ބ. އޭދަފުށީފައި ހިންގާ އެ އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރެކެވެ. އަދި އެ ޑޮކްޓަރަށް ކޮވިޑް ޖެހިފައިވާ ކަން އެނގުނީ ބަލީގެ އަލާމަތްތަކެއް ހުރެގެން ޓެސްޓް ހެދުމުންނެވެ.
ޑޮކްޓަރު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އޭނާއާއެކު މަސައްކަތް ކުރި ސިއްހީ އެހީތެރިންނާއި ހޮސްޕިޓަލްގެ ފްރޮންޓްލައިން -- މަގަތު ސަފު -- ގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސާމްޕަލް ނަގައި، ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
އިއްޔެގެ ނިޔަލަށް އޭދަފުށީގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ ހަތެކެވެ. އޭދަފުށީގައި ގާއިމުކޮށްފައިވާ ފްލޫ ކްލިިނިކަށް ދެއްކި މީހަކު މިމަހުގެ 19 ވަނަ ދުވަހު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް ވަނީ މަނިޓަރިން އަށް ވެސް ގެންގޮސްފަ އެވެ.
ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތޯ ބެލުމަށް ކަމާ ގުޅޭ ޓެސްޓްތައް ވެސް ދަނީ ހަދަމުންނެވެ.
އޭދަފުށިން ކޮވިޑް ޖެހިފައިވާ މީހުން މީގެކުރިން ވެސް ފެނިފައިވެ އެވެ. ނަމަވެސް އޭރު ކޮވިޑް ޖެހުނު އެންމެންނަކީ ވެސް ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ.