ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެއްބަސްވުންތަކުގައި ސޮއިކުރި ވެރިން ސަސްޕެންޑްކޮށްފި

ވެންޓިލޭޓަރުތައް ގެންނަން ކުންފުނިތަކާއި ހަވާލުކުރި އެއްބަސްވުންތަކުގައި ސޮއިކުރި ވެރިން ސަސްޕެންޑް ކޮށްފި އެވެ. މީގެ އިތުުރުން ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެންބަރުންނާއި ފައިނޭންޝަލް އެގްޒެކްޓިވްސްގެ މެންބަރުންވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

އަވަސްއާ ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ވެންޓިލޭޓަރުތައް ގެންނަން ކުންފުނިތަކާއި ހަވާލުކުރި އެއްބަސްވުންތަކުގައި ސޮއިކުރި ވެރިންނާއި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެންބަރުންނާއި ފައިނޭންޝަލް އެގްޒެކްޓިވްސްގެ މެންބަރުންވެސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

"މިރޭ ނިންމެވި ނިންމެވުމެއް އެއީ. އެކަން މިހާރު އެ ބޭފުޅުންނަށް ރަސްމީކޮށްވާނީ އަންގާފައި،"

ހޫދު ވިދާޅުވީ މިހާރު ފެށިފައިވާ ތަހުގީގުތައް ނިމެންދެން އެ މެންބަރުންގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރެފައިވާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އޭސީސީއާއި ފުލުހުންނަށް މިއަދު ވަނީ އަންގަވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައިވާ މައްސަލަތައް ބެލުމަށް ފުލުހުންނާއި އޭސީސީއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ބެލުމަށް ހުށައަޅާފައިވަނީ އޭސީސީއަށް އެކަނި ކަމަށެވެ.

"ހެލްތުގެ އޮޑިޓްގެ މައްސަލަތައް އޭސީސީއާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ގޮތަށް،" ހޫދު ވިދާޅުވިއެވެ.

ތުހުމަތުތަކާއި ގުޅިގެން ތަހުގީގު ނިންމެންދެން މިނިސްޓްރީގެ މަސައްކަތްތަކުން އަމިއްލަފުޅަށް އެކަހެރިވާން މިނިސްޓަރު އަމީން ވަނީ ނިންމަވާފައެވެ.