އޭއެފްސީ ކަަޕްގެ ޕްލޭއޮފް މެޗު ކުޅުމަށް ބެންގަލޫރު އެފްސީ ރާއްޖެ އައިސްފި އެވެ.
ބެންގަލޫރު އެފްސީ ރާއްޖެ އައިސްފައި ވަނީ މިރޭ އިރުއޮއްސުނު ވަގުތު އެވެ.
ޕްލޭއޮފް މެޗުގައި ބެންގަލޫރު ޓީމު ބައްދަލުކުރާނީ ރާއްޖޭގެ ކްލަބް އީގަލްސްއާ އެވެ. މި މެޗު އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ 8:00 ޖަހާއިރު ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ. މި މެޗުން މޮޅުވާ ޓީމެއް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖެގެ ފަހު ޖާގަ ކަށަވަރު ކުރާނެ އެވެ.
މި މެޗު ވެގެންދާނީ ސައުތު އޭޝިއާ ފުޓްބޯޅައިގެ އެންމެ ފާހަގަކުރެވޭ ދެ ކުޅުންތެރިންގެ ކުރިމަތިލުމަކަށެވެ. އީގަލްސް ޓީމަށް ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް ކުޅޭ އިރު، ބެންގަލޫރު ޓީމަށް އިންޑިއާގެ ލެޖެންޑް ސުނިލް ޗެތުރީ ކުޅޭނެ އެވެ.
މިވަގުތު ގްރޫޕް ސްޓޭޖުގައި އޮތީ މާޒިޔާ، އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް މެޗުތައް އޮތީ އޯގަސްޓް މަހުގެ 18، 21 އަދި 24 ގަ އެވެ. އޭއެފްސީ ކަޕާއި ދިމާކޮށް މި ދެޓީމުންވެސް އަންނަނީ ކުޅުންތެރިން ގެނެސްގެން ޓީމު ވަރުގަދަ ކުރަމުންނެވެ.
އެގޮތުން ކްލަބް އީގަލްސް އިން ވަނީ ރާއްޖޭގެ ނަން ހިނގާ ބޮޑެތި ކުޅުންތެރިން ތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ދިވެހި ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގާއި، ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީގެ އިތުރުން ގައުމީ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލް ހިމެނެ އެވެ. އަދި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ދެ މިޑްފީލްޑަރުން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއިލް އީސަ (މެސީ) ވެސް ވަނީ އީގަލްސް އާއި ގުޅިފަ އެވެ.
ބެންގަލޫރު ޓީމު ވަނީ އެންމެ ފަހުން އޭއެފްސީ ކަޕުގައި ވާދަކުރި ފަހަރު ރާއްޖޭގެ މާޒިޔާ އަތުން ބަލިވެ މުބާރާތުން ކަޓާފަ އެވެ. އެއާއި އެކު ގިނަ ބައެއްގެ ފާޑުކިއުން އެޓީމަށް އަމާޒުވި އެވެ. އެހެންކަމުން މިފަހަރު އެޓީމުން ވަނީ އީގަލްސްގެ މެޗު ކާމިޔާބުކޮށް ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް ގިނަ ކުޅުންތެރިން ތަކެއް ގެނެސް ޓީމު ވަރުގަދަކޮށްފަ އެވެ.
އެގޮތުން ބެންގަލޫރު ޓިމުން ވަނީ ކޮންގޯ ގައުމީ ޓީމުގެ ފޯވާޑް ޕްރިންސް އިބަރާ، ޗެންނާއީ އާއި މޯހަން ބަގާން އަށް ކުޅުނު މިޑްފީލްޑަރު ޖަޔޭޝް ރާނޭއާއި، ބްރެޒިލްގެ ޑިފެންޑަރު އެލަން ކޮސްޓާ އެ ޓީމަށް ގެނެސްފަ އެވެ. އަދި މިދިޔަ ސީޒަނުގައި އައި ލީގުގެ އެންމެ ގިނަ ގޯލު ޖެހި އުމުރުން 23 އަހަރުގެ ފޯވާޑް ބިދްޔާޝަގަރު ސިންހް އާއި، އީސްޓް ބެންގޯލުގެ ސާތަކް ގޯލުއީ އާއި، ފޯވާޑް ހަމަންޕްރީތު ސިންހް އާއި، ރިއަލް ކަޝްމީރުގެ ދާނިޝް ފާރޫގުގެ އިތުރުން ކެރަލާ ބްލާސްޓާސް އިން ގެނައި ޑިފެންސިވް މިޑްފީލްޑަރު ރޯހިތު ކުމާރު ވެސް ވަނީ ބެންގަލޫރު ޓީމަށް ގެނެސްފަ އެވެ.