ކޮވިޑް-19 ގެ ބަލިން ރައްކާތެރިވާން ކުރަމުންދާ މަސައްކަތަށް ސިއްހީ ގޮތުން ކުރި ހޭދަ 1.8 ބިލިއަން ރުފިޔާ ފަހަނަ އަޅައިފި އެވެ.
މިނިސްޓްރީގެ އޮފް ފިނޭންސްގެ ވީކްލީ ސްޕެންޑިން ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކަންކަމަށް ކުރި ހޭދަ ވަނީ 1,815.9 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިކަމަށް މިދިޔަ ހަފުތާގައި ކުރި ހޭދަ ވަނީ 0.6 ޕަސެންޓް އިތުރުވެފަ އެވެ.
ކޮވިޑް-19 އިގެ ތެރެއިން އެންމެ ބޮޑު ސިއްހީ ހޭދައެއް ކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށެވެ. އެންޑީއެމްއޭއަށް 867.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ދެން އެންމެ ބޮޑު ހޭދައެއް ކުރީ ހެލްތް މިނިސްޓްރީ އަށެވެ. އެ މިނިސްޓްރީއަށް 574.6 މިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ. އަދި ތިންވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ އައިޖީއެމްއެޗުން 151.0 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.
ސިއްހީ ކަންކަމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ސިއްހީ ސާމާނު ގެންނާށެވެ. އެކަމަށް 852.5 މިލިއަން ރުފިޔާ ވަނީ ހޭދަވެފައިވެ އެވެ. އަދި އިކްއިޕްމަންޓާއި ކެޕިޓަލް އަށް 201.7 މިލިއަން ރުފިޔާ އަދި އޮޕަރޭޝަން ސާވިސަސް އަށް 198.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން މުވައްޒަފުންނަށް އެލަވަންސް ދިނުމަށް 165.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ކޮވިޑުގެ ސިއްހީ ހޭދައިގެ އިތުރުން އިކޮނޮމި ހިންގަން ކުރި ހޭދަ އުޅެނީ 1,758.6 ބިލިއަން ރުފިޔާ އެވެ. އަދި ދެބައި އެއްކޮށް ބަލާނަމަ ކޮވިޑްގެ ހަރަދުތަކަށް ކުރި ޖުމްލަ ހޭދަވަނީ ހަތަރު ބިލިއަން ރުފިޔާއަށް ވުރެ މަތިވެފަ އެވެ.