އޭއެފްސީ ކަޕް

އޭއެފްސީ ކަޕްގެ މެޑިކަލް ޕާޓްނަރަކަށް އޭޑީކޭ

Apr 6, 2021

އަންނަ މަހު ރާއްޖޭގައި ބާއްވާ، އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތަކުގެ މެޑިކަލް ޕާޓްނަރަކަށް އޭޑީކޭ ހޮސްޕިޓަލް ހަމަޖައްސައިފި އެވެ.

އެފްއޭއެމުން ވަނީ، އޭޑީކޭއާއެކު އެއްބަސް ވުމުގައި ސޮއި ކޮށްފަ އެވެ. އެފްއޭއެމުން ބުނީ، އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށް ދާއިރު ބޭނުންވާ ހުރިހާ ސިއްހީ އެހީތެރި ކަމެއްގައި އޭޑީކޭއިން އެއްބާރުލުން ދޭނެ ކަމަށެވެ.

އޭއެފްސީ ކަޕް ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ހޯސްޓް ކުރުމުގެ ބިޑު ރާއްޖެއިން ކާމިޔާބު ކުރީ އިންޑިއާ އާ ވާދަ ކޮށްގެންނެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕް ވަކި ހިސާބަކަށް ކުޅުނު ފަހުން، ކޮވިޑް-19 ފެތުރެން ފެށުމުން މުބާރާތް މެދުކަނޑާލައި ސެންޓްރަލައިޒްކޮށް މުބާރާތް ބާއްވަން އޭއެފްސީން ނިންމުމުން ވެސް، ބިޑް ކާމިޔާބު ކުރީ ރާއްޖެއިންނެވެ.

މިދިޔަ އަހަރު އޮކްޓޯބަރަށް ބާއްވަން ތާވަލު ކުރި ގުރޫޕް ސްޓޭޖުގެ ބާކީ މެޗުތައް ކުރިއަށް ގެންދެވޭ ވަރެއް ނުވި އެވެ. އެއީ މުބާރާތް ކުޅެން ޖެހޭ ބައެއް ޒޯންތަކުގައި ކޮވިޑްގެ ބިރިވެރިކަން އިންތިހާއަށް ބޮޑު ވެފައި އޮތުމުންނެވެ. އެންމެ ފަހުން އޭއެފްސީއަށް ޖެހުނީ މުބާރާތް ކެންސަލް ކުރާށެވެ.

އަންނަ މަހު 14 ގައި މާލޭގައި ފަށާ، ދެކުނު އޭޝިއާ ޒޯން ނުވަތަ ގުރޫޕް ޑީގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ނުކުންނާނީ، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އާ ދެކޮޅަށެވެ. ގުރޫޕް ސްޓޭޖުން މިހާތަނަށް ޖާގަ ހޯދާފައި ވަނީ، މާޒިޔާ އާއި ބޮށުންދަރާގެ އިތުރުން އިންޑިއާގެ އޭޓިކޭ މޯހަންބަގާން އެވެ. މިފަހަރުގެ ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް އަނެއް ޓީމާ ދެކޮޅަށް ކުޅޭނީ އެއް މެޗެވެ. އާންމުކޮށް އޮންނަހެން ދެ ލެގެއް ނޯންނާނެ އެވެ.

އޭއެފްސީ ކަޕްގެ ޖާގައެއް ހޯދުމަށް ކުޅޭ ކޮލިފިކޭޝަންގެ ޕްރިލިމިނަރީ މަރުހަލާގެ ފުރަތަމަ ބުރުގައި ބުދަ ދުވަހު، އީގަލްސްއިން ބޫޓާންގެ ތިމްޕޫ ސިޓީ އާ ދެކޮޅަށް ނުކުންނާނެ އެވެ. ޕްރިލިމިނަރީ ބުރުގައި ވެސް ކުޅޭނީ އެއް މެޗެވެ.

އީގަލްސް އާއި ތިމްޕޫ ކުޅޭ މެޗުން މޮޅުވާ ޓީމެއް، ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގައި ވާދަ ކުރާނީ، ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށެވެ. ޕްރިލިމިނަރީ މަރުހަލާގެ ފުރަތަމަ ބުރުގައި ދެން ބައްދަލު ކުރާ ދެ ޓީމަކީ، ނޭޕާލްގެ އާމީ ކުލަބާއި އަވަށްޓެރި ލަންކާގެ ޕޮލިސް ކުލަބެވެ. އެ ދެ ޓީމު ބައްދަލު ކުރާ މެޗުން މޮޅުވާ ދެ ޓީމެއް ވާދަ ކުރާނީ، ބެންގަލޫރު އެފްސީ އާއެވެ. ޕްރިލިމިނަރި މަރުހަލާގެ ދެ ވަނަ ބުރު ކުޅޭނީ މި މަހު 14 ގަ އެވެ.

ޕްލޭއޮފް ބުރަށް ދަތުރު ކުރާނީ، ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގެ މެޗުތަކުން މޮޅުވާ ދެ ޓީމެވެ. ޕްލޭއޮފް މެޗުން މޮޅުވާ ޓީމު ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.