ރާއްޖެ ކުޅިވަރު

ކުޅުންތެރިންނަށް ސާބަސް، ބަލިވީ އީޒީ ގޯލުތަކެއް ވަދެގެން: ސޮބާ

Oct 4, 2015

މާޒިޔާ އަތުން ބަލިވެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ގެއްލުނު ނަމަވެސް ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށާއި ބަލިވީ ބައިކޮޅަށްވަން ފަސޭހަ ގޯލުތަކެއްގެ ސަބަބުން ކަމަށް ނިއުގެ ކޯޗު ސޮބާހް މުހައްމަދު ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސޮބާ ބުނީ އޭނާ ބޭނުންވާ ގޮތަށް ކޮންމެ ދުވަހަކު ނަތީޖާ ނުނުކުމެދާނެ ކަމަށެވެ.

"އެތައް ފަހަރަކު މި ތަޖުރިބާކުރިން. މި ތަޖުރިބާ އަށް ބަލާފައި ކުޅުންތެރިން އެވަރު ވިސްނާ މިއީ ފިލާވަޅެއްގެ ގޮތުގައި ނުކުމެޖިއްޔާ ކާމިޔާބުވާނެ. ކާމިޔާބު ލިބުން އޮންނާނީ ވަރަށް ކައިރީގައި. ވަރަށް އީޒީ ގޯލުތަކެއް ވަނީ. ފުރަތަމަ އެމީހުން ގޯލެއް ޖަހާފައި އަހަރުމެން ކަމްބެކް ކޮށްފަ އަނެއްކާ ވެސް އީޒީ ފީކަޅާ ގޯލެއް ވަނީ. ދެން ތިން ވަނަ (ގޯލު) އެތި ވަން ހިސާބުން ގޭމް ޗޭންޖްވީ،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ދިވެހި ޕްރެމިއާ ލީގުގައި ނިއު އޮތީ އެއްވަނާގައި ކަމަށާއި ކުޅުންތެރިން ވިސްނައިފިނަމަ ލީގު ނެގިދާނެ ކަމަށެވެ. އަދި އޭނާގެ ކޯޗިން ކެރިއަރުގައި މިއީ ނާކާމިޔާބީއެއްނޫން ކަމަށް ވެސް ސޮބާ ގަބޫލުކުރި އެވެ.

"މިއީ އަޅުގަނޑުގެ ފެށުން. ދުވަސް އެބައޮތް (ކޯޗިންގައި) ކުރިއަށްދާން. ކުރިން ބުނި ގޮތަށް މި ދެ ޓީމަކީ ގައުމީ ޓީމުގެ އެންމެ ގިނަ ޕްލޭޔަރުން ތިބި ދެ ޓީމު. ގޯސް ނުހަދައި ކުޅޭ ބަޔަކަށް އެދުވަހެއްގައި ކާމިޔާބު ލިބޭނީ،" ދެރަވައި ހުރެ ސޮބާ ބުންޏެވެ.

މާޒިޔާގެ ކޯޗު އަލީ ސުޒޭނަކީ ކޯޗަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ކަމަށް ސިފަކުރަން ސޮބާ ބުނީ ސުޒޭނަށް މަރުހަބާ ކިޔާ ކަމަށެވެ.

އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއު މާޒިޔާ އަތުން ބަލިވީ 3-1 އިންނެވެ.