އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ގައުމީ 3-1އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް މާޒިޔާ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދައިފި އެވެ.
އައްޑޫ ސިޓީގައި މިއަދު ކުޅުނު ތާރީހީ ފައިނަލް މެޗުގައި މާޒިޔާ އަށް ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުމަށް މިއަދުގެ މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ ހަތް ވަނަ މިނިޓްގައި ކެޕްޓަން އަސަދުﷲ އަބުދުﷲ އެވެ. ނިއުގެ ކުޅުންތެރިން ކުރީގައި ތިއްބައި އަހުމަދު އިމާޒް (އާއްކޮ) ދިން ޕާހެއްގައި ކުރިއަށް އަރައި އަސަދުﷲ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.
މި ލަނޑާއެކު ޕްރެޝަރުގައި ކުޅެމުންދިޔަ ނިއު އަށް ނަތިޖާ ހަމަހަމަކޮށްދިނީ 24 ވަނަ މިނިޓްގައި އަލީ ފާސިރު (ސެންޓޭ) އެވެ. މާޒިޔާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގައި ފައިދާ ނަގައި ހުސްކޮށްހުރެ އޭނާ ގޯލަށް ފޮނުވާލީ މާޒިޔާގެ އިސްކޮޅުންދިގު ކީޕަރު ޕަވެލް އަށް އެއްވެސް ފުރުސަތެއްނުދީ އެވެ.
އެކަމަކު މުޅި މެޗުގައި ވެސް ޓީމެއްގެ ގޮތުގައި ކުޅެން އުނދަގޫވެގެން އުޅުނު ނިއުގެ ގޯލަށް މާޒިޔާއިން ދެ ވަނަ ލަނޑު ޖެހީ ހާފު ނިމެން ހަ މިނިޓަށްވެފައިވަނިކޮށް ނިއުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އުމޭރެވެ. އަހުމަދު ނާޝިދު (ނާއްޓޭ) ނެގި ކޯނަރު އޭނާ ފޮނުވާލުމުން ނިއުގެ މުހައްމަދު ރަޝީދު ސާފުކޮށްލީ ގޯލު ރޮނގު ބޯޅަ ހުރަސްކޮށްފައިވަނިކޮށްކަމަށް ނިންމީ ލައިސްމަނުގެ އިޝާރާތަސް ރެފްރީ އަހުމަދު އަމީޒެވެ. މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ ނިއުގެ ކީޕަރު އަލީޝާ ގޯލު ދޫކޮށް ކުރިއަށް ނުކުތްވަގުތު ހުސްކޮށް ބޯޅަ ލިބުމުން ސްޕޭނުގެ ފޯވަޑް ޕަބްލޯ ރޮޑްރިގޭޒެވެ.
ސާޅީސް ފަސް އަހަރަށް ފަހު މާލެއިން ބޭރުގައި ކުޅުނު ފުރަތަމަ ގައުމީ ފައިނަލް ކާމިޔާބު ކުރުމުން ގައުމީ ތަށި ހޯދި ޓީމުތަކުގެ ލިސްޓުން މާޒިޔާ އަށް މިވަނީ ފުރަތަމަ ފަހަރަށް ޖާގަލިބިފަ އެވެ. މި ތައްޓާއެކު އެ ޓީމަށް އަންނަ އަހަރުގެ އޭޝިޔާގެ ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުން ޖާގަ ލިބުނީ އެޖާގަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭން އެފްއޭއެމުން ނިންމާފައިވާތީ އެވެ. އެއީ އޭއެފްސީ ކަޕުގެ ފަހު ޖާގަ މީގެ ކުރިން އެފްއޭކަޕް ޗެމްޕިއަނުންނަށް ދެމުން އައި ނަމަވެސް ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާތީވެ، އެ މުބާރާތް މި އަހަރު ނުބާއްވަން އެފްއޭއެމުން ނިންމުމުންނެވެ. މާޒިޔާގެ މި ކާމިޔާބީއާއެކު ކޯޗު އަލީ ސުޒޭން ވެފައިވަނީ ގައުމީ ތަށި ދެ ކުލަބަށް ހޯދައިދިން ފުރަތަމަ ކޯޗަށެވެ.