުމަށްވުރެ ގާތްކަން އޭނާ ޒުބިންގެ ފަރާތުން އެދެއެވެ. އަދިވެސް އޭނާ އެހުރީ ލައިރާގެ ފިރިމީހާގެ މަޤާމުގައެވެ. އެ ދެމެދުގައި އެފަދަ ގާތްކަމެއް އޮތްނަމަވެސް އެ ގުޅުންވާނީ ހަލާލު ގުޅުމަކަށެވެ. އެހެންވިޔަސް ޒުބިންގެ އަމިއްލަ އުސޫލުތަކާ އޭނާ ޚިލާފުނުވާނޭކަން ލައިރާއަށް އެނގެނީއެވެ. އޭނާ ބޭނުންވިޔަސް ޒުބިން އެފަދަ ނަޒަރަކުން އޭނާއާމެދު ނުދެކޭއިރު އެ ހަށިގަނޑުގައި އެދުންވެރިކަމާއެކު ނުބީހޭނެކަން ކަށަވަރުވަނީއެވެ.

އިލިޔާނާ ދޮރުގެ ތަޅުގައި ހިފާލައި ނުހުޅުވުމުން ދޮރުފަތުގައި ޖަހަންފެށިއެވެ. ލައިރާއާއި ޒުބިންއަށް ވަކިވަކިން އެކުއްޖާ ގޮވިއެވެ. ކޮޅަށް ތެދުވި ޒުބިން ހިނގައިގަތީ ދޮރާ ދިމާއަށެވެ. ލައިރާ އަވަސްއަވަހަށް ތެދުވެ ފާޚާނާއާ ދިމާއަށް ދިޔައެވެ.

* * * * *

ގޭތެރެއަށް ވަން ޒުވާނާ ސިޓިންރޫމު ދޮރުމަތިން ހުއްޓުނެވެ. ބޭސް ކާޑުތަކެއް ވަކިކޮށް ކޮތަޅަކަށް އެޅުމުގައި އިން މިންނާ ސޯފާއިން ތެދުވަންވާއިރަށް އެ ޒުވާނާ ސަލާމް ގޮވާލި އަޑު އިވުނެވެ. ދިގު އިސްކޮޅާއި ފުޅާދެކޮނޑު ލިބިފައިވާ ޙައިބަތުހުރި ޒުވާން ފިރިހެންކުއްޖާ މިންނާއަށް ހިނިތުންވެލިއެވެ. ސަލާމްބަލައިގަތުމާއެކު ކީއްކުރާ ކުއްޖެއްތޯ މިންނާ އަހާލިއެވެ. އޭރު އޭނާގެ ލޮލުގައި އެ ޒުވާނާގެ އިސްތަށިގަނޑު އައްސާފައި ހުރިކަން އަޅައިގަތެވެ. ހަމައެއާއެކު ރާއްޖޭން ބޭރުން ފެންނަ ފަދަ ތަފާތު ރީތިކަމެއް އެ ޒުވާނާއަށް ލިބިފައިވާކަން މިންނާއަށް ފާހަގަވިއެވެ.

"ކެންޒާ އެބައުޅޭތަ؟." އޭނާ އަހާލިއެވެ. ކެންޒާއާ އެ ފިރިހެންކުއްޖާއާ ގުޅުމެއްއޮތީ ކިހިނެއްބާއޭ ވަގުތުން މިންނާގެ ހިތަށް އެރިއެވެ.

"ތީ ކޮންކުއްޖެއް؟." މިންނާ އަހާލިއެވެ.

"މިފްރާހު، ކެންޒާގެ ފްރެންޑެއް." ޖީންސުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ހުރެ އޭނާ ބުންޏެވެ.

"ތީ ކެންޒާ މަންމަ ދޯ. ކޮންއިރަކު އައީ؟..." މިފްރާހުގެ ފުޅާ ހިނިތުންވުމުގައި ހުރި ހިތްހެޔޮކަން މިންނާއަށް ފާހަގަވިއެވެ. އޭނާގެ ދަރިފުޅު ކުއްޖަކާ ރައްޓެހިވީބާއޭ މިންނާގެ ހިތަށް އެރިއެވެ. އެ ޚިޔާލުން އޭނާއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ.

"މަންމަ މީ... ކެން ނެތް ގެއަކު. ނުބުނޭތަ ދިޔަތަނެއް؟." މިންނާ ބުންޏެވެ.

"މާލެ އައިސް އަދި ދެމީހުން ބައްދަލެއްނުވޭ. މިހާއިރު އެހެންޏާ ގޭގައި އުޅޭނެ، އެހެންވެ ހޯދަން އާދެވުނީ. މަންމަ ކިހިނެއްތަ؟." މިފްރާހުގެ ފުށުން ބީރައްޓެހިކަމެއް ނުފެނެއެވެ. ހައިރާންކަން ލިބުނީ މިންނާއަށެވެ. އޭނާއަށް މަންމާއޭ މިފްރާހު ބުނިކަން ފާހަގަވިއެވެ. ކެންޒާއާއި މިފްރާހާ ދެމެދު އޮތް ގުޅުން ގާތްކަން ދެނެގަންނަން މިންނާއަށް ފަސޭހަވީ އެހެންވެއެވެ. މިފްރާހުއަށް ކެންޒާ ވަރަށް ރަނގަޅަށް އެނގެއޭ ހީވާތީއެވެ.

"މަންމަ ރަނގަޅު. ކެން ލަސްވާނޭ ބުނި." މިންނާ ބުނެލިއެވެ.

"އޯ... އެހެންފަހަރަކުން އަންނާނަން." މިފްރާހު ތުނބުޅީގައި ވައަތްތިލަ ހިންގާލިއެވެ.

"ގުޅާލަންވީނު... ކުއްޖަކު ހޯދަން އައިސް ހުރިއްޔާ ފަހަރެއްގައި އަވަހަށް އަތުވެދާނެ." މިންނާ ހުރީ ހިނިތުންވެލައިގެންނެވެ.

"މަންމާ..." އެވަގުތު މިންނާއަށް ގޮވަމުން ގޭގެ ބިއްދޮށުން ވަދެގެން އައި ކައިފްއަށް ދޮރުމަތީ ހުރި ޒުވާނާ ފެނުނެވެ.

"ކެން ނަންބަރެއް ނުދޭ. ނުދޭނަމޯ ބުނީ... އެހެންވެ ކޮންމެ ފަހަރަކު ހޯދަން ގެއަށް އަންނަން ޖެހެނީ. ވާހަކަދައްކަން ކޮންމެ ފަހަރަކު ގެއަށް އަންނަން ޖެހެނީ." ފާޑެއްގެ ރަކި ހިންޏެއް އައިސްފައި ހުރެ މިފްރާހު ބުންޏެވެ. ދުރުގައި މަޑުކޮށްލައިގެން ހުރި ކައިފްއަށް މިފްރާހުގެ ނަޒަރު އަވަސް ގޮތަކަށް ހުއްޓިލިއެވެ. އެހެންނަމަވެސް އޭނާގެ ސަމާލުކަން ހުރީ މިންނާއަށް ދީގެންނެވެ.

"ކެން އައީމަ ބުނާނަން ހޯދަން އަޔޭ." މިންނާ ބުންޏެވެ.

"މަންމައާ ބައްދަލުވީމަ ވަރަށް ހެޕީވެއްޖެ. ދަނީ..." މިފްރާހުގެ ހިނިތުންވުން ފުޅާވެލިއެވެ. މިންނާ ބޯޖަހާލީއެވެ. މިފްރާހު ވަން ދޮރޯށީން ނުކުމެގެން ހިނގައްޖެއެވެ. މަގުމައްޗަށް ނުކުމެވުމާއެކު އޭނާގެ ތުންފަތުގައިވި ހިނިތުންވުން ގެއްލި ސީރިއަސްކަން މޫނަށް ވެރިވެއްޖެއެވެ.

"އެއީ ކާކު؟." ކައިފް އެއްސެވެ.

"ކެން ހޯދަން އައި ކުއްޖެއް. މަންމައަށް ހީވަނީ ކެންގެ ބޯއިފްރެންޑްހެން..." ކައިފްއަށް ބަލަން ހުރެ މިންނާ ހީނލިއެވެ.

"އަހަންނަށް ވެސް ހީވޭ ކެން ބޯއިފްރެންޑެއް ނަގައިފިހެން." ކައިފް ވެސް މަންމައާ އެއްބައިވެލިއެވެ.

"މަންމައަށް އޭނާ ކަމުދިޔައީ ދޯ." މިންނާ ހިނިއައިސްފައި އިންނަ ގޮތުން ކައިފް ބުނެލިއެވެ.

"ރަނގަޅު ކުއްޖެއްހެން ހީވޭ. އެ ބޯ ކޮށޯލަނިކޮށް ވަރަށް ބަސްއަހާކުއްޖެއް ވައްތަރު ޖަހާނެ. މަންމަ ނެތިން ކައިފްގެ ކޮއްކޮ ނިކަން ކަންތައް ހިންގައިފިހެން ހީވޭ. ހުރޭ މިރޭ އައީމަ ވަރަށް ސުވާލުކޮށްލާނަން. ކެންއަށް ނުހުރެވޭނެ ކިޔާ ނުދީ." މިންނާ ހީނގަތެވެ.

"އޭނާ ނުބުނާނެ..." ކައިފް ބުނެލިއެވެ.

"އެހެންޏާ އެ ސޮރު ކިޔާދޭނެ. ދެން އަންނަ ފަހަރަކުން މަޑުކުރުވާނަން. މަންމަކުރާ ސުވާލުތަކަށް ޖަވާބު ދީފައޭ ބުނާނަން ދެވޭނީ." ދަރިފުޅަށް ބަލާލަމުން މިންނާ ބުންޏެވެ.

"ކެންއަށް ލެކްޗަރެއް މަންމަ ނުދޭނަންތަ؟. އެކަކު ކައިރީ ވެސް ނުބުނެ ބޯއިފްރެންޑް ގެއަށް ވެއްދީމަ." ކައިފް ބުނެލީ ސަމާސާއަށް ހަދާފައެވެ. މަންމަގެ ގޮތް އެނގޭތީއެވެ.

"ކެން ގޯސްކަމެއްނުކުރާނެ." ނިކަން އަވަހަށް މިންނާ ބުންޏެވެ. ކައިފް ހީނގަތީ ތަންކޮޅެއް ބާރަށެވެ. މިންނާ ވަކިކުރި ބޭސްކާޑުތަކުން ބޭސް ގުޅަތައް ނައްޓައި ކައިފްގެ އަތަށް ލައިދިނެވެ. ފައިކައިރީ ހުރި ފެންފުޅި ނަގައި ކައިފްއަށް ދިއްކޮށްލިއެވެ.

"މަންމާ..." ބޭސްގުޅަތައް ކެއުމަށްފަހު ފެންކޯވަރެއް ދިރުވާލައި ކައިފް ގޮވާލީ ސީރިއަސް ގޮތަކަށެވެ.

"ބައްޕައަށް ކަމެއްވީހެން ހިޔެއްނުވޭތަ؟... އެހެންނޫނީ ކޮންމެތަނަކު އުޅުނަސް ގެއަށް އަންނާނެ." ކައިފް ބުންޏެވެ.

"ކަމެއްވިއްޔޭ ކިޔާފަ ހޯދަން ދާނީ ކޮންތާކަށް. ކައިފްގެ ބައްޕަ އުޅޭނީ ކޮންކޮން ބަޔަކާއެކުކަން އެނގެއެއްނު. އެމީހުންވާހާތަނެއް ކިހިނެއް އެނގޭނީ. ކިހިނެއް ހޯދާނީ... އެހެންނޫނަސް މިހާރު ވަރިހަމަ. އުޅޭތަނެއް ބަލާކަށް ވެސް އެނގޭކަށް ވެސް މަންމަ ބޭނުމެއްނޫން. ކައިފްއާއި ކެންޒާއަށް ހަމަޖެހިލެވޭނީ އޭރުން. އަނެއްކާ އޭނާ ހޯދަން އުޅެން ހަދައިގެން އިތުރު ދެރައެއްލިބިދާނޭތީ މަންމަ މާކަންބޮޑުވޭ." މިންނާ ހާމަކުރިއެވެ.

* * * * *

"ދެން ނުވާނެ." ދުވާ މެޝިނަށް އަރާހުރި ކެންޒާ ބުންޏެވެ. އޭނާ މާނޭވާ ލަމުން ދިޔައިރު މީހާ ދާހިއްލާ ފޯވެފައި ހުއްޓެވެ. އޭނާ ކުރާ އާދޭހުގެ އަޑެއް ކައިރީގައި ހުރި ލައިތަށް ނީވޭ ކަހަލައެވެ.

ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ނިމުމާއެކު ކެންޒާ ގޮވައިގެން ލައިތު އައީ އޭނާގެ އެޕާޓްމެންޓަށެވެ. ޖިމް ޖައްސާ އާލާތްތައް ވައްދާފައި ހުރި ކޮޓަރީގައި ލައިތުއާއެކު ކެންޒާ ކަސްރަތު ކުރުމުގައި އުޅޭތާ ގަޑިއެއްގެ އިރުވީއެވެ.

"އަހަރެން މަރާލަންތަ ތިއުޅެނީ..." ނޭވާކުރުވެގެން ކެންޒާއަށް ވާހަކަދައްކަން ވެސް އުނދަގޫވިއެވެ. ކެންޒާއަށް ބަލަން ހުރި ލައިތު ބާރަށް ހޭންފެށިއެވެ.

"މިތާ އޮށޯންނަންވީނު، އަހަރެން ސީޕީއާރް ދީފާނަން. މައުތް ޓު މައުތް..." ހެމުން ލައިތު ވާހަކަދެއްކިއެވެ. ކެންޒާ އަތްމަޅާލި ހިނދު އޭނާ އަރިއަޅައިލިއެވެ. ދުވާމެޝިނަކަށް އެރީ އަލަށްކަމަށްވާތީ އެއަށްވެސް ކެންޒާ އެހާ ނުފަރިތައެވެ. އެއަށް އެރީސުރެން އޭނާ ހުންނަނީ ބިރުންނެވެ. އެހެންހުއްޓާ އެއްއަތް ދޫކޮށްލުމުން މީހާގެ ހަމަގެއްލުނީއެވެ. ވެއްޓެން ދިޔަ ކެންޒާގެ ގައިގާ ލައިތަށް ހިފުނީ ކިރިޔާއެވެ.

"ތެދުވިތަ؟..." ލައިތުގެ ގައިމައްޗަށްކަން ވެއްޓުނީ އެނގުމުން ނިކަން އަވަހަށް ކެންޒާ އަހާލިއެވެ. އަދި އަވަހަށް ތެދުވަން އުޅުނެވެ.

"ޔޫ އާ ހެވީ..." ލައިތު ބުނެލިއެވެ.

"އައި ނޯ... އެހެންވެއެއްނު މިއެހީ ތަނަކަށް ތަދުވިހޭ..." ކެންޒާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަދި ލައިތުގެ ދެއަތް ފޮޅުވާލުމާއެކު އޭނާ އަވަހަށް ތެދުވެއްޖެއެވެ. ކެންޒާއަށް ބަލަން އޮވެ އޭނާ ހޭންފެށިއެވެ. ދާހިތްލައިގެން ތެމިފައި ހުރި ޓީޝާޓު ރަނގަޅުކުރަމުން ކެންޒާ ލޯއަޅާލިއެވެ.

"ބަރުވިޔަސް ޕެންޑާ ތިހީކުރާހާ ބަރެއްނޫނޭ. އައި ލަވް ޗަބީ ގާލްސް... ޗަބީ ލައިކް އަ ޕެންޑާ..." ތެދުވަމުން ލައިތު ބުންޏެވެ.

"މިރެއަށްވާވަރުވެއްޖެ... ދެން ނުވާނެ އަހަންނަކަށް..." ވަރުބަލިވެފައި ހުރި ކެންޒާ ބުންޏެވެ. ދުވާމެޝިނު ނިވާލުމާއެކު ލައިތު ކެންޒާއަށް ބަލާލިއެވެ. ނިންމާލަންވާނީ "ސްޓްރެޗިންގް" ހަދާފައިކަން ލައިތު ބުންޏެވެ. އެކަން ވެސް ކެންޒާއަށް ވީ ބުރައަކަށެވެ. ފަރުވާކުޑަކޮށްލައިފިނަމަ ލައިތު އޭނާއަށް އަދަބުދެއެވެ. ނޫނީ ބަދަލުގައި ކުރަން ޖެހެނީ ކޮންމެވެސް ލާނެތްކަމެކެވެ.

"ވެއިޓް... ޓަވަލް ގެނެސްދޭނަން..." ގެސްޓްރޫމުގައި ހުރި ފާޚާނާ ކެންޒާއަށް ދެއްކުމަށްފަހު ލައިތު ބުންޏެވެ. ވެފައި ހުރި ވަރުބަލީގައި ކޮޓަރީގައި ހުރި ގޮނޑީގައި ކެންޒާ އިށީނެވެ. ލައިތު އެނބުރި އަންނަންދެނެވެ. ގިނައިރެއްނުވެ އޭނާ އައީ ކެންޒާ ބޭނުންވާނޭ ހުރިހާ އެއްޗެއް ހިފައިގެންނެވެ.

"އަހަރެން ޔޫސްކުރާ އެއްޗެހި މިތާ ހުންނާނީ..." ލައިތު ހުރިހާ އެއްޗެއް ހިފައިގެން ފާޚާނާއަށް ވަންނަމުން ބުންޏެވެ.

"ބޯ ވެސް ދާހިއްލާފަ ހުރީ. އިސްތަށިގަނޑު ތެމިފަ މިއޮތީ. ގެއަށް ކަންނޭނގެ ދާންވީ..." ކެންޒާ ބުންޏެވެ.

"ފެންވަރާށޭ މިހުރިހާ އެއްޗެއް ގެނެސްދިނީ، ކަމުނުދަންޏާ ޕެންޑާ ބޭނުންކުރާ ވައްތަރުތައް ބުނެބަލަ، އަހަރެން އަތުވެދާނަން ގަނެގެން... ނުވާނެ ގިނައިރެއް، މިތާ ތިރީގަ ފިހާރަތައް ހުންނާނެ." ކެންޒާ ފޮނުވާލުމުގެ ގަސްދެއް ލައިތުގެ ނެތެވެ.

"ގަންނާނެކަމެއްނެތް، ތި އޯކޭވާނެ..." ލައިތު ގަންނަން ހިނގައިދާނޭކަން ޔަގީންވާތީ ކެންޒާ އަވަހަށް ބުނެލިއެވެ.

"އަހަރެން ވެސް ފްރެޝް ވެލަން މިދަނީ..." ކޮޓަރިން ނުކުންނަން ލައިތު އައެވެ. އޭނާ ދިއުމުން ދޮރު ތަޅުލާފައި އައިސް ފާޚާނާއަށް ކެންޒާ ވަނެވެ.

މަޑުހޫނުކަމެއް ހުރި ފެނުން ހަށިގަނޑަށް އަރާމުކަން އިޙްސާސްވިއެވެ. އަވަސްއަރުވާލާފައި ފާޚާނާއިން ނުކުންނަ ހިތެއް ވެސް ކެންޒާ ނުވިއެވެ. އެހެންވިޔަސް އެގޮތުގައި ނުހުރެވޭނެކަން އެނގޭތީވެ އޭނާ ފެންވަރައިގެން ނުކުތެވެ. ތުވާލި ކިތަންމެ ބޮޑު ނަމަވެސް ހަށިގަނޑު ވަށާޖެހޭ ގޮތެއްނުވިއެވެ. ފާޚާނާ ދޮރުހުޅުވާލިއިރު އެނދުމަތީ އިން ލައިތު ކެންޒާއަށް ފެނި ވަގުތުން ދޮރުކައިރިކޮށްލެވުނެވެ. އުނުގައި އޮޅާލެވިފައިވާ ތުވާއްޔާއެކު އޭނާ އިންއިރު އިސްތަށިގަނޑުން ރަނގަޅަށް ފެން ނުހިކެއެވެ.

(ނުނިމޭ)