ރައްޔިތުންގެ މަޖިލިސް

ޖޭއެސްސީގެ އާންމުންގެ މެންބަރު ކަމަށް އުންމު ކުލްސޫމް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންގެ ތެރޭގައި ހިމެނެން ޖެހޭ އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ މަގާމަށް އައިމިނަތު އުއްމު ކުލްސޫމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ފަސް މީހަކު އެ ކަމަށް ކުރިމަތިލި އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ނަންތައް ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވީ ދެ ނަކެވެ. އެއީ ސ. މަރަދޫ، މޫންލައިޓް ހައުސް އައިމިނަތު އުއްމު ކުލްސޫމާއި މާލޭ ހ. ރޯޒްމެރީ އާދަމް މިގުދާދުގެ ނަމެވެ.

އުންމު ކުލްސޫމް ކުރިން ހުންނެވީ ހެރިޓޭޖް މިނިސްޓްރީގެ މަގާމެއްގަ އެވެ. ނަމަވެސް އޭނާ އެ މަގާމުން ޑިސެމްބަރު 31، 2019 ގައި ވަނީ ވަކިވެ ވަޑައިގެންފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ވޯޓަށް އެހީ އައިމިނަތު އުއްމު ކުލްސޫމްގެ ނަމަށެވެ. ޖޭއެސްސީއަށް އޭނާ އައްޔަން ކުރަން ފާސްވީ 67 މެންބަރުންގެ ވޯޓުންނެވެ. އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އައިމިނަތު އުއްމު ކުލްސޫމްގެ ނަން ފާސްވުމުން އާދަމް މިގުދާދުގެ ނަމަކަށް ވޯޓަކަށް ނާހަ އެވެ

އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުގެ ގޮތުގައި އައްޔަންކުރަން މަޖިލީހުން ކަނޑައެޅި އުއްމު ކުލްސޫމް މަސައްކަތް ކުރަމުން ގެންދަވަނީ ހެރިޓޭޖް މިނިސްޓްރީގަ އެވެ. މީގެ ކުރިން ޔޫތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

މިހާރު ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ. ނައިބު ރައީސް އަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެންބަރު މަސްތޫރު ހުސްނީ އެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އާއި، ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކޮށްފައިވާ މެންބަރަކީ ފަނޑިޔާރު އަލީ ޝަރީފް އެވެ. ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކޮށްފައި ހުންނަވާ މެންބަރަކީ އަބްދުލް މާނިއު ހުސައިނެވެ.