ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް އެއްގަމު އުޅަނދުތައް ނުދުއްވޭ ގޮތް ހެދުމުން ރެސްޓޯރަންޓްތަކުގެ އިސްވެރިން މުޒާހަރާ ކުރަން ފަށައިފި އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގަމުން އަންނަ ދަރުބާރުގޭ ކުރިމަތީގައި ކުރަމުންދާ ހަމަހިމޭންކަމުގެ އިހުތިޖާޖުގައި މާޅޭގައި ކެފޭ ރެސްޓޯރެންޓް ހިންގަމުން އަންނަ ގިނަ ފަރާތްތަކެއް ބައިވެރި ވެއެވެ.
ރެސްޓޯރަންޓުތަކުގެ ވެރިން މުޒާހަރާކުރަމުން ދާއިރު އެޗްއީއޯސީ އިން ވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 8:00 އިން ފަތިހު 5:00 އާ ދެމެދު އެއްގަމު އުޅަނދު ދުއްވުން މިރެއިން ފެށިގެން މަނާކުރި ނަމަވެސް ފިހާރަތަކާއި ކެފޭ /ރެސްޓޯރަންޓުތަކުގެ ހިދުމަތް ރޭގަނޑު 9:30 ވަންދެން ދެވޭނެ ކަމަށް ބުނެފަ އެވެ.
މި ފިޔަވަޅުތަކާއި ގުޅިގެން ރެސްޓޯރަންޓްތަކުގެ އިސްވެރިންތައް ބުނަމުން ދަނީ މިހާރު ވެސް އިނދަޖެހިފައިވާ އެމީހުންގެ ވިޔަފާރި، މި ފިޔަވަޅުތަކުގެ ސަބަބުން އެއްކޮށް ހުއްޓުމަކަށް ދާނެ ކަމަށެވެ. އެހެން ކަމުން މިއީ އެއްވެސް ވަރަކަށް ހިތަހަމަޖެހޭ ނިންމުމެއް ނޫން ކަމަށާއި ސަރުކާރުން ވެސް ކުދި ވިޔަފާރިތަކަށް އެހީތެރި ނުވާއިރު މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އެމީހުން ނިކަމެތިވެގެން ދާނެ ކަމަށެވެ.
ސަރުކާރުގެ ފިޔަވަޅާއެކު އާންމުންގެ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް މީހުން ވަރަށް ރުޅިވެރި ކަމާއެކު އެ ނިންމުމަށް ފާޑުކިޔާފައި ވެއެވެ. އެ ނިންމުން ނިންމާފައި ވަނީ ކޮން ކަންތައްތަކެއްގެ މައްޗަށް ބިނާ ކޮށްތޯ ގިނަ ބަޔަކު ވަނީ ސުވާލުވެސް އުފައްދާފަ އެވެ. އަދި ކޮވިޑް-19 ޖެހެނީ ވެހިކަލްތަކުގެ ސަބަބުންތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު ކޮށްފަ އެވެ.
މިކަމާއި ގުޅިގެން ރެސްޓޯރެންޓް، ކެފޭ އަދި ހޮޓާ ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަން ތަމްސީލުކުރާ ޖަމްއިއްޔާ، ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ގިނަ ރެސްޓޯރަންޓްތައް ވަނީ ބަނގުރޫޓުވާ ހިސާބުގައި ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިހާލަތާ ގުޅިގެން މިފަދަ ތަންތަނުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް އައިއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، އެމްޑަބްލިއުއެސްސީގެ އެމްޑީ އާއި އަދި އެޗްޕީއޭގެ އިސްބޭފުޅުންނާ ބައްދަލުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
ރޭމް އިން ވަނީ ރެސްޓޯރަންޓްތަކުގެ ވެރިންގެ ކަންބޮޑުވުންތައް އެޗްޕީއޭ އާއި ހިއްސާކޮށްފަ އެވެ. އެގޮތުން މިހާޜު ގިނަ ރެސްޓޯރަންޓްތައް ބަނގުރޫޓުވެ ބަންދުކުރާ ހިސާބަށް ގޮސްފައިވާއިރު މަނާ ގަޑިތަކުގައި ޑެލިވަރީ ކުރުމަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށެވެ. އަދި ކާފިއުގެ ގަޑިތަކުގައި ގަވާއިދާއި ހިލާފުވާން ބައެއް ފަރާތްތަކަށް މަޖުބޫރުވާ ކަމަށާއި މިގޮތަށް ބައެއް ފަރާތްތަކުން ލިޔުމެއްނެތި ވިޔފާރި ކުރާކަމުގެ ޝަކުވާވެސް ލިބ ިފައިވާ ކަމަށް ބަޔާޏުގައި ބުނެފައިވެ އެވެ.
ރޭމް އިން އިތުރަށް ބުނެފައިވަނީ ގަވާއިދާ ހިލާފްވާ ތަންތަން ޖޫރިމަނާކުރުމަށް ކަނޑައަޅާފައިވާ އަދަދު ކުޑަކުރުމަށްވެސް އެޗްޕީއޭގައި އެދިފައިވާނޭ ކަމަށާއި އަދި ކެފޭ ރެސްޓޯީރަންޓް ފަދަ ތަންތަނުގެ ކުލި، ކަރަންޓު، ފެން އަދި މުވައްޒަފުންނަށް ހިނގާ ހަރަދުތަކަކީ ތަނަށް ލިބޭ އާމްދަނީން ކުރާ ހަރަދުތައްކަމުން ވިޔަފާރިކުރަން މިހާރު ކުޑަވަގުތުކޮޅެއް ލިބޭތީ ލިބޭ އާމްދަނީ އިން ގިނަ ތަންތަނުގައި ދެކޮޅު ނުޖެހޭ ކަން ހާމަކޮށް މިހާރަށްވުރެ ލަހުން ކެފޭ ރެސްޓޯރަންޓުް ބަންދު ކުރުމުގެ ހުއްދަ ދެވޑޭނެ ގޮތް ހަމަޖއްސައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.