ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭދަފުށި

އޭދަފުށިން ދެ ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ

ބ. އޭދަފުށީ ހޯމް ކަރަންޓީނުގައި ތިބި ބިދޭސީ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އޭދަފުށީ ކައުންސިލް މެމްބަރު އަހުމަދު ނައުޝާދު މިއަދު ވިދާޅުވީ މާލެއިން އެ ރަށު ރެސްޓޯރަންޓަކަށް ގެންދިޔަ ބިދޭސީންތަކެއް ކަރަންޓީނު މުއްދަތު ހަމަވެގެން ކޮވިޑަށް ޓެސްޓު ކުރުމުން ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ނައުޝާދު ވިދާޅުވީ އެ ދެ މީހުން ކަރަންޓީނުގައި ތިބި ގޭގެ އެހެން ކޮޓަރިތަކެއްގައި ވެސް ބިދޭސީންތަކެއް އުޅުނު ކަމަށާއި ނަމަވެސް އެމީހުން އެ ބައްޔަށް ނެގެޓިވް ވެފައިވާތީ މިހާރު ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެޓަރު ޖެނެރަލް ތަސްލީމާ އުސްމާނު ވިދާޅުވީ އޭދަފުށީގައި ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ތަސްލީމާ ވިދާޅުވީ ހޯމް ކަރަންޓީނު ގައި ތިބި ބަޔަކު ބޭރަށް ނުކުމެ އިތުރު ބަޔަކާ ކޮންޓެކްޓްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެން ކަމުން ރަށް އަދި މޮނިޓަރިން ހާލަތަށް ނުގެންދާ ކަމަށެވެ. ނަމަވެސް ބޭނުމެއް ނެތި ބޭރުގައި މީހުން ނޫޅެން އިލްތިމާސްކޮށްފައިވާ ކަމަށެވެ.

އޭދަފުށީގައި މިވަގުތު ހޯމް ކަރަންޓީނުގައި 15 ވަރަކަށް މީހުން އެބަތިއްބެވެ.

މާލެއިން ރަށްރަށައް ދާ ފަރާތްތަށް 14 ދުވަސް ވަންދެން ހޯމް ކަރަންޓީނުގައި ތިބެންޖެހެ އެވެ.