(21 ޖުލައި 2020 އާ ގުޅޭ)
ފަހަކަށް އައިސް ކޮންމެ ރެއަކު ވެސް އެ އަންހެންކުއްޖާ ގެއަށް އަންނަނީ ކާރުގައިކަން ބުނަން ވިޔާމަށް އެނގެއެވެ. އެކަމަކު ކާރުގައި އިންނަނީ ކާކުތޯ ބެލުމަކީ އޭނާގެ ޒިންމާއެއް ކަމުގައި ވިސްނިފައެއްނެތެވެ. އެކަމަކަށް މިފްރާހު ބާރުއަޅުގައި އިރުޝާދު ދީފައެއް ވެސް ނެތެވެ.
"ވިޔާމް، އަހަންނަށް ވަރިހަމަ ކަލޭ ކޮންމެ ކަމެއް ކޮށްގެން ވިޔަސް. މި ދެމީހުން ބައްދަލުވޭތޯ ބަލާ. ބައްދަލުކުރަންޏާ، ކުރަނީ ކޮންކޮންތާކުތޯއާއި ބަޔާކާއެކުތޯ ނޫނީ ދެމީހުން އެކަނިތޯ. މިފަހަރު ނޭނގޭކަމެއް އޮވެގެން ނުވާނެ. ދެމީހުން ފެނިއްޖެނަމަ އަހަންނަށް ވަގުތުން އަންގަންވާނެ." މިފްރާހު ބުންޏެވެ.
"އެހެން ކިހިނެއް ބަލާނީ... އެގޮލާ ކާރުގައި އުޅޭއިރު، އަހަރެން އުޅެނީ ހިނގާފަ..." ވިޔާމް ހާމަކުރީ ހަޤީޤަތެވެ.
"ތިކަން ހަމަޖެހިދާނެ." ނިކަން އަވަހަށް މިފްރާހު ބުންނެވެ. އޭނާގެ ވިސްނުމުގައި ހުރީ މުބީންގެ ގާތުން އެހީއަށް އެދުމެވެ.
"މިފޫ... އެ އަންހެންކުއްޖާއަކީ ކާކުތަ؟. މާބެގެ ޓާގެޓެއްތަ؟." ކުރި ސުވާލުގެ ނަތީޖާ ނުކުމެދާނޭ ގޮތާމެދު ޖެހިލުންވެފައި ވިޔާމް އިނެވެ. މިފްރާހުގެ ނަޒަރު އޭނާއާ އަމާޒުވެލި ގޮތުން އޭނާ ވިޔާމަށް އިންޒާރެއް ދޭނީއޭ ހީވިއެވެ. ނަމަވެސް އެފަދަ ހަރުކަށިކަމެއް ނުފެނުނެވެ.
"އަހަރެންގެ ވާން އުޅޭ އަންހެނުން." މިފްރާހު ބުންޏެވެ. ވިޔާމްއަށް ހަޤީޤަތް ސާފުވުމުން އެއަންހެންކުއްޖާއާ މެދު ހިތުގައި ހަމްދަރުދީ އުފެދުނެވެ. މިފްރާހަށް ފޯނެއް އައީ އެވަގުތެވެ. އޭނާ ކޯލަށް ޖަވާބުދެމުން މާބެގެ ނަން ބުނުމުން އެ ގުޅީ މުބީންކަން ވިޔާމަށް އެނގުނެވެ. މުބީން ގުޅައިފިނަމަ އޭގެ މާނައަކީ އެމީހުން އަންނަންވީ ކަމެވެ.
* * * * *
ބަދިގޭގައި މިންނާ އިނީ ކައިފްއާއެކު ކާމޭޒު ދޮށުގައި އިށީނދެއެވެ. އޭނާ އައިފަހުން ގޭގައި ހުރިހާ އިރަކަށް ކާން ހުރެއެވެ. ހުކުރު ދުވަހެއްނަމަ އެ ދުވަހަކީ ކެންޒާ ބަދިގޭގައި ހަރަކާތްތެރިވާނޭ ދުވަހެވެ. ކައިފްއަށް ފައިދާ ހުރި ރަނގަޅު ކާނާ ތައްޔާރުކުރާއިރު ވެސް އެ ކުއްޖާ ބަނޑުފުރެންދެން ކާހެނެއް މިންނާއަކަށް ހިޔެއްނުވެއެވެ. ކައިފް އަދިވެސް ފެންނަނީ ވަރުބަލިކޮށެވެ. ބަލީގެ އަސަރު ނެތްކަން ޑަކްޓަރުން ޔަގީންކޮށްދީފައިވާތީއާއެކު މިންނާއަށް ވިސްނުނީ ކައިފްއަށް އެހެންއެވަނީ އެހާ ދުވަހު ބޮޑު ބައްޔެއްގައި ތަންމަތިވެފައި އޮންނަން ޖެހުނީމަ ކަމަށެވެ. އޭނާއަށް ދެން އެންމެބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިބޭނީ ފިރިހެން ދަރިފުޅު ހަރަކާތްތެރިވެ އުޅޭތަން ފެނަންފެށީމައެވެ.
"ކާންތަ ތިއައީ؟." ބަދިގެ ދޮރުން ވަން ކެންޒާ ފެނުމާއެކު މިންނާ އަހާލިއެވެ.
"ކަސްރަތުކޮށްގެން އައިސް ނުކާނެ." ކޮއްކޮއަށް ޖަވާބެއް ނުދެވެނީސް ނިކަން އަވަހަށް ކައިފް ބުނެލިއެވެ. މަންމައާއި ބޭބެގެ މޫނަށް ކެންޒާ ބަލާލިއެވެ. ހަޤީޤަތުގައި އޭނާ ހުރީ ބަނޑުހައިވެފައެވެ. ބަދިގެއަށް އައީ ވެސް ކާށެވެ. އެކަމަކު ބޭބެ އެހެން ބުނުމުން ބަނޑުހައިވެފައިކަން ހުރީ ބުނަން ކެންޒާ ބޭނުމެއްނުވިއެވެ.
"އަހަރެން ކާން އެބައޫޅޭތަ؟." ކެންޒާ ބުންޏެވެ. ދަރިފުޅުގެ ގޮތް އެނގޭތީ މިންނާއަށް ހީނލެވުނެވެ.
"ކަސްރަތުކުރިޔަސް ކާން ޖެހޭނެ." މިންނާ ބުނެލިއެވެ. ކެންޒާ މޭޒުމަތީ ހުރި ފެންފުޅިން ފެންތަށްޓެއް އަޅައިގެން މަންމަގެ ގާތުގައި އިށީނެވެ. ކެންޒާ ކާން ތަށްޓެއް ނަގައިދޭން މަންމަ އުޅެންފެށުމުން ވެސް އޭނާ ބުނި ބަހުގައި ހިފެހެއްޓިއެވެ. މިންނާ ވެސް ގޮތްދޫނުކޮށް އައިސްއަލަމާރިތެރެއިން ކައިފްއަށް ހޯދާފައި ހުރި މޭވާތަކުން މެންޑަރިންއެއް ނެގިއެވެ. އެނބުރި އައިސް މޭޒުދޮށުގައި އިނދެ އެ ނޮޅައި ދެބެންނަށް ބައިކޮށްދިނެވެ. ބަތްނުކޭނަމަވެސް މެންޑަރިންކޮޅު ކާލަން ކެންޒާގެ ގާތުން މިންނާ އެދުނެވެ.
"ބޯއިފްރެންޑް އައި ހޯދަން." ކައިފް ބުނެލިއެވެ. ކެންޒާގެ މޫނުން ފާޅުވި ހައިރާންކަން ކައިފްއާއި މިންނާއަށް ވެސް ފެނުނެވެ.
"ސްޓޮޕް ޖޯކިން ދޮންބޭ." ކެންޒާ ބުނެލިއެވެ.
"އަޅެ މަންމަ ކައިރި އަހާބަލަ. ދޯ މަންމާ." ކައިފް ބުންޏެވެ. މޭޒުގައި ވިއްދާލައިގެން އިން އަތުގެ ތެރެއަށް އަރިކޮށްލި ބޮލުގެ ބާރު ދޫކޮށްލަމުން މަންމައަށް ކެންޒާގެ ނަޒަރު އަމާޒުކޮށްލިއެވެ.
"ހޫމް..." މިންނާ ޒާތެއްގެ ހިންޏެއް އައިސް އިނދެ ހޫން ލައްވާލިއެވެ.
"ހީ އިޒް ސްމާޓް... އެހެންވެތަ ކެން ހިކެން ތިއުޅެނީ؟. އޭނާ ބުނީތަ ހިކެން؟. މީހަކަށް ޓަކައި ހިކޭނެކަމެއްނެތް. ނޫންތަ މަންމާ. އެކަމަކު ކޮންއިރަކު ހިނގިކަމެއްމީ؟. އޭނާގެ ގަޓުއެބަހުރި... އަހަރެން ކައިރީ ވެސް ނުބުނެ... މަންމައަށް ވެސް ނޭނގި.." ކައިފް ވާހަކަދެއްކިއެވެ.
"މަޑުކޮށްބަލަ... ޓައިމްއައުޓް... ހޭ.... ޓައިމްއައުޓް..." ކައިފްގެ ވާހަކަ ހުއްޓުވާލުމަށް އަތުގެ އިޝާރާތާއެކު ކެންޒާ އަވަސް އަވަހަށް ބުނެލިއެވެ.
"ރީތިކުއްޖެއް. މާލޭ ކުއްޖެއްހެން ހިޔެއްނުވޭ." މިންނާ ބުނެލިއެވެ.
"މަންމާ..." މިންނާ ވެސް ދޫނުކުރުމުން ކެންޒާއަށް ގޮވާލެވުނެވެ.
"ކާކުގެ ވާހަކައެއްތަ ތިދައްކަނީ؟... ދޮންބެ ވާހަކައެއް ހަދާލީ ދޯ. މަންމަ ވެސް ދޮންބެއާ ބައިވެރިވަނީތަ؟." ކެންޒާއަށް ބުނެވުނެވެ.
"ދިގު އިސްތަށިގަނޑެއް، ހައިލައިޓްސް ކޮށްފަ ހުރީ... މޫނު ދިގު، ބޯކޮށް ހުރި ތުނބުޅިމަތިސް. އިސްކޮޅުން... ހަފޫޓު ޔަގީނުން ވެސް ހުންނާނެ..." މިފްރާހު ސިފަކޮށްދޭން ކައިފް މަސައްކަތްކުރިއެވެ.
"ކީކޭ ބުނީ؟... އަހަރެން ހޯދަންތަ އައީ؟..." އަދިވެސް ކެންޒާއަށް ޤަބޫލެއްނުކުރެވެއެވެ. ހައްތަހާ ވެސް ހީވަނީ މަންމައާއި ބޭބެއާ ދެމީހުން އޭނާ މޮޔަ ހައްދަނީކަމުގައެވެ. އޭނާގެ "ބޯއިފްރެންޑް"އަކަށް ހުރީ ލައިތެވެ. އެގެއަށް ލައިތު އަންނާނީ ކިހިނެއްހެއްޔެވެ. އޭނާ އެއާއި ލައިތުއާއެކު ވަގުތު ހޭދަކޮށްފައެވެ. ގެއަށް ލައިދޭން ވެސް އައީ ލައިތެވެ.
"ދޮންބެ ދޮގެއްނޫނޭ އެބުނީ. މަންމަ މީނީ އެކަމާ ކެންއާ ވާހަކަދައްކަންވެގެން. އެކުއްޖާބުނި މާލެއައީ އަދިކިރިޔާއޭ... ދަރިފުޅު ނަންބަރެއް ނުދެއޭ... ވާހަކަދައްކާލަން ވެއްޖެނަމަ އަންނަނީ މިގެއަށްކަމަށް. ބުނި ޢާންމުކޮށް ދަރިފުޅާ ބައްދަލުކުރަން މިގެއަށް އަންނަވާހަކަ.... ކީކޭތަ ބުނީ އޭނާއަށް ކިޔަނީ... މިދާދު... މިފްދާ..." މިންނާ ބަލާލީ ކައިފްއަށެވެ.
"މިފްރާހު..." ކެންޒާއަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ.
"އާން!... މިފްރާހުއޭ ބުނީ... އެއީ ކޮންކުޖެއްތަ؟." މިންނާ ޔަގީންވެގެން ބޯޖަހާލާފައި ކެންޒާއާ ސުވާލުކުރިއެވެ.
"ކޮންއިރަކު އައީ މިގެއަށް؟." ކެންޒާ ހާސްވިއެވެ. ކޮއްކޮގެ މޫނުން ފާޅުވީ ކައިފް ހީކުރި ފަދަ އަސަރުތަކެއްނޫނެވެ. އެކަމާ އޭނާއަށް ވިސްނާލެވުނެވެ.
"އަށެއްޖަހަން އުޅެނިކޮށް. އެހާއިރަށް ކެން ގޭގައި އުޅޭނެތީއޭ ބުނި ހޯދަން އައީ." މިންނާ އިތުރަށް ސާފުކޮށްދިނެވެ.
"އޭނާ ބުނީތަ... އަހަރެންގެ ބޯއިފްރެންޑޭ..." ގަޔާނުވެވި އިނދެ ކެންޒާއަށް އަހާލެވުނެވެ.
"އެއީ ކާކުތަ؟." ކައިފްއަށް ވަގުތުން އަހާލެވުނެވެ.
"އެއްވެސް ޚާއްޞަ މީހެއްނޫން... އެއީ އަހަރެންގެ ބޯއިފްރެންޑެއްނޫނޭ މަންމާ." ކެންޒާ ހީނލީ ލިބެމުންދިޔަ ނުތަނަވަސްކަން ފޮރުވާލުމަށެވެ. ކައިފްގެ ސުވާލަށް ޖަވާބުދޭން ކެންޒާ ޖެހިލުންވީއެވެ.
"ދަރިފުޅު ކުއްޖަކާ ރައްޓެހިވެއްޖެއްޔާ މަންމަ ގާތު ބުނައްޗޭ، ވާނެ މަންމައާ ބައްދަލުކޮށްދޭން... މިގެއަށް ގެންނަންވާނެ އިނގޭ." މިންނާ ދުށުމަށް އެދޭ ކަމެއްފަދައިން ވާހަކަދެއްކިއެވެ. ކެންޒާ ހެމުންހެމުން ކާމޭޒުދޮށުން ތެދުވިއެވެ. މަންމަ ވެސް ދައްކާވާހަކައޭ ބުނެ އޭނާ އެ މައުޟޫޢު އޮއްބާލަން އުޅުނު ކަހަލައެވެ. އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން ކޮޓަރިއަށް ދަނީކަމުގައި ބުނެ ކެންޒާ ގަސްދުކުރީ ބަދިގެއިން ނުކުންނާށެވެ. މަންމައާއި ބޭބެ ގާތު އިތުރަށް މިފްރާހުގެ ވާހަކަދައްކަން ޖެހިދާނެތީއެވެ.
"ކެން... އަންނައްޗޭ ރޫމަށް. މިރޭ މަންމަގެ ބަދަލުގައި ކެން އޮންނަންވީނު." ކައިފްގެ ސިކުނޑީގައި އުފެދިފައިވާ ޚިޔާލާއެކު އޭނާ ބުނެލިއެވެ.
"އޭރުން ދޮންބެއަށް ނުނެދޭނެ... އަހަރެން ގުގުރިދަމާވާހަކަ މަންމަ ވެސް ކިޔާނެ. ދޮންބެ އަހަންނާ ދިމާކުރާނެ." ކެންޒާ ބަހަނާ ދައްކަން ބޭނުންވީ ކައިފްގެ މަޤްޞަދު ލަފާކުރެވޭތީއެވެ.
"ނޯ އައި ވޯންޓް... ޕްލީޒް... ކެން ގިނައިން ބޭރުގައި އުޅޭތީ އަހަންނަށް އަހަރެންގެ ސިސްއާއެކު ހޭދަކުރާނޭ ވަގުތެއް އަދި ނުލިބޭ." ކައިފް ޝަކުވާގެ ރާގުގައި ބުނެލިއެވެ.
"ބަޓް އައި އޭމް އަ މެސީ ސްލީޕާ." ކެންޒާ ބުނެލިއެވެ.
"އެކަން އެނގެޔޭ... ޕްލީޒް ކެން..." ކައިފް އާދޭސްކޮށްލިއެވެ. އާނއެކޭ ކެންޒާ ބުނެލީ ދެނެވެ.
* * * * *
ފޮށިލައްޕާލުމާއެކު އެ ނަގައި ކޮޅަށް ބަހައްޓާފައި އެއިން ނެގި އެއްޗެހި ހިފައިގެން ޒުބިން ވަނީ ފާޚާނާއަށެވެ. ރީތިވާ މޭޒު ކައިރީ ބޮލުގައި ބުރުސް ހިންގާލަހިންގާލާފައި ލައިރީ އިނީ ފިކުރަކަށް ގެއްލިފައެވެ. ޒުބިން ގެނައި ދެ ލަގެޖު އޭނާ ހުސްނުކުރާކަން ލައިރާއަށް އެނގެއެވެ. އެއީ ކީއްވެކަން ވެސް ލައިރާއަށް އެނގެއެވެ. އަސަދާއި ސަރަފީނާ ގާތު އެއްވެސް ވާހަކައެއްނުދެއްކިގެން އުޅެނިކޮށް ޒުބިން އެއައީ އޭނާގެ މައިންބަފައިންގެ ގެއަށް ގޮސްފައެވެ. އެ މޫނުން ފެންނަ ވަރުބަލިކަން ހުރިހާ ހަޤީޤަތެއް ލައިރާއަށް ހާމަކޮށްދިނެވެ. ޒުބިންގެ މައިންބަފައިން އޭނާގެ ފައިސަލާއާ މެދު އެއްބަސްނުވާނޭކަން ޚުދު ޒުބިންއަށް ވެސް އެނގެއެވެ. އެހެންވިޔަސް އޭނާ އެހުރީ އެންމެން ދެކޮޅު ވިޔަސް އަމިއްލަ ނިންމުމުގައި ހިފަހައްޓައިގެންނެވެ. މިނިވަންވާން ބޭނުންވެފައެވެ. އަމިއްލަ ދިރިއުޅުމުގެ މައްޗަށް އޮތް އެހެންމީހުންގެ ނުފޫޒުން ސަލާމަތްވާން ބޭނުންވެފައެވެ.
ޒުބިން ފާޚާނާއިން ނުކުތް އިރު ވެސް ލައިރާ އިނީ ރީތިވާ މޭޒުކައިރީއެވެ. އޭނާއަށް ގޮވާލަން ހިތަށް އަރާފައި ޒުބިން އެ ޚިޔާލު ދޫކޮށްލިއެވެ. އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން އޭނާ އެކޮޓަރިން ނުކުތީއެވެ. ދެން އައިސް ސިޓިންރޫމު ސޯފާގައި އޭނާ އިނެވެ.
ލައިރާ ނިދަން އެނދުގައި އޮށޯތެވެ. ކޮޓަރީގެ އަލި ފަނޑުކޮށްލިއެވެ. ނަމަވެސް އެ ދެ ލޮލުގައި ނިންޖެއް ނެތެވެ. ޒުބިން ފެންވަރައިގެން އެ ކޮޓަރިން ނުކުތް ގޮތަށް އެނބުރި ނާންނާތީ އެކަމާމެދު ވެސް ލައިރާއަށް ވިސްނެނީއެވެ. ނިދީގައި ކަމަށް ހަދައި ޒުބިންގެ އަތުގެތެރެއަށް ލައިރާ ވަދެ އޮއްވާ ކިތަންމެ ރެއަކު ޒުބިން އޭނާ ދުރުކޮށްލައިފިއެވެ. ލައިރާއާ ދިމާއަށް ނުބުންޏަސް އެކަންކަމުން ޒުބިންއަށް އުނދަގޫވާކަން އެނގެއެވެ. އެނދުން ތެދުވެ ބޭރު ސޯފާގައި އޭނާ އޮންނަލެއް ގިނަވީ އެހެންވެއެވެ. އެކަމަކު މިރޭ ތަފާތެވެ. އެހެންޏާ ޒުބިން އެކޮޓަރިން ނުކުންނަނީ ލައިރާއަށް ނިދުނީމައެވެ. މިރޭ އޭނާ ލައިރާއަށް ނިދެންދެން ވެސް މަޑެއްނުކުރިއެވެ.
"ކިތަންމެ ވަރަކަށް ހިފެހެއްޓިޔަސް އަމިއްލައެއް ނުވާނެ..." ލައިރާގެ ހިތަށް އެރިއެވެ.
ދަންވަރު އެކެއް ޖަހާ ދިޔައިރު ވެސް ޒުބިން އެކޮޓަރިއަށް ނައުމުން ދެން ނާންނާނޭކަމުގައި ލައިރާއަށް ޔަގީންވިއެވެ. އެ ދެ ލޯ ކަރުނުން ފުރުނެވެ. އަނގައިން އަޑެއް ލައްވާނުލުމަށް އަނގަމަތީ އަތްއަޅާލިއެވެ.
* * * * *
ކައިފްގެ އެނދަށް ދެފައި އަރުވައިގެން އެއްފައި އަނެއްފައިގަ އަޅުވާލައިގެން ކެންޒާ އޮތީ ތަޅުންމަތީގަ އޮތް ގޮދަޑީގައެވެ. އޭރު އަރިއަކަށް އޮށޯވެ ކޮއްކޮއަށް ބަލަން ކައިފް އޮތެވެ.
"އައި ޑޯންޓް ލައިކް ހިމް..." ކައިފް ދެއްކި ވާހަކައާ މެދު ވިސްނަން އޮވެފައި ކެންޒާ ބުންޏެވެ.
"ހީ އިޒް އެން އަލްފާ މޭލް... ހީ ހޭސް ދެޓް ޑޮމިނެންޓް ލުކް..." ކައިފްއަށް ފުރަތަމަ ފެނިލުމުން ވެސް މިފްރާހު ފުށުން އިޙްސާސް ކުރެވުނު ގޮތް ހާމަކުރިއެވެ. ކެންޒާއަށް ބޭއިޚްތިޔާރުގައި ކަރުދޮށުގައި ފިރުމާލެވުނެވެ.
"ބައްޕައާއެއްކޮށް އޭނާ މިގެއަށް އައީ... އެހެންވެ ޓްރަސްޓެއް ނުކުރެވޭ... އޭނާ އަމިއްލައަށް އުޅެނީ މާ ފްރެންޑްލީ ވެގެން." ކެންޒާއަށް ބުނެވުނެވެ.
"އެކަމަކު އޭނާ ނުޖަހާ ޔޫސްކުރާ މީހެއްވައްތަރެއް." ކައިފްއަށް ބުނެވުނެވެ.
"ކުރިޔަސް ނުކުރިޔަސް، އެމީހުންގެ ތެރޭގައި ދޯ އެ އުޅެނީ... އެންމެން ބައްޕަ ގޮތަށް ވެއްޓެންދެން ބޭނުންނުކޮށްފާނެ... ދެން ނޭނގެ، އޭނާއަށް އެއްގޮތަކަށް ވެސް ޓްރަސްޓެއް ނުކުރެވޭ." ކެންޒާ ބުންޏެވެ.
"ދެން ކީއްވެ މަންމަ ކައިރީ ނުބުނަންވީ؟." ކައިފް ސުވާލު އުފެދުނެވެ.
"ސީރިއަސްލީ... ދޮންބެއަށް އެނގެއެއްނު ކަންތައްވާނޭ ގޮތް. ބައްޕައާއި މިފްރާހުގެ ގުޅުން ވަރަށް ބޮޑު، އޭނާ އަންނަންފެށި ހިސާބުން ބައްޕަ ވެސް ތަންކޮޅެއް މައިތިރި އެވީ. ބޭރުގަ އެހުރި ސޯފާ ވެސް އެއީ އޭނާ ހޯދި އެއްޗެއް. އަހަންނަށް ވެސް ފެނުނީ ގެއަށް ވައްދާފައި ހުއްޓާ... އޭނާގެ ކުރިމަތީ ބައްޕަގެ ފާސަނަލިޓީ ޗޭންޖުވެފައި ހުންނަވަރު ފެނިއްޖެއްޔާ ދޮންބެ ވެސް ޝޮކްޑްވާނެ. އޭނާ ފުރައިގެން ދިޔަތާ ތިންމަސް މިވީ... އަހަންނަކަށް ނޭނގެ ބުނާކަށް، އޭނާ ބައްޕައާ ދެއްކީ ކޮންވާހަކައެއްކަމެއް. އެ ދެމެދުގައީ އެއްބަސްވުމެއް ހިނގީކަމެއް، އޭނާ ފުރައިގެން ދިޔަފަހުން ބައްޕަ ގެއަށް ނާންނަން ފެށީ. އަހަންނަށް ނުވެސް ފެނޭ. އުޅެނީ ކޮންތާކުކަމެއް ނޭނގެ. މިހުރިހާ ވާހަކައެއް މަންމައަށް ކިޔާދީ ބޯހާސްކުރުވާކަށް ބޭނުމެއްނޫން. ބައްޕަ އަންނައިރަށް މަންމަ މިހުރިހާ ސުވާލެއް ކުރާނެ. އަހަންނަށް ޔަގިން މިފްރާހަށް ވެސް ގެއަށް ނުވަންނަން އަންގާނެ. ބޮޑު ހަމަނުޖެހުމެއް ހިނގާނެ. އޭނާ އެހާ ކަންތައް ބޮޑުކޮށްލައިގެން ނޫޅޭތީ އަހަރެން ވެސް އަޅާނުލަނީ... އެންމެ ރަނގަޅުވާނީ އެގޮތް." ކެންޒާ ބުންޏެވެ.
"ކެން... އަހަރެން ކިހިނެއް އެއްޗެކޭ ނުބުނެ ހުންނާނީ. އޭނާ އެގޮތަށް މިގެއަށް އައުން ޢާންމުކަމަކަށް ހަދާފާނެ." ކެންޒާއާމެދު ކައިފް ކަންބޮޑުވެއެވެ. އަންހެންކޮއްކޮއާ ފިރިހެނަކު އެގޮތަށް ދިމާކުރުމަކީ އެއްގޮތަކަށް ވެސް އަޅާނުލާ ދޫކޮށްލެވޭވަރު ކަމެއްކަމުގައި ކައިފް ނުދެކެއެވެ.
"ޕްލީޒް... އައި ވިލް ހޭންޑްލް ހިމް... ޕްލީޒް... މަންމަ ކައިރީ ނުބުނާތި. ވޮރީ ނުވެބަލަ... އޭނާ އުނދަގޫކުރަން ބޭނުންނަމަ މަންމައާއި ދޮންބެ ނެތިސް އެކަން ކުރެވޭނެ، އެކަމަކު އަހަންނަށް އުޅެން ދައްޗެއް ނުކުރޭ. މިހާރު އަދި އަމުދުން އުނދަގުލެއްނުކުރެވޭނެ، ޔޫ ގާއިޒްއާ ހިއާ..." ކެންޒާ ބުންޏެވެ.
"އޯކޭ... އެކަމަކު ބުނަން، އަހަންނަށް ވަރަށް ޔަގީންވޭ ކެން ސިންގަލް ނޫންހެން." އެނދުގެ މަގަތަށް ޖެހިލަމުން ދެއަތުގެ ބުރައަށް ކައިފް ތެދުވެލިއެވެ.
"ވަޓް؟... ހައު..." ރަކި ހިނިތުންވުމެއް ކެންޒާގެ ތުންފަތަށް ވެރިވިއެވެ.
"ކާކު އެއީ؟." ކައިފް އަހާލިއެވެ.
"ދޮންބެއަށް ހީވާގޮތް ތީ." ހެވިފައި އޮވެ ކެންޒާ ބުނެލިއެވެ.
"އަހަރެންމީ ބޭބެއޭ... އަހަރެންނަށް ރަނގަޅަށް ކެން އެނގޭ... އެންމެ ލޯބިވާ އެއްޗަކީ އެނދާއި ތިގެން ގުޅޭ ފޯނު، ދާތަނަކަށް ގޮސްފައި އަވަހަށް ގެއަށް ނާދެވިގެން ކެން ހުންނާނީ... އެކަމަކު މިހާރު މަސައްކަތް ނިންމާފައި ގެއަށް އާދެވޭވަރުނުވޭ... ވަރަށް ބަހަނާ ދައްކާ... ވަރަށް ޗޭންޖް... އެހެންވިޔަސް ކުރިން ނުފެންނަ ހެޕީގޮތެއް އެބަހުރި، މަންމަ ހީކުރަނީ އަހަރެމެން ގެއަށް އައީމަ ކެންއަށް ލިބިގެން އުޅޭ އުފާވެރިކަމެއްކަމުގައި، އެކަމަކު އަހަންނަށް އެނގޭ އެކަމާ ގުޅިފައި އެހެންކަމެއް ވެސް އެބައޮތްކަން، ކުރިން ވިސްނަން އިންނަ ގޮތާ މިހާރު ޚިޔާލުތަކަށް ގެއްލިފައި އިންނަގޮތް ވެސް ތަފާތު... ކަމޯން... ޓެލް މީ..." ކައިފް އޮތީ ޝައުގުވެރިވެފައެވެ.
"ލައިތު..." ހިނިތުންވެލައިގެން އޮވެ ކެންޒާ ބުނެލިއެވެ.
"އެހެންތަ ކިޔަނީ؟... އެހެންވީމަ ހަމަ ރަނގަޅަށް ދޯ ހީވީ." ކައިފް ހީނލިއެވެ. ކެންޒާ ބޯޖަހާލިއެވެ.
"ބްރޯ... އައި ފީލް ލަކީ... ލައިފްގަ ފުރަތަމަ ފަހަރަށް އަމިއްލަ ނަސީބާމެދު އުފާމިވީ، އައި އޭމް ސޮރީ ބަޓް އައި އޭމް ބިވިޗްޑް ބައި ހިމް... ހެ ހެ ހެ ހެ..." ކެންޒާ ހީނލިއެވެ. ހަޤީޤީ އުފާވެރިކަން ކޮއްކޮގެން މޫނުން ފާޅުވާތީ ކައިފް ދުށްޓެވެ.
"އޭނާ ބުނީތަ ހިކެން؟." ކައިފް އަހާލިއެވެ. އޭނާގެ އެނދުން ދެފައި ނަގައި ކެންޒާ ތެދުވިއެވެ. ގޮދަޑިމަތީ ދެފައިވަށްކޮށްލައިގެން ކައިފްއަށް ހުރިހާ ކަމެއް ޚިއްޞާކުރަން ކެންޒާ ތައްޔާރުވެލި ކަހަލައެވެ.
"ނޯ.. ނޯ... އޭނާއަށް އަހަރެން ފަލަވީމަހެން ހީވޭ ކަމުދަނީ، ނުބުނޭ އެއްފަހަރު ވެސް އަހަރެން ފަލައޭ... އަޅެ ޤަބޫލުކުރެވޭތަ؟... އޭނަ ފުރަތަމަ އެހީވެސް... އަހަންނަކަށް ނޭނގެ އާނއެކޭ ބުނީ ކީކޭ ހިތަށް އަރައިގެންކަމެއް" ކެންޒާގެ ތުންފަތުން ހިނިތުންވުން ފަނޑުނުވެއެވެ.
"ކިހިނެއްވީ؟... އޭނާދެކެ ލައިކް ނުވަނީތަ؟." ކެންޒާގެ މޫނުން ސާފުކޮށް އެ މީހަކުދެކެ ލޯބިވާވަރު ހާމަވާއިރު ވެސް ކައިފް ސުވާލުކުރިއެވެ.
"އައި ލަވް ހިމް. ހިޔެއްނުކުރަން... އެކަމަކު މިހާރު ވަރަށް ބޮޑަށް ލޯބިވޭ. މަންމަ ކައިރީ ވެސް ބުނަން ބޭނުން، ފެމެލީއާ މީޓުކޮށްދޭން ވެސް ބޭނުން، އެކަމަކު އަދި އަވަހީ... އޭނާއަކީ އަހަރެމެން ކަހަލަ މީހެއްނޫންވީމަ." ކެންޒާ ބުންޏެވެ.
"އިންސާނެއްނޫންތަ؟." ސަމާސާގެ ރާގުގައި ކައިފް އަހާލިއެވެ. އެއާއެކު ކެންޒާ ހިނިގަނޑެއް ޖަހާލިއެވެ.
"އިންސާނެއް އެއީ... ހުރިހާ ގޮތަކުން ވެސް އިންސާނެއް... މައްސަލައަކީ އޭނާއަކީ އަހަރެން ވޯކްކުރާ ގޭގެ ކުއްޖެއްވީމަ. އެމީހުންނަކީ ކޮންބައެއްކަން އެނގެއެއްނު." ކެންޒާ ތުންއޫކޮށްލިއެވެ.
"ސިސްޓާރ، ސްޑުޕިޑް މިސްޓޭކެއް ހަދަން ތިއުޅެނީ... އޭނާ ކެންގެ ފީލިންގްސްއާ ކުޅެލަނީހެން ހާދަހީވޭ. ކެންއަށް ޤަބޫލުކުރެވޭތަ އެވަރުގެ މީހަކު ކެން ކަހަލަ ސިމްޕަލް އަންހެންކުއްޖަކަށް އިންޓްރެސްވެދާނޭ... މީހުން ޔޫސްކޮށްލަން އެމީހުން ވަރަށް ކުޅަދާނަވާނެ. އައި އޭމް ވޮރީޑް... ތިގުޅުމުން ކެންއަށް ހާޓްވެދާނެހެން ހީވަނީ. އެމީހުންނަށް އެގޮތަށް އިޙްސާސްތަކާ ކުޅެލުމަކީ މާބޮޑުކަމަކަށް ނުވާނެ." ލައިތުގެ ހައިސިއްޔަތު އެނގުމުން ކައިފްގެ ވިސްނުން ބަދަލުވި ކަހަލައެވެ.
"އަހަރެން ލައިތަށް ޓްރަސްޓްކުރަން... އޭނާއަކީ އެކަހަލަ މީހެއްނޫން." ހިތުގައި އުފެދި ފުންވަމުން އަންނަ ވަރުގަދަ ޖަޒުބާތު ލައިތުއާ ދެކޮޅުވާން ކެންޒާއަށް ފުރުޞަތެއް ނުދެއެވެ. ލައިތުގެ ލޯބީގައި އޭނާ ދީވާނާވެ ނިމިއްޖެއެވެ. ކަޝްފުވި ހަށިގަނޑުގައި ލައިތު ބީހުނުފަހުން ކެންޒާގެ މަޢުޞޫމްކަން އަނދާ އަޅިއަށްވެ ދުމަށް އަރައިގެން ހިނގައްޖެއެވެ. އޭނާ އެވަނީ ބަދަލުވެފައެވެ. ލައިތުއަށް ޓަކައި ކުރިން އެދެމުންއައީ އޭނާގެ ހިތާއި ފުރާނައެވެ. އެދުންވެރިކަމެއްނުވާ ސާފު ލޯތްބެކެވެ. ނަމަވެސް މިހާރު އޭނާގެ މުޅި ޖިސްމު ވެސް ލައިތުއަށް އެދެވެއެވެ. ލައިތުގެ ލޯބީގައި މުޅި މީހާ ބަދަލުކޮށްލައިފިއެވެ. އެކަމަކު އެއީ ބޭބެއާ ޚިއްޞާ ކުރެވޭ ކަހަލަ ވާހަކައެއްނޫނެވެ. އެ ބޭބެ އޭނާ ފިރިހެނުންގެ ކިބައިން ރައްކާތެރިކުރަން ބޭނުންވާކަން ކެންޒާއަށް އެނގެއެވެ.
(ނުނިމޭ)