ނިއު ރޭޑިއަންޓް ބަލިކޮށް ފުރަތަމަ ފަހަރަށް މާޒިޔާ އަށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދީން ދެ ޓީމެއްގައި އެ ތަށި ހޯދި ފުރަތަމަ ކޯޗުގެ ޝަރަފު އަލީ ސުޒޭނަށް ލިބުމުން އެކާމިޔާބީ އޭނާގެ ބަފާބެއަށް ހަދިޔާކޮށްފި އެވެ.
"އަޅުގަނޑުގެ ހިތުގައި ވަރަށް ހާއްސަ ތައްޓެއް މިއީ. ވަރަށް ބޮޑު ހިތްހަމަޖެހުމެއް މިއީ. މި ކާމިޔާބީ އަޅުގަނޑު ހާއްސަކޮށްލާނީ އަޅުގަނޑުގެ ބަފާބެ އަށް. ޑީއެންސީ ސައީދަށް،" މެޗަށް ފަހު ސުޒޭން ބުންޏެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ވިކްޓަރީ އާއި ލެގޫންސް އަދި ވެލެންސިއާއިން ފެނުނު ސުޒޭން ކޯޗެއްގެ ގޮތުގައި މީގެ ކުރިން މި ތަށި ހޯދާފައިވަނީ އޭނާ ގިނަ ދުވަހު އެ ޓީމެއްގައި އުޅުނު ވިކްޓަރީގަ އެވެ. 2003 ވަނަ އަހަރުގެ ގައުމީ ތަށި ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ވިކްޓަރީ އުފުލާލީ އޭނާގެ ކޯޗުކަމުގަ އެވެ.
އޭގެ ފަހުން މިއަދުގެ ފައިނަލް ކާމިޔާބު ކުރުމާއެކު ސުޒޭން ވެފައިވަނީ މާލެއިން ބޭރުގައި ގައުމީ މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ކޯޗަށެވެ. މި ފަހަރުގެ މުބާރާތް އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި ބޭއްވުމުން މިކަން ވެފައިވަނީ ފާއިތުވެދިޔަ 45 އަހަރު ތެރޭގައި ގައުމީ މުބާރާތް އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ފަހަރަށެވެ.
އަދި މި ތަށި ނިއު ބަލިކޮށް މާޒިޔާ އަށް ހޯދައިދެވުމުން ވިކްޓަރީ މީގެ ކުރިން ހަދާފައިވާ ރެކޯޑާ ހަމަހަމަކުރުމަށް ނިއު ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ސުޒޭން ބުނީ މިއީ ވެސް އުފަލެއް ކަމަށެވެ.
"ނިއު އަތުން މޮޅުވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއްމިއީ. ނިއު އަކީ އެންމެ އޮގަނައިޒް އެއް ކުލަބު. ނިއު އަށް ވުރެ ކުރީގައި މާޒިޔާ އޮންނާނީ މިދިޔަ އެއް އަހަރަށް ބަލާއިރު. އެހެންވީމާ މާޒިޔާގެ ޗެއާމަނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އެއީ އަޅުގަނޑަށް ދިން ބެކިން އާއި އެހުރިހާ ކަމަކަށްޓަކައި،" ކުރީގެ މަޝްހޫރު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ މުހައްމަދު ނަޒީހާއި އިބްރާހީމް ޝިނާޒްގެ ބޭބެ ސުޒޭން ބުންޏެވެ.