ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކާބޯ ތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ހުއްދަ އާ ކުރަން މުއްދަތެއް

Jul 23, 2020
2

ކާބޯ ތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ހުއްދަ އާ ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއެއޭ) އިން އިތުރު މުއްދަތު ދީފި އެވެ.

އެޗްޕީއޭ އިން ބުނީ ސާފު ތާހިރުކަމުގެ މިންގަނޑުތައް ބަޔާން ކުރާ ގަވާއިދުގައިވާ ގޮތުން އެ އެޖެންސީގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ އެއް މަސް ކުރިން ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ނަމަވެސް، ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައިވާ މުއްދަތުގައި 19 މާޗް އިން މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ހުއްދަ ހަމަވެފައިވާ ފަރާތްތަކަށް ހުއްދަ އާ ކުރަން ހުށަހެޅޭ ގޮތް ނުވި ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މުއްދަތު ހަމަވެފައިވާ ތަންތަނުގެ ހުއްދަ އާ ކުރުމުގެ ފުރުސަތު އަންނަ މަހުގެ 15 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި ހުއްދައަށް އެދި ހުށަހަޅާ ފޯމްތައް އީމެއިލް ކުރެވޭނެ ކަމަށެވެ.

ކޮވިޑް ލޮކްޑައުންއަށް ފަހު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް އަލުން އާއްމު އުސޫލުގެ ދަށުން ހުޅުވާލާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެނެވެ. ހުޅުވާލިއިރު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން އަމަލު ކުރަން ޖެހޭ މިންގަނޑު ތަކެއް އެޗްޕީއޭ އިން ވަނީ އިއުލާނުކޮށްފަ އެވެ. މިގޮތުން އިޖުތިމާއި ގައިދުރުކަން ބަލައްޓައިގެން ހިދުމަތް ދިނުމާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅު ތަކެއް އަޅަން އެޗްޕީއޭ އިން އެދިފައިވެ އެވެ.

ލޮކްޑައުންގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި އެއް ވިޔަފާރިއަކީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނެވެ. އެ ދިގު ބަންދުގެ ސަބަބުން ވިޔަފާރި ދަަށްވެ، ގެއްލުންވުމާއެކު ބައެއް ތަންތަން ދާއިމީކޮށް ވަނީ ބަންދުކޮށްފަ އެވެ