ދުނިޔެ

ސައްދާމާއި ގައްޒާފީ ތިއްބެވި ނަމަ މެދުއިރުމަތި މާ ސުލްހަވެރިވާނެ: ޓްރަމްޕް

Oct 5, 2015

ޓްރަމްޕް ވިދާޅުވީ އިރާގާއި ލީބިޔާގައި އެމެރިކާއިން ހެދީ ބޮޑެތި ގޯސްތަކެއް ކަމަށެވެ. އަދި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ބާލަން އެމެރިކާއިން ކުރަމުންދާ މަސައްކަތުން ވެސް ނިކުންނާނީ އިރާގާއި ލީބިޔާގައި ނިކުތް ފަދަ ނުރަނގަޅު ނަތީޖާތަކެއް ކަމަށެވެ.

 އަންނަ އަހަރު ނޮވެމްބަރުގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް ތައްޔާރުވަމުން ދެންދަވާ މަހުޖަނު ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ރަޝިޔާއިން ސީރިޔާގައި އައިއެސް އާއި ދެކޮޅަށް ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ. އަސަދުގެ ވެރިކަން ވައްޓާލައިފިނަމަ ދެން ވަރިކަމަށް އެއަށްވުރެ ނުބައި ވެރިޔަކު އައިސްދާނެ ކަމަށް ޓްރަމްޕް ވަނީ ކުރިން ވެސް ވިދާޅުވެފައެވެ.

ޓްރަމްޕްގެ މި ވާހަކަތައް އެމެރިކާގެ އާންމު ފިކުރާ ވަރަށް ތަފާތެވެ. އެމެރިކާއިން ސީރިޔާގެ ރައީސް އަސަދާއި ދެކޮޅެވެ. އަދި އަސަދާއި ދެކޮޅަށް ހަނގުރާމަކުރާ އައިއެސް އާއި ވެސް ދެކޮޅެވެ. ރަޝިޔާއިން ސީރިޔާގައި ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ރަޝިޔާ އަނދަވަޅަކަށް ވެއްޓިދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ވަނީ ރަޝިޔާއަށް އިންޒާރު ކުރައްވާފައެވެ.