ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުން ވަނީ ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން ހާއްސަ ދެ ރިޕޯޓް ނެރުއްވާފަ އެވެ.
އެ ދެ ރިޕޯޓްގައި ވެސް އުސޫލުތަކާއި ހިލާފަށް އެ ދެ މިނިސްޓްރީން ވެސް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ވަނީ ފާހަގަ ކޮށްފަ އެެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރި ކުރުމުގައިވެސް ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިރޭ ވިދާޅުވީ އެ ދެ ރިޕޯޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ހޫދު ދެއްވިއެވެ.
"އެ ރިޕޯޓްތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ރައީސް އޮފީހުން ބައްލަވާނެ. އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅުވެސް އަޅާނެ. އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން،"
ޓޫރިޒަމްގެ އޮޑިޓް ރިޕޯޓްގައި ޓްރަސްޓް ފަންޑުން ކޮވިޑް-19 އާ ގުޅޭ ކަންކަމަށް ހަަރަދުކުރަން ބަޖެޓެއް ކަނޑައެޅުމުގެ ކުރިން މުއާމަލާތްތައް ކޮށްފައިވުމާއި ފަސިންޖަރުންގެ ސިއްހީ ހާލަތު ބެެލުމަށް އެއާޕޯޓްތަކުގައި ހަރުކުރި ތާމަލް ކެމެރާތައް ހަރުކުރުމުގެ މަޝްރޫގައިވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ލިޔެކިޔުންތައް ބަދަލުކުރަން މަސައްކަތް ކޮށްފައިވުމާއި ހިދުމަތް ނުލިބެނީސް އެޑްވާންސްކޮށް ގިނަ އަދަދެއްގެ ފައިސާ ދިން މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.
ހެލްތްގެ އޮޑިޓް ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ވަނީ ވެންޓިލޭޓަރުަތައް ހަވާލުކުރުމުގައި އުސޫލާއި ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށެވެ. އެގޮތުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރިއިރު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.