ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވިލިނގިއްޔާއި ގަމުގެ ކޮވިޑު ސެންޓަރު ހުޅުވައިފި

އަތޮޅުތަކުގައި ގާއިމްކުރާ ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިއްޔާއި ލ. ގަމުގައި ގާއިމްކުރި ކޮވިޑް މެނޭޖްމަންޓް ސެންޓަރު ހުޅުވައިފި އެވެ.

މި ދެ ފެސިލިޓީ ހުޅުވާފައި ވަނީ ރޭ ހެލްތު މިނިސްޓްރީން ބޭއްވި ވާޗުއަލް ރަސްމިއްޔާތެއްގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސް ސަރަހައްދެއްގައި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތަކެއް ގާއިމު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. މިއިން ކޮންމެ ފެސިލިޓީ އެއްގައި ވެސް މަދުވެގެން 20 އެނދުގެ އައިސީޔޫ އަކާއި 30 އައިސޮލޭޝަން އެނދު ހުންނާނެ އެވެ.

ވިލިނގިލީގައި ރޭ ހުޅުވި ސެންޓަރުގައި 23 އައިސީޔޫ އެނދާއި ވެންޓިލޭޓަރުގައި ފަރުވާ ދެވޭނެ އިންތިޒަމު ވަނީ ހަމަޖއްސާފަ އެވެ. އަދި ގަމުގެ ސެންޓަރުގައި ގާއިމް ކޮށްފައި ވަނީ އައިސީޔޫގެ 20 އެނދާއި އައިސޮލޭޝަނަށް 15 އެނދުގެ އިތުރުން ކަރަންޓީނު ކުރާ މީހުންނަށް ހާއްސަ 12 އެނދެވެ. މި ދެ ސެންޓަރުގައި ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން ހެލްތު ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ޓުއަރިޒަމް މިނިސްޓްރީ އާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ބައިވެރިވެ ވަޑައިގަތެވެ.