މެންޗެސްޓާ ސިޓީ

ޗެމްޕިއަންސް ލީގް ނިމެންދެން ޗުއްޓީއެއް ނެތް

ޔޫއެފާ ޗެމްޕިއަންސް ލީގްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ ދެ ހާފުތާ ޑޮމެސްޓިކް ސީޒަން ނިމުނަސް ރެއާލްގެ މެޗުގެ ކުރިން މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނަށް ޗުއްޓި ދެވެން ނެތް ކަމަށް އެ ޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗު ވެގެން ދާނީ ޑޮމެސްޓިކް ސީޒަން ނިންމާލުމާ ކައިރިއަށް ސިޓީ ޖެހިލާ މެޗަށެވެ. އެއަށް ފަހު އެ ޓީމަށް ބާކީ އޮންނާނީ އެންމެ މެޗެކެވެ. އަންނަ އާދީއްތަ ދުވަހު ލީގްގެ ފަހު މެޗުގައި ސިޓީ ނުކުންނާނީ ނޯވިޗް ސިޓީ އާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގް މެޗުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހު އަށް ވަނަ ދުވަހު އެވެ. ލީގް ނިމުމަށް ފަހު، ރެއާލް އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޭނާގެ ޕްލޭންތަކަކީ ކޮބައިތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ އެ މެޗުގެ ކުރިން އޮތް ދެ ހަފުތާ ބޭނުން ކުރަނީ އެ މެޗަށް ތައްޔާރުވުމަށް ޓްރެއިނިންސެޝަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އޭނާ ބުނީ، އެމަޗަށް ތައްޔާރުވުމުގެ މަސައްކަތުގެ ގޮތުން، ލީގްގައި ވަޓްފޯޑާއި ނޯވިޗާ ދެކޮޅަށް ކުޅެ ދެ މެޗުގައި ޓީމަށް ބަދަލު ގެންނާނެ ކަމަށެވެ. އެގޮތުން އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިން ކުރިއަށް އޮތް ދެ މެޗުގައި ނުފެންނާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.

މިރޭ ސިޓީ އާ ދެކޮޅަށް ނުކުންނަ ވަޓްފޯޑް ވަނީ ސިޓީގެ ދަނޑުގައި 8-0 ބަލިވެފަ އެވެ. އެވަރުގެ ނަތީޖާއެއް ވަޓްފޯޑްގެ ދަނޑުގައި މިރޭ ކުޅޭ މެޗުގައި ނެރެވިދާނެތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ އެއީ މާ ކުރީގެ މެޗެއް ކަމަށެވެ.

މެޗަށް ނުކުންނައިރު ވަޓްފޯޑްގެ ކޯޗް ވަނީ ބަދަލު ވެފަ އެވެ. އެ ޓީމުގެ ކޯޗް ކަމާ ޑިސެމްބަރު މަހު ހަވާލުވި ނިގެލް ޕިއާސަން ވަނީ މިދިޔަ އާދިއްތަ ދުވަހު ކޯޗް ކަމުން ވަކި ކޮށްފަ އެވެ. ކުރިއަށް ދެ މެޗުގައި އެ ޓީމަށް އިރުޝާދު ދޭނީ، އެ ކުލަބުގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗް ހޭޑެން މަލިންސް އެވެ.