ހަބަރު

ފުރަތަމަ ބުރުގައި ރާއްޖެއިން ވެކްސިން ގެންނާނެ

ކޮވިޑްގެ ވެކްސިނެއް ހޯދިއްޖެނަމަ އެންމެ ފުރަތަމަ އެ ވެކްސިން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް މަސައްކަތް ކުރަމުންދާ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ކޮވިޑް-19 މެނޭޖްމަންޓް ފެސިލިޓީ ލ. ގަމާއި ގއ. ވިލިނގިލީގައި ހުޅުވުމަށް ބޭއްވި ރަސްމިއްްޔާތުގައި ވާހަކަދައްކަވަމުންނެވެ. އޮންލައިންކޮށް ބޭއްވެވި މި ބައްދަލްވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަން ނިމެން އަދި ކައިރިވެސް ނުވާ ކަމަށެވެ.

ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގެ އެންމެ ފަހި ފުރުސަތެއް އޮތީ ދިވެހިންނަށް ކަމަށްވެސް އަމީން ވިދާޅުވިއެވެ.

"ލޮލަށް ނުފެންނަ، އިހުސާސްނުކުރެވޭ އަދި ވީތަނެއް ނޭންގޭ ވައިރަހެއްގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ ހިނދު މި ބަލިން ސަލާމަތްވުމަށް އަދި ބޭސްވެރިކަމުގެ ފަރުވާއެއް ނެތް،"

އަމީން ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުން އަރިގަތުމަށް އަދި ރައްޔިތުން އެ ބަލިން ސަލާމަތް ކުރުމަށް އެހެން އެއްވެސް ގައުމެއްގައި ނުކުރާ ފަދަ މަސައްކަތްތަކެއް ރާއްޖޭގެ ސަރުކާރުން ކޮށްފައިވާ ކަމަށެވެ.

އަދި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައްވެސް އަވަސްވެފައި ހަރުދަނާ ކަމަށް އަމީން ވިދާޅުވިއެވެ.

"ކޮވިޑް ބައްޔަށް ވެކްސިނެއް ހޯދިއްޖެ ހިނދެއްގައި ރާއްޖެއަށް އަވަހަށް ވެކްސިން ލިބޭނެ މަގު ފަހިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފަށައިގެން އެބަ ކުރިއަށްގެންދަން. އެގޮތުން އަޅުގަނޑު ފާހަގަކޮށްލާ ހިތްވޭ ޑަބްލިއުއެޗްއޯއިން އިސްނަންގަވައިގެން ފެއްޓެވި 'ކޯލްފޯ އެކްޝަން' ގައި އެންމެ ފުރަތަމަ ބައިވެރިވި ގައުމަކަށް ރާއްޖެ ވާނެ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ކޮވިޑްގެ ވެކްސިނެއް ހޯދިއްޖެނަމަ އެންމެ ފުރަތަމަ އެ ވެކްސިން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދުނިޔެއަށް ކޮވިޑްގެ ވެކްސިނެއް ހޯދިއްޖެ ހިނދެއްގައި އެންމެ އަވަހަށް ވެކްސިން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،"