އޭއެފްސީ ކަޕް

އޭއެފްސީ ކަޕް: ގުރޫޕް އީގެ ހޯސްޓް ރާއްޖެއަށް

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯން ނުވަތަ ގުރޫޕް އީ ގެ ބާކީ މެޗުތައް ހޯސްޓް ކުރުމުގެ ބިޑް ރާއްޖެއިން ކާމިޔާބު ކޮށްފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ ވިދާޅުވީ، އޭއެފްސީ ކަޕްގެ ބާކީ ހުރި މެޗުތައް ސެންޓްރަލައިޒް ކޮށް ކުޅުމަށްޓަކައި ރާއްޖެއިން ހުށަހެޅުމުން، މެޗުތައް ރާއްޖޭގައި ކުޅެން އޭއެފްސީ ރާއްޖެއަށް ބިޑް އެވޯޑް ކޮށްފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން އޭއެފްސީ ކަޕް މެދުކަނޑާލީ މާޗް މަހު 10 ވަނަ ދުވަހު އެވެ. ރާއްޖޭގެ ޓީސީ އާއި މާޒިޔާ ހިމެނޭ ގުރޫޕްގައި ދެ މެޗު ކުޅުނު ފަހުން މުބާރާތް މެދުކަނޑާލަން ނިންމިއިރު، ބަންގުލަދޭޝްގައި ތިބެފައި ރާއްޖެ އަންނަން ޖެހުމުން ޓިސީގެ ޓީމު ލަންކާގައި ކަރަންޓީން ކުރި އެވެ. ލަންކާގެ އެއާޕޯޓް ބަންދު ކުރުމުން ކަރަންޓީންގެ މުއްދަތު 28 ދުވަހަށް ދެމިގެން ދިޔަ އެވެ.

ވައިރަސްއާ ގުޅިގެން ގައުމުތަކަށް ދަތުރު ނުކުރެވޭނެތީ، އޭއެފްސީ ނިންމީ ކޮންމެ ގުރޫޕެއްގެ މެޗުތައްވެސް އެއް ގައުމެއްގައި ކުޅުމަށެވެ. ރާއްޖެއިން ދެ ޓީމު ގުރޫޕް ސްޓޭޖުގައި އޮތް އިރު ދެން ހިމެނެނީ ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އައި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ. ވައިރަސްގެ ހާލަތަށް ބަލާއިރު މި ދެ ގައުމަށްވުރެ ރާއްޖޭގެ ހާލަތު އޮތީ ލުއި ކޮށެވެ. މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު މިހާރު ވަނީ ފަތުރުވެރިންވެސް އަންނަން ފަށާފަ އެވެ.

ސައުތު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 23 ން ނޮވެމްބަރު ހަތަރަކަށެވެ. އެއް ގައުމެއްގައި ހުރިހާ މެޗުތަކެއް ކުޅުނަސް ގުރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ގެންދާނީ ދެ ލެގް ހިމެނޭ އުސޫލަށެވެ. ނޮކައުޓް ސްޓޭޖު މެޗުތައް ކުރިއަށް ގެންދާނީ އެއް މެޗު ކުޅޭ ގޮތަށެވެ.

ކުޅުނު ދެ މެޗުގައި މާޒިޔާ އާއި ޓީސީ ވެސް ކުޅުނީ ރަށުން ބޭރުގަ އެވެ. ޑާކާގައި ބޮުސުންދަރާ ކިންގްސް އަތުން ޓީސީ ބަލިވީ 5-1 ންނެވެ. އިންޑިއާގައ މާޒިޔާއިން ވަނީ ޗެންނާއީ އާ 2-2 ން އެއްވަރު ކޮށްފަ އެވެ.