ޅ. ކުރެންދޫގައި ގާއިމު ކުރާ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމި ޓެސްޓު ކުރުމަށް ތައްޔާރުވާ ކަމަށް މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ ކުރެންދޫގައި ގާއިމްކުރަމުންދާ ނަރުދަމާ ނިޒާމްގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އެ ނިޒާމު ޓެސްޓުކޮށް ކޮމިޝަން ކުރުމަށްޓަކައި ހައުންސިން މިނިސްޓްރީއަށް މިހާރު އެދިފައިވާ ކަމަށެވެ.
ކުރެންދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މި މަޝްރޫއުގެ ދަށުން އެރަށުގެ ނަރުދަމާ ނިޒާމުގެމައި ނެޓްވޯކް ގާއިމްކޮށް އަދި 366 ގެ އެއްގައި ޖަންގްޝަން ބަހައްޓައި، މިގެތަކަށްނަރުދަމާގެ ކަނެކްޝަން ގުޅާލާފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މިމަޝްރޫއުގެ ދަށުން 6,000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކްއާއި، 720 މީޓަރުގެ ޕަންޕިން ލައިންއެއް ގާއިމް ކޮށްފައިވާ ކަމަށާއި އަދި އިތުރު ދެ ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އާއި އިދާރީ ބިލްޑިންގއެއްވެސް ގާއިމް ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުންވެސް ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދެވިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.
މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މިމަޝްރޫއަށް ޖުމްލަ 29.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.