ދީން

އެންމެ މާތް ދިހަ ދުވަސް

Jul 24, 2020
ލިޔުނީ: އައްޝައިޚް ހަސަން މޫސާ ފިކުރީ

ރެޔާދުވާލު ތަކުރާރުވަމުން، އެކައްޗަށް ފަހު އަނެކައްޗެއް އަންނަމުންދާ ގޮތުގައި ލައްވާފައިވުމުގައި ޙިކުމްތަތަކެއްވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَهُوَ الَّذِي جَعَلَ اللَّيْلَ وَالنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُوراً" (الفرقان 62) މާނައީ: "އަދި އެކަލާނގެއީ، ރެޔާއި ދުވާލު އެކައްޗަކަށްފަހު، އަނެކައްޗެއް އަންނަގޮތުގައި ލެއްވި ރަސްކަލާނގެއެވެ. އެއީ ހަނދުމަކުރުމަށް އެދޭމީހަކަށް ނުވަތަ ޝުކުރުވެރިވުމަށް އެދޭމީހަކަށްޓަކައެވެ."

ދުވަސްތަކުގެ ތެރެއިން ބައެއް ދުވަސްތައް އެނޫން ދުވަސްތަކުގެ މައްޗަށް މާތް ކުރައްވައި މަތިވެރި ކުރައްވާފައިވުމީވެސް މާތް ﷲ އިންސާނުންނަށް ދެއްވި ބޮޑު ނިޢުމަތެކެވެ. މާތް ﷲ އެދި ވޮޑިގެންނެވި އެއްޗެއް ނުވަތަ ތަނެއް ނުވަތަ ފަރާތެއް މާތްކުރައްވައި އިޚްތިޔާރު ކުރައްވައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ " (القصص 68) މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރެއްވި އެއްޗެއް ޚިޔާރު ކުރައްވައެވެ."

އަހަރުގެ ތެރޭގައި ތަކުރާރުވަމުން، ދައުރަވުމުން ދާގޮތުގައި ހެޔޮކަމާއި އަޅުކަމުގެ ޚާއްޞަ މޫސުންތައް އައުމީ އިންސާނާ ހެޔު ޢަމަލުގެ މަތީގައި ދެމިހުރުމަށް ލިބޭ ފަހި ފުރުސަތެކެވެ. ރޯދަމަހުގެ ދުވާލު ރޯދަ ހިފައި، ރޭއަޅުކަންކޮށް، ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު، އެ ހެޔޮ އަމަލުތައް ކުރުމުން ދުރުހެލިވެ ނުވަތަ ހުއްޓުމަކަށް އައިސްފައިވާ އެތައް ބަޔަކަށް މިއީ އަނެއްކާވެސް އެކަންކަމަށް އެނބުރި ދިޔުމަށް އޮތް ރަނގަޅު ވަގުތެކެވެ.

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔެމަތީގައި އަންނާނޭ އެންމެ މާތް ދުވަސްތަކެވެ. މާތް ﷲ ވަނީ އެދުވަސްތައް ގަންދެއްވައި ހުވާ ވަޙީކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَالْفَجْرِ * وَلَيَالٍ عَشْرٍ" (الفجر 2) މާނައީ: "ފަތިސްވަގުތު ގަންދެއްވަމެވެ * އަދި ދިހަ ރޭ ގަންދެއްވަމެވެ."

އަލްއިމާމު އިބްނު ކަޘީރު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. "ދިހަ ރޭގެ މުރާދަކީ ޙައްޖު މަހުގެ ފުރަތަމަ ދިހައެކެވެ. މިފަދައިން ވިދާޅުވެފައިވާ ބޭކަލުންގެ ތެރޭގައި އިބްނު ޢައްބާސް ރަޟިޔާ އާއި މުޖާހިދު އާއި އައްއިމާމުލް ބުޚާރީ ހިމެނެއެވެ." އަދި އަންނަނިވި އާޔަތުގައިވާ أَيَّامٍ مَّعْلُومَاتٍ (ކަނޑައެޅި އެނގިގެންވާ ދުސްތައް) އެއީވެސް ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމުގައިވެސް އިބްނު ކަޘީރު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. "وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ" (الحج 28) މާނައީ: "އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން ﷲ ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ."

މިދުވަސްތަކުގެ މާތް ކަމާއި ބެހޭ ގޮތުން މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މި ދުވަސްތަކަށްވުރެ، އެބަހީ: ޛުލް ޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ، ހެޔޮ ޢަމަލު ކުރުމަށް ﷲ ގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑު އެހެން ދުވަސްތަކެއް ނުވެއެވެ." ޞަޙާބީއަކު ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެންވެސް ތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެ ވެސް ބޮޑަށެވެ. އެކަމަކު އޭނާގެ މުދަލާއި އަމިއްލަ ނަފްސާއިގެން (ﷲ ގެ މަގުގައި) ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނާދެވުނު މީހާ މެނުވީއެވެ." އެބަހީ: އޭނާގެ އަމިއްލަ ނަފްސާއި މުދަލާއިގެން، ޖިހާދުކުރުމަށް ނުކުމެ، ﷲ ގެ މަގުގައި ޝަހީދުވެދިޔަ މީހަކު އެކުޅަ ހެޔޮ ޢަމަލުމެނުވީ، އެހެން ކޮންމެ ހެޔޮ ޢަމަލެއް އެ ދުވަސްތަކުގައި މާތް ކަންބޮޑުވެގެންވެއެވެ.

އެހެން ބަސްފުޅެއްގައި އިބްނު ޢުމަރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ކުރެއްވިއެވެ. "مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللهِ وَلَا أَحَبُّ إِلَيْهِ الْعَمَلُ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشْرِ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ " رواه أحمد މާނައީ: "ޙައްޖު މަހުގެ ދިހަ ދުވަހަށްވުރެ، މާތް ﷲ ގެ ޙަޟުރަތުގައި، ވަކީން ބޮޑަށް މަތިވެރިވެގެންވާ ދުވަސްތަކެއް، އަދި ހެޔޮ ޢަމަލު ކުޅައުމަށް އެއިލާހު ލޯބިވެވޮޑިގަންނަވާ ދުވަސްތަކެއް ނުވެއެވެ. ފަހެ އެދުވަސްތަކުގައި ތަހުލީލު ތަކުބީރު އަދި ތަޙްމީދު ކިޔުން ގިނަކުރާށެވެ!"

ތަހުލީލަކީ لاَ إِلهَ إِلاَّ اللهُ އެވެ. ތަޙުމީދަކީ الحَمْدُ للهِ އެވެ. އަދި ތަކްބީރަކީ اللهُ أَكْبَرُ އެވެ.

އަހަރުގެ އެހެން ދުވަސްތަކަށްވުރެ، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް މާތްވެގެންވާ ސަބަބާމެދު ޢިލްމުވެރިން ވިދާޅުވެފައެވެ. މިދުވަސްތަކުގައި އަހަރުގެ އެހެން އެއްވެސް ދުވަސްތަކުގައި ނުކުރެވޭނެ އެތައް އަޅުކަމެއް މިދުވަސްތަކުގައި ވަނީ ޖަމާވެފައެވެ. އެގޮތުން، ޙައްޖުގެ އަޅުކަމުގެ ތެރެއިން، ޢަރަފާތުގައި ހުރުމާއި، މުޒްދަލިފާގައި ރޭކުރުމާއި މިނާގައި ހުރުމާއި ޖަމަރާތަކަށް ހިލައުކުމާއި ޙައްޖާޖީން ހަދުޔު ކަތިލުމާއި އެނޫން މީސްތަކުން އުޟްޙިޔާ ކަތިލުންފަދަ އަޅުކަންތަކަކީ މިދުވަސްތަކަށް ޚާއްޞަވެފައިވާ، އަހަރުގެ އެހެން ދުވަސްތަކެއްގައި އަދާނުކުރެވޭނެ އަޅުކަމެވެ.

މި ދުވަސްތަކުގައި ކުރުން މޮޅު އިތުރުވެގެންވާ ހެޔޮ ޢަމަލުތަކަށް ބަލައިލާނަމެވެ.

ޙައްޖުވުން

ޙައްޖުގެ އަޅުކަމަކީ ދަރުމަޔާއި ސަވާބު މަތިވެރިވެގެންވާ އަޅުކަމެކެވެ. ފުރިހަމަ ޙައްޖެއްގެ ސަވާބަކީ ސުވަރުގެ އެވެ. ޙައްޖު ކުރާހިނދު އެންމެހާ ފާޙިޝް ޢަމަލުތަކާއި ބަސްތަކުން، އެއްކިބާވެގެން ހުރެ ޙައްޖުގެ އަޅުކަން ފުރިހަމަކޮށްފި މީހާ އޭނާގެ މައިމީހާގެ ބަނޑުން ވިހޭ ދުވަސްފަދައިން ފާފަތައް ފުއްސެވިގެންވާކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ.

ރޯދަ ހިފުން

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ ޢަމަލު ކުރުން އެންމެ މޮޅުއިތުރުވެގެންވާ ދުވަސްތައް ކަމުގައިވީހިނދު މިދުވަސްތަކުގައި ސުންނަތް ރޯދަހިފުމަކީ ކުރިވިދާނޭ ވަރަށް މަތިވެރި އަޅުކަމެކެވެ. މާތް ﷲ އަށް އިޚްލާޞްތެރިކަމާއެކު އެންމެ ރޯދައެއްހިފި މީހާގެ މޫނު ހަތްދިހަ ހާސް އަހަރުގެ ރާސްތާއަށް ނަރަކައާ ދުރުކުރައްވާނޭކަމުގައި ޙަދީޘްތަކުގައި ވާރިދުވެފައިވެއެވެ.

މިދުވަސްތުގައި ރޯދަހިފުން ޚާއްޞަ ވެގެންވޭތޯ އުފެދޭ ސުވާލާމެދު ބަލައިލާހިނދު، އެދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމަށް ދީނުގައި ބާރުއަޅުއްވާފައިވާ ކަމައްޓަކައި އެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ރޯދަ ހިފުންވެސް ހިމެނޭކަމުގައި ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ.

އަދި ކީރިތި ރަސޫލާ صلى الله عليه وسلم ޙައްޖުމަހުގެ ނުވަދުވަހު ރޯދަހިއްޕެވިކަމަށް ވާރިދުވެފައިވެއެވެ. އަދި މިޔާއެކު ކީރިތި ރަސޫލާ صلى الله عليه وسلم އެދުވަސްތަކުގައި ރޯދަ ހިއްޕަވަނިކޮށް ދެކެވަޑައިގެންފައި ނުވާކަމަށް ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެފައިވާ ޞައްޙަ ބަސްފުޅެއްވެސް ވާރިދުވެފައި ވެއެވެ. އެކަމަނާގެ މި ބަސްފުޅަށް ޖަވާބު ދެއްވައި ޢިލްމުވެރިން ގެންނަވާ ޙުއްޖަތްތަކުގެ ތެރޭގައި ރޯދައިގެ އަޅުކަމަކީ ބޭރުފުށަށް ފެންނަ އަޅުކަމެއް ކަމުގައި ނުވުމާއި އެދުވަސްތަކުގައި އިތުރު އެކަލޭގެފާނު ރޯދަ ހިއްޕަވަނިކޮށް ޢާއިޝާ رضي الله عنها އަށް ފެނިވަޑައިގެންފައި ނުވުމަކީ އެކަލޭގެފާނު ރޯދައަށް ނުހުންނަވާކަމުގެ ދަލީލެއް ކަމުގައި ނުބެލެވޭނޭކަމަށް ވިދާޅުވެއެވެ. އަދި އެދުވަސްތަކުގެ ތެރެއިން ބައެއް ދުވަސްދުވަހު އިތުރު އެކަލޭގެފާނު ރޯދަ ހިއްޕަވާފައިނުވުންވެސް އެކަށީގެންވާ ކަމުގައި އެބޭކަލުން ދެކެލައްވައެވެ.

ވީމާ، ޙައްޖު މަހުގެ މިމާތް ދިހަ ދުވަހުގެ ތެރެއިން އަޟްޙާ ޢީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ރޯދައަށް ހުރުމަކީ ނުހަނު އެދެވިގެންވާ ކަމެކެވެ

ޢަރަފާތް ދުވަހުގެ ރޯދަ

ޢަރަފާތް ދުވަހަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރެއިންވެސް ވަކީން ބޮޑަށް މާތްވެގެންވާ ދުވަހެކެވެ. އެދުވަހަކީ ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، ޢަރަފާތުގައި ހުރުމުގެ އަޅުކަން އަދާކުރެވޭ ދުވަހެވެ. އަދި އެދުވަހުގެ މެންދުރުފަހުގެ ވަގުތަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔޭ އުޑަށް ފައިބާ ވޮޑިގެން، ޢަރަފާތު ބިމުގައިވާ އަޅުތަކުންނާމެދު ފަޚުރުވެވޮޑިގެންވާ ވަގުތެވެ.

އެދުވަހާމެދު ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. «مَا مِنْ يَوْمٍ أكْثَرَ مِنْ أَن يَعْتِقَ اللهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ». رواه مسلم މާނައީ: "ޢަރަފާތު ދުވަހަށްވުރެ ގިންނައި މާތް ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ."

ޢަރަފާތް ދުވަހުގެ ރޯދައަށް ޚާއްޞަ ދަރުމަޔާއި ސަވާބެއް ވެއެވެ. ޢަރަފާތް ދުވަހު ރޯދަހިފުމާގުޅޭ ގޮތުން، ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "އެދުވަހު ރޯދަހިފުމަކީ، ފާތިވެދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުއްސެވޭނޭ ކަމެކެވެ."

ޢަރަފާތް ދުވަހުގެ ދުޢާއަކީ އެންމެ ހެޔޮވެގެންވާ ދުޢާއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެންމެ ހެޔޮވެގެންވާ ދުޢާއަކީ ޢަރަފާތް ދުވަހު ކުރެވޭ ދުޢާއެވެ. އަދި އެދުވަހު ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނުގެ ކުރިން ފޮނުއްވުނު ނަބީބޭކަލުން ވިދާޅުވެފައިވާ އެންމެ ހެޔޮ ބަސްތަކަކީ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ އެވެ."

ޢަރަފާތް ދުވަހުގެ ހެޔޮ ކަމަކަމަކީ ހަމައެކަނި ޙައްޖުވެރީންނަށް ޚާއްޞަކަމެއް ނޫނެވެ. އެދުވަހުގެ މެންދުރު ފަހުގެ ވަގުތުގައި ދުޢާކުރުމާއި ޒިކުރު ކުރުމުގައި ވަގުތު ހޭދަކުރުމަކީ ޙައްޖާޖީން ނޫން މީހުންގެ ކިބައިންވެސް އެދިވެގެންވާ ކަމެކެވެ.

އުޟުޙިޔާ ކަތިލުން

އުޟުޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ތިމާގެ ކެރިފޯރުންތެރިކަން ހުރެމެ އުޟުޙިޔާ ކަތިނުލުމަކީ މަކުރޫހަވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "އުޟުޙިޔާ ކަތިލުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ، އުޟުޙިޔާ ކަތިނުލާނަމަ، ޢީދު ނަމާދުގެ ޖަމާޢަތަށް ނާންނަހުށިކަމެވެ." (ރިވާކުރެއްވީ އިމާމު އަޙްމަދެވެ.)

އުޟުޙިޔާ ކަތިލަން ނިޔަތްގެންފައިވާ މީހާ ޙައްޖު މަހުގެ ހަނދު ބެލީއްސުރެ އުޟުޙިޔާ ކަތިލުމަށް ދާންދެން، އޭނާގެ ނިޔަފަތި ކެނޑުމާއި ގައިން އިސްތަށި ކޮށުން ނުވަތަ ބޭލުމުން ދުރުހެލިވުމަކީވެސް ސުންނަތެކެވެ.

އުޟުޙިޔާގެ ގޮތުގައި ކަތިލެވޭނީ ގެރިބަކަރި ޖަމަލުގެ ތެރެއިން އެއްޗެކެވެ. ގެރިޔެއްގައި ނުވަތަ ޖަމަލެއްގައި ހަތް މީހުންނަށް ނުވަތަ ހަތް އާއިލާއަށް ބައިވެރިވުން ހުއްދަވެގެންވެއެވެ. އަދި ބަކަރިއަކުން އެކަކަށް ނުވަތަ އެއް ގޭބިސީއަކަށް ފުދޭނެއެވެ. އެބަހީ؛ އެކުގައި ކައްކައި ކައިބޮއި، ޚަރަދުބަރުދުކޮށް އުޅޭ ޢާއިލާއެއްގައި، އެއްބަކަރި ކަތިލުމުން، އެ އުޟުޙިޔާގެ އަޅުކަމުގައި އެ އެންމެންނަށް ބައިވެރިވެވުނީއެވެ.

އުޟުޙިޔާ ކަތިލުމުގައި ސުންނަތް ވެގެންވަނީ ތިމާ އަމިއްލައަށް ކަތިލުމެވެ. ނުވަތަ ކަތިލާ ތަނަށް ޙާޟިރުވެ އެކަމުގައި ބައިވެރިވުމެވެ. އަދި ކަތިލެވޭ އެތީގެ ބައެއް ކެއުމަށް ބޭނުންކުރުމެވެ. އަދި އެއިން ބައެއް ނިކަމެތިންނާއި ފަޤީރުންނަށް ޞަދަޤާތް ކުރުމެވެ. ހަމައެފަދައިން، އުޟުޙިޔާ ކަތިލުމަށް މީހަކާ ހަވާލު ކުރުންވެސް ހުއްދަވެގެންވެއެވެ. އަދި އެހެން ރަށެއްގައި އެކަން ކުރުމަށް މީހަކާ ހަވާލު ކުރުމަކީވެސް ހުއްދަ ކަމެކެވެ.

ތަކުބީރު ކިޔުމާއި ގިނަ ގިނައިން ޒިކުރު ކުރުން

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ތަކުބީރު، ތަޙުމީދު، ތަހުލީލު ކިޔުން ގިނަ ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ.

އަދި އެނޫން އެހެން ޒިކުރުތައްވެސް ގިނަގިނައިން ކިޔުން އެދެވިގެންވެއެވެ. މިދުވަސްތަކާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ عَلَى مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ" (الحج 28) މާނައީ: "އެއީ އެއުރެންނަށްހުރި މަންފާތައް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން މާތް ﷲ ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ. އަދި ނަޢަމް ސޫފީގެ ނިޢްމަތް އެއުރެންނަށް ދެއްވިކަމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތި ޙާޅުގައިވާ ފަޤީރުންނަށް އެއިން ކާންދޭށެވެ!"

މި ދުވަސްތަކުގައި ދެ ގޮތަކަށް ތަކުބީރު ކިޔުން ވެއެވެ. އެއީ التكبير المطلق އާއި التكبير المقيد އެވެ.

التكبير المطلق އެއީ ވަކި ވަގުތަކަށް ޚާއްޞަވެފައި ނުވާ، މިމާތް ދުވަސްތަކުގެ ހުރިހާ ވަގުތެއްގައިވެސް ކިޔޭ ތަކުބީރެވެ. މި ތަކުބީރުގެ ވަގުތަކީ ޙައްޖު މަސްފެށުނީންސުރެ އައްޔާމުއް ތަޝްރީޤުގެ ތިން ދުވަސް ނިމެންދެންނެވެ.

التكبير المقيد އެއީ ފަރުޟު ނަމާދުތަކުގެ ފަހުގައި ކިޔޭ ތަކުބީރެވެ. މި ތިކުބީރު ފެށެނީ ޢަރަފާތް ދުވަހުގެ ފަތިސްނަމާދުންނެވެ. އަދި ނިމެނީ އައްޔާމުއްތަޝްރީޤުގެ ތިންވަނަ ދުވަހުގެ ޢަޞްރު ނަމާދަށެވެ. އައްޔާމުއްތަޝްރީޤުގެ ތިން ދުވަހަކީ ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަހެވެ.

މި ދުވަސްތަކުގައި ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކަށް ރައްކާތެރިވުމަށާއި ކީރިތި ޤުރްއާން ކިޔެވުމާއި އަދި އެނޫންވެސް ހެޔޮ ޢަމަލު ގިނަ ކުރުމަށް އެދެވިގެންވެއެވެ. އަބާއްޖަވެރިއަކީ މިފަދަ ހެޔޮކަމުގެ ދުވަސްތައް ޣާފިލުކަންމަތީ ނަގައިލާ މީހާއެވެ. ވީމާ، ޣާފިލުކަމުން އެއްކިބާވެ، ބާޖައްވެރީންގެ ތެރެއިން ލައްވައިތޯ ގަދައަޅާ މަސައްކަތް ކުރައްވާށެވެ.