މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ފްލެޓް ލިސްޓުގެ ޝަކުވާތަކަށް ގެނައި ބަދަލުތައް ޕޯޓަލުން ފެންނާނެ: ޕްލޭނިން މިނިސްޓްރީ

މިސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތައް ބަލައި ޝަކުވާތައް ހައްލުކުރި ގޮތް "ގެދޮރުވެރިން ޕޯޓަލް" އިން ފެންނާނެ ގޮތް ހަދައިފި އެވެ.

ޕްލޭނިން މިިނިސްޓްރީން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފައިވަނީ މިދިޔަ އޯގަސްޓް އަށްވަނަ ދުވަހު އެވެ. މިލިސްޓަށް ޝަކުވާ ހުށައެޅުމަށް ފުރުސަތު ހުޅުވާލީ އޯގަސްޓް 22ގެ ނިޔަލަށެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އަންނަ ހަފްތާގެ ތެރޭގައި ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ދާއިމީ ލިސްޓު ނެރުމުގެ ކުރިން ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތް ބެލުމަށް ޕްލޭނިން މިނިސްޓްރީގެ ޓީމުތަކުން މިހާރު ގެންދަނީ ގޭގެއަށް ޒިޔާރަތް ކުރަމުންނެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރާ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ފްލެޓް ދިނުމަށް މިހާރު ހަދަމުންދާ ފްލެޓްތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުންދާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

ފްލެޓް ދިނުމަށް އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހަދަނީ 18 ބުރީގެ 32 ޓަވަރެވެ.