މި ސިޒަންގައި ޗެމްޕިއަން ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު އެންމެ ފަހު މެޗުން ޗެލްސީ ބަލި ކުރުމަށް ފަހު ޕްރިމިއާ ލީގްގެ ޗެމްޕިއަން ޓޮރޮފީ ލިވަޕޫލުން އުފުލާލައިފި އެވެ.
މެޗަށް ފަހު އުފުލާލި ތައްޓަކީ، 30 އަހަރު ފަހުން ލިވަޕޫލުން ހޯދި ފުރަތަމަ ލީގް ތައްޓެވެ. ލިވަޕޫލްގެ ތާރީހީ ތަށި އުފުލާލީ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. ކޮވިޑް-19 އިގެ ސަބަބުން ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭތީ ކުލަބުގެ އާންމު ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވުނަސް، ކުޅުންތެރިންނާއި ކުލަބުގެ ކޯޗުން އަދި އޮފިޝަލުންގެ އާއިލީ މެންބަރުތައް ދަނޑަށް ވަދެ ކުޅުންތެރިންނަށް ސަޕޯޓް ދިނެވެ. ލިވަޕޫލުން އަންގާފައި އޮތީ ސަޕޯޓަރުންނަށް އުފާފަޅު ކުރުމުގެ ގޮތުން ތަންތަނަށް އެއް ނުވުމަށެވެ.
އަށް ލަނޑު ފެނުނު މެޗުން ލިވަޕޫލް މޮޅުވީ 5-3 ންނެވެ. ފުރަތަމަ ހާފުގައި ލިވަޕޫލުން ތިން ލަނޑު ޖެހި އެވެ. ފުރަތަމަ ލަނޑު ނެބީ ކެއިޓާ ކާމިޔާބު ކުރީ މެޗުގެ 23 ވަނަ މިނެޓްގަ އެވެ. ކެއިޓާ ބޯޅަ ފޮނުވާލީ އޭރިއާގެ ބޭރުންނެވެ. ލިވަޕޫލްގެ ދެ ވަަނަ ލަނޑު ޓްރެންޓް އެލެގްޒެންޑާ އާނާލްޑް ކާމިޔާބު ކުރީ 38 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފްރީކިކަކުންނެވެ.
ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖޯޖީނިއޯ ވައިނަލްޑަން ކާމިޔާބު ކުރީ އޭރިއާގެ ތެރޭގައި ހުރެފައި މުހައްމަދު ސަލާހް ފަހަތަށް ކޮށްޕާލި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ޗެލްސީން އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި އެވެ. ވިލިއަން ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ ދިފާއުކޮށް އޭނާ ހީކުރީ އެ ބޯޅަ ކޯނަރަކަށް ބޭރު ކޮށްލެވުނު ކަމަށެވެ. އޭނާ ދިފާއު ކުޮށް ބޭރުކޮށްލަން މަސައްކަތް ކުރި ބޯޅަ ވެއްޓުނީ ލިވަޕޫލްގެ ގޯލްގެ ކުރިމައްޗަށެވެ. އޮލިވާ ޖިރޫޑް ވަނީ ގޯލް ކުރިމަތީގައި ހުރެފައި އެ ބޯޅަ ގޯލްގެ ތެރެއަށް ވަްދާލަފަ އެވެ.
ދެ ވަނަ ހާފުގެ 10 ވަނަ މިނެޓްގައި އާނޯލްޑް ނަގައިދިން ބޯޅަ ރޮބާޓޯ ފިރުމީނޯ ވަނީ ބޮލުން ފޮނުވާލައިގެން ލަނޑު ކާމިޔާބު ކޮށްފަ އެވެ. ދެމެޗުގެ 61 ވަނަ މިނެޓްގައި ޓެމީ އަބްރަހަމް ވަނީ ކްރިސްޓިއަން ޕްލުސިކް ތަނަވަސް ކޮށްދިން ފުރުސަތަކުން ޗެލްސީގެ ދެ ވަނަ ލަނޑު ކާމިޔަބު ކޮށްފަ އެވެ. އޭގެ ފަހުން ކެލަމް ހޮޖްސަން އޮޑީ ދިން ބޯޅަ އޭރިއާގެ ތެރޭގައި ހުރެފައި ފޮނުވާލުމުގެ ކުރިން ޕްލިސިކް އެ ބޯޅަ ފުރަތަމަ ކޮންޓްރޯލް ކުރީ މެއިންނެވެ. މއެިން ކޮންޓްރޯލްކޮށް އޭނާ އަށް އެނބުރެން ލިބުނު ވަގުތުގައި އެނބުރިގެންފައި އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. ލިވަޕޫލްގެ ފަސް ވަނަ ލަނޑު އެކްސްލޭޑް ޗެމްބަލިން ކާމިޔާބު ކުރީ 80 ވަނަ މިނެޓްގަ އެވެ.
ޗެލްސީއަށް ތިން ވަނަ އަށް ދާން ލިބުނު ފުރުސަތު ގެއްލުނީ މެޗުން ބަލިވުމުންނެވެ. މިހާރު ތިން ވަނައިގައި އޮތީ ރޭ ވެސްޓަހްމް ޔުނައިޓެޑް އަތުން ޕޮއިންޓެއް ހޯދި މެންޗެސްޓާ ޔުނައިޓެޑެވެ. ޗެލްސީ އާއި ޔުނައިޓެޑަށް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ޔުނައިޓެޑް ކުރީގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ.