ހަބަރު

ދީބާޖާއަށް ބަދަލު ނުދޭން އޮޑިޓާ ޖެނެރަލް އަންގަވައިފި

Jul 22, 2020
3

ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލާފައިވާނީ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން އަމަލުނުކުރުމުގެ ސަބަބުން ކަމަށްވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އަންގަވައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

އެ ބަދަލު ބޮޑުވެ އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެ މައްސަލާގައި މެދު މިނުގެ ހައްލެއް ހޯދުމަށް ސެޓްލްމެންޓް ކޮމިޓީއެއް ހަދައި ދީބާޖާއާއެކު ސަރުކާރުން މަޝްވަރާއަށް ވެސް ދިޔަ އެވެ. އެ މަޝްވަރާތަކަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.

ނަމަވެސް މި ނިންމުމާ އެއްގޮތަށް، ދީބާޖާ އަށް އަދި ފައިސާ ދޫކޮށްފައެއް ނުވެ އެވެ. އެކަން ހުއްޓުވާފައިވަނީ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅި އެ މަޖިލީހުން ވަނީ ހުކުމް އެއްކޮށް ރިވިއު ކުރަން ހުށަހަޅަން ބަންޑާރަ ނައިބު އޮފީހުގައި އެދެން ފާސްކުރުމާ ގުޅިގެންނެވެ.

އެ މައްސަލަ ބެލުމަށް ފަހު، އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ރިޕޯޓްގައި ބުނީ އެ ކުންފުންޏާ އެކު ފެބްރުއަރީ 1، 2010 ގައި ސަރުކާރުން ހެދި އުތުރު ޕްރޮވިންސްގެ ފެރީ ދަތުރުފަތުރުގެ އެއްބަސްވުން ޓްރާންސްޕޯޓް މިނިސްޓްރީން މެއި 30، 2013 ގައި ބާތިލް ކޮށްފައި ވަނީ ދީބާޖާ އިން އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ނުދޭތީ ކަމަށެވެ.

"... ފެރީ ދަތުރުފަތުރުތައް ހުއްޓުމަކަށް އައުމާއި އަދި އެއްބަސްވުމާ އެއްގޮތަށް އަލުން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން ދިން މުހުލަތުތަކުގެ ތެރޭގައި ވެސް އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދީފައި ނުވުމުން، އެ އެއްބަސްވުމުގެ ބައެއް ކަމުގައިވާ އާރްއެފްޕީގެ 6.32.1 ވަނަ މާއްދާގެ (ޑީ) ގެ ދަށުން އެ އެއްބަސްވުން ބާތިލްކުރުމަށް ސަރުކާރަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް ވާތީ، ދަތުރުފަތުރުގެ އެއްބަސްވުން އުވާލުމާ ގުޅިގެން ދީބާޖާ އިންވެސްޓްމެންޓް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދިނުމަށް ދަންނަވަން،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ދީބާޖާ އާއެކު ސަރުކާރުން ހެދި އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ރ. ކުޑަކުރަތު ދޫކޮށްފައިވަނީ، ހިދުމަތަށް ސަބްސިޑައިޒް ކުރުމުގެ ގޮތުން ކަމަށާއި އެ ރަށް ދިނީ ދަތުރުފަތުރުގެ އެއްބަސްވުން އުވައިލުމުން އެ ރަށް އަނބުރާ ސަރުކާރާ ހަވާލުކުރަންޖެހޭ ގޮތަށް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

"... ދަތުރުފަތުރުގެ އެއްބަސްވުން އުވާލެވޭއިރު އެ ރަށް އެހެން ފަރާތަކަށް ސަބްލީޒްކޮށްފައިވާ ނަމަ އެ ފަރާތަކާއެކު އަލުން ސަރުކާރުން އެއްބަސްވުން ހަދައިގެން ކުރިއަށް ގެންދާގޮތަށް ކަމަށް ވާތީ އާއި އަދި ދަތުރުފަތުރުގެ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ގޮތުގެ މަތިން އެ ރަށް މިހާރު ވަނީ ސަބްލީސް ކުރި ފަރާތަށް ހެޑް ލީސް ބަދަލު ކުރެވިފައި ކަމަށް ވާތީ ދީބާޖާ އިން ހޯދުމަށް ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުވަތަ މާލީ ބަދަލެއް ނުދިނުމަށް ދަންނަވަން" އެ ރިޕޯޓްގައިވެ އެވެ.

އެ ރިޕޯޓްގައި އިތުރަށް ބުނީ ދަތުރުފަތުރުގެ ހިދުމަތް ފަދަ އާއްމު ހިދުމަތްތަކަށް ކްރޮސް ސަބްސިޑީޒްގެ ގޮތުގައި ޓޫރިސްޓް ރިސޯޓް ފަދަ ތަންތަން ތަރައްގީކޮށް ހިންގުމަށް ދޫކުރާ ފަޅު ރަށްރަށް ހޯދުމަށް ފަހު، ހިދުމަތްތައް ފޯރުކޮށްދިނުމާ ހަވާލުވާ ކުންފުނިން އެ ހިދުމަތްތައް ހުއްޓާލުމުން އާއްމު ރައްޔިތުންނަށް އޭގެ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އެހެންކަމުން، އާއްމު ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅުވައިގެން ޓޫރިސްޓް ރިސޯޓާއި ހޮޓާ ފަދަ ތަންތަން ތަރައްގީކޮށް ހިންގުމަށް ފަޅާއި ރަށްރަށް ދޫނުކުރުމަށް އޮޑިޓަ ޖެނެރަލް ވަނީ ސަރުކާރަށް އަންގަވައިފަ އެވެ.

އޭގެ އިތުރުން، ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް މީހުން ދިރިނޫޅޭ ރަށަކުން 15 ހެކްޓަރުގެ ބިން ދީބާޖާ އަށް ދިނުމަށް ހަމަޖައްސާފައިވީ ނަމަވެސް މެއި 5، 2010 ގައި ސޮއި ކުރި ލީސް އެގްރިމެންޓްގެ ދަށުން ދީބާޖާ އަށް ކުޑަކުރަތު ދޫކޮށްފައިވަނީ އެ ރަށުގެ މުޅި ބިމާއި ފަޅު ހިމެނޭ ގޮތަށް 37.6 ހެކްޓަރުގެ ބިން ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެގޮތުން، ރިސޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގެ ދަށުން ދީބާޖާ އަށް ދިނުމަށް ކަނޑައެޅި ސައިޒަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ދޫކޮށްފައިވާތީ، މިއީ އެއްބަސްވުމުގައި ނުހިމެނޭ އިތުރު މަންފާތަކެއް ކަމަށް ތުހުމަތުކޮށް އެ ކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭކަމަށް ބެލެވޭތީ މި މައްސަލަ ތަހުގީގު ކުރުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ އެ ރިޕޯޓުގައި އަންގަވައިފަ އެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ އެ ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައެޅުމަށްފަހު އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި އެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ދީބާޖާއިން ގެންދިޔައީ އެންމެ ނުކުތާއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ އެވެ.

މަޖިލީހުގެ ކޮމިޓީގައި ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލު ދޭން ސަރުކާރުން ނިންމުމުން އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން ތުހުމަތު ކުރައްވައި އެ ކޮމިޓީގެ ބައްދަލުވުމަކަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހާޒިރުކޮށް، ގިނަ ސުވާލުތަކެއް އޭނާ އަށް ވަނީ ކުރިމަތި ކުރުވި އެވެ.

އެ ބައްދަލުވުމުގައި، ރިފްއަތު ވިދާޅުވެފައިވަނީ ދީބާޖާއަށް ބަދަލުދޭންޖެހޭކަމަށް ގަބޫލު ކުރައްވާކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާކޮށްގެން ސަރުކާރަށް ކާމިޔާބުވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.