ހަބަރު

ޕާސްޕޯޓަށް އެދުން އޮންލައިން ކޮށްފި

ޕާސްޕޯޓަށް އެދި ހުށަހެޅުން އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" އަށް ބަދަލު ކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، މާދަމާ އިން ފެށިގެން ޕާސްޕޯޓަށް އެދި ހުށަހެޅޭނީ އިމުގާ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ޕާސްޕޯޓަށް ހުށަހެޅުމަށް އިމުގާ އަށް ލޮގްއިންވެ ރެޖިސްޓްރީވާން ޖެހޭނެ އެވެ.

އިމިގްރޭޝަންގެ ހިދުމަތްތައް އޮންލައިން ކުރުމުގެ ގޮތުން އިމުގާ ޕޯޓަލް ތައާރަފު ކުރީ މިދިޔަ މަހު އެވެ.

މާދަމާ އިން ފެށިގެން ގެންނަ މި ބަދަލާއެކު އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލާނެ އެވެ. މި ބަދަލު ގެނައީ ޒަމާނީކޮށް ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދޭން ކަމަށް އިމިގްރޭޝަނުން. ބުންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލި އިރު، ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ދަތުރުވެރިން "ޓްރެވެލް ހެލްތް ޑިކްލަރޭޝަން ފޯމް" ވެސް ވަނީ އިމުގާ މެރުވެރިކޮށް ހުށަހެޅޭ ގޮތަށް ބަދަލުކޮށްފަ އެވެ.

އިމިގްރޭޝަނުން ދެމުންގެންދާ ހިދުމަތްތައް މި ޕޯޓަލް މެދުވެރިކޮށް ދޭން ނިންމާފައިވާއިރު އެ ހިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ވެއެވެ.