ވާހަކަ

ލޯބިން ބުނެލަން

(23 ޖުލައި 2020 އާ ގުޅޭ)

ލައިތުގެ ލޯބީގައި މުޅި މީހާ ބަދަލުކޮށްލައިފިއެވެ. އެކަމަކު އެއީ ބޭބެއާ ޚިއްޞާ ކުރެވޭ ކަހަލަ ވާހަކައެއްނޫނެވެ. އެ ބޭބެ އޭނާ ފިރިހެނުންގެ ކިބައިން ރައްކާތެރިކުރަން ބޭނުންވާކަން ކެންޒާއަށް އެނގެއެވެ.

* * * * *

އާ ދުވަހެކެވެ. ކާރުން ފޭބި ޔާދިން ނިކަން ހަލުވިކޮށް ކާރުގެ އަނެއްފަރާތަށް އައިސް ކުރީ ދޮރުފަތް ހުޅުވާލިއެވެ. އެއާއެކު އެތެރޭގައި އިން ފިޒާނާ ކާރުން ފައިބައިފިއެވެ. ދޮރުފަތް ލައްޕާލުމާއެކު ޔާދިން ދެން އަވަސްވެލީ ފިޒާނާގެ ފޮށިތައް ކާރުން ބޭލުވުމަށެވެ.

"ގެއަށްތަ؟..." ޔާދިންގެ ގޭ ދޮށުގައި އޮންނަ ޕްރައިވެޓް ޕާކިންގައި ކާރު ބާއްވައި ފޭބުމުން ފިޒާނާއަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އޭނާ ހުންނަން ރަނގަޅު ތަނެއް ނޫނީ ޔާދިން ހަމަޖައްސައި ނުދޭނެކަން ޔަގީންވެފައި ހުރިއިރު، ކުޑަކޮށް ވެސް ހީކުރެވިފައި ނެތީ ޔާދިންގެ އަމިއްލަ ގޭގައި ހުރުމުގެ ފުރުޞަތު ލިބިދާނޭ ކަމެވެ.

"އެ ގޭގަ... އެވެސް މިގޭ ބައެއް." ޔާދިން ދައްކާލީ މަހަލްއާ ޖެހިގެން ހުރި އެގެވަރުގެ އުސް އިމާރާތެވެ.

ފިޒާނާ އުންމީދު ކުރި ގޮތް ނުވީ ނަމަވެސް ހ.މަހަލްއާ ކައިރީގައި އުޅެވުމަކީ ވެސް ކުޑަކަމެއްނޫންކަން އޭނާގެ ޟަމީރު ވިސްނައިދިނެވެ. ޔާދިންއާއެކު ފިޒާނާ ހުންނަން ހަމަޖެހިފައިވާ ގެއަށް ވަންނަން އައެވެ. އޭރު ޔާދިންގެ ފޯނުކޯލަކަށްފަހު އެމީހުންގެ ގޭތަށް އައި އެގޭގެ ޚާދިމަކު ފިޒާނާގެ ފޮށިތައް ގޭތެރެއަށް ވެއްދުމުގެ މަސައްކަތާ ހަވާލުވެއްޖެއެވެ. ގޭގެ މައިދޮރު ޔާދިންގެ ޖީބުންނެގި ކާޑުންނާއި ލޮކްކޯޑު ޖަހާލުމާއެކު ހުޅުވިގެން ހިނގައްޖެއެވެ. އޭނާގެ ކުރިއަށް ފިޒާނާއަށް ވަނުމަށް ފުރުޞަތު ދިނުމަށްފަހު ދޮރު ހުޅުވާލައިގެން ޔާދިން މަޑުކޮށްލީ ޚާދިމު މީހާ ފޮށިތައް އެތެރެއަށް ވައްދަން ދެނެވެ.

އިމާރާތުގެ ބޮޑު އެލެވޭޓާގެ ތެރެއަށް ތިންފޮށި ވެއްދުމާއެކު ޚާދިމު އެތަނުން ފޮނުވާލައިފިއެވެ. ފިޒާނާއަށް ޓަކައި ޔާދިން ޚިޔާރުކުރީ، ތޭރަވަނަ ފަންގިފިލާގައި ހުރި ތިން އެޕާޓްމެންޓުގެ ތެރެއިން ބެލްކަނި ކޮޅަކާއެކު މަގުމައްޗަށްވާ ފަރާތުގައި ހުރި ދެ ކޮޓަރީގެ އެޕާޓްމެންޓެވެ.

"ވާވް!... ދިސް އިޒް ނައިސް..." ތަނަވަސް ސިޓިންރޫމުގެ މެދުގައި ކަހަލަ ގޮތަކަށް ހުއްޓި ހުރެ ވަށައިގެން ބަލާލަމުން ފިޒާނާ ބުނެލިއެވެ. ފަރުމާކޮށްފައިވާގޮތުން ހީވަނީ އެ އެޕާޓްމެންޓަކީ އަންހެންކުއްޖަކަށް ޓަކައި ތައްޔާރުކުރެވިފައިވާ ތަނެއް ހެންނެވެ. ފާރުގައި ހުރި ފްރޭމްތަކާއި، އެލުވާފައިވާ ފަރުދާތަކާއި ދެން ވެސް ފެންނަން ހުރި ސާމާނުތަކުގައި ހުރީ އަންހެން ގޮތެކެވެ.

"ކަމުދޭތަ؟." ފޮށިތައް އެތެރެއަށް ވައްދާ ދޮރުލައްޕާލާފައި ފިޒާނާގެ ގާތުގައި އައިސް ހުއްޓިލަމުން ޔާދިން އަހާލިއެވެ.

"އޯ، އައި ލަވް އިޓް" ހެވިދިލިފައި ޔާދިންއަށް ބަލާލަމުން ފިޒާނާ ބުންޏެވެ.

"ކުރިން މިތަނުގައި ބަޔަކު އުޅުނީތަ؟." ފިޒާނާ އަހާލިއެވެ.

"އާން!... އެކަމަކު މިހާރު ތިފެންނަނީ މުޅިން ނިއު އެޕާޓްމެންޓެއް، މިތާކު ނުހުންނާނެ ބޭނުންކޮށްފައި ހުރި އެއްވެސް އެއްޗެއް، ފިޒާ އަންނަންވާއިރަށް އަހަރެން ހުރިހާ އެއްޗެއް އާކޮށްފަ މިހުރީ. ހެޕީ؟..." ޔާދިން ހިނިތުންވެލިއެވެ. އަވަސްއަވަހަށް ފިޒާނާ ބޯޖަހާލިއެވެ. ޔާދިންގެ އުނަގަނޑުގައި ވައަތް ވަށާލައި ފިޒާނާ ގާތްވެލިއެވެ.

"ތެންކިޔު، ތެންކިޔު ސޯ މަޗް." ފިޒާނާ ބުނެލިއެވެ.

"މިދެން އެވަރު ކަމެއްތަ. ފިޒާ ސައިބޮއެފިންތަ؟. އަހަރެން މަރިއްޔާ ލައްވާ ފްރިޖަށް އެއްޗެހި ލާފައި ހުންނާނީ. ފިޒާ ބޭނުންވީމަ އެއްޗެހި ހަދާލެވޭނީ އޭރުން ދޯ. އިތުރު އެއްޗެއް ބޭނުންވިޔަސް އަހަރެން ގާތު ބުނޭ އިނގޭ." ޔާދިން އައިސް ސިޓިންރޫމާ ގުޅިފައި ހުރި ބަދިގެއަށް ވަދެ ކަބަޑުސެޓާ ގުޅުވާފައި ހުރި އައިސްއަލަމާރި ހުޅުވާލިއެވެ. ފިޒާނާއަށް އަތްދިއްކޮށްލުމުން އެއަތުގެ ތެރެއަށް އޭނާ އައިސް ވަނެވެ. އައިސްއަލަމާރިއަށް ފިޒާނާގެ ނަޒަރު ހިންގާލިއެވެ. މޭވާއާއި ތަރުކާރީއާއި ބިހުގެ އިތުރުން ދެވައްތަރެއްގެ އައިސްކްރީމް ވެސް އޭގައި ހުއްޓެވެ. ދެން ވެސް ފިޒާނާއަށް ކަމުދާނޭހެން ހީވާ އެއްޗެހި ހުއްޓެވެ.

"ދިސް އިޒް ޓޫ މަޗް." އައިސްއަލަމާރީގެ ދޮރުފަތް ލައްޕާލަމުން ޔާދިންގެ އުނަގަނޑުގައި ދެއަތްވަށާލައި އޭނާއާ ކުރިމަތިވާނޭހެން ފިޒާނާ ހުއްޓުނެވެ.

"ފިޒާއެއްނު..." ޔާދިން ބުނެލިއެވެ. ފިޒާނާ މާނަވީ ހިނިތުންވުމަކާއެކު ޔާދިންއަށް ބަލަން ހުރީއެވެ. އޭނާގެ އެ ބެލުމުން ކޮންމެވެސް ގޮތްތަކެއް ޔާދިންއަށް ވާކަން ފިޒާނާ ދެނަހުއްޓެވެ. ނަޒަރު ވަކިކޮށްލަން ފިޒާނާ ބޭނުންނުވީ އެހެންވެއެވެ. އެ ދެ ލޮލުގެ ތެރެއިން އޭނާގެ ހިތާއި ސިކުނޑީގެ އެންމެ ފުނަށް ވާސިލުވުމަށް ފިޒާނާ ފީނަމުން ދިޔަ ކަހަލައެވެ.

"ވަޓް؟..." ރަކިވެގެން ހީނލާފަދައަކުން ޔާދިން ހީނލިއެވެ. ފިޒާނާގެ އުނަގަނޑުގައި އޭނާ ހިފަހައްޓާލިއެވެ. ކޮރައިލުމާއެކު ޔާދިންގެ ކަނދުރާގައި ފިޒާނާގެ ދެއަތްއަޅުވާލުމާއެކު އަވަސްގޮތަކަށް އޭނާގެ ތުންފަތް ޔާދިންގެ ތުންފަތުގައި ޖައްސާލިއެވެ. އެ ކުޑަކުޑަ ހަރަކާތާމެދު ޔާދިން ކަންތައްކުރަނީ ކިހިނެއްތޯ ބަލަން ފިޒާނާ މަޑުކޮށްލިއެވެ.

"ސައިބޮއެފިންތަ؟." ފިޒާނާއާ ދުރަށް ޖެހިލަމުން ޔާދިން އަހާލިއެވެ.

"ކިހިނެއްވީ؟." ފިޒާނާ ސުވާލުކުރިއެވެ.

"ފިޒާ ސައިބޯން ބޭނުންނަމަ ގޮތެއް ނިންމަން އެނގޭނީ އޭރުންނު." ޔާދިން ބުންޏެވެ.

"ކީއްވެ ދުރަށް ދިޔައީ؟." ފިޒާނާ ކުރިން ކުރި ސުވާލުގެ މަޤްޞަދު އޭނާ ހާމަކުރިއެވެ. ފިޒާނާއާ ނަޒަރު ސީދާކޮށްލައި ޔާދިން ހިނިތުންވެލިއެވެ.

"ކަމެއްނުވޭ... ދެން ތިހެން ނުބަލަބާ..." ފިޒާނާގެ ގާތުގައި ހުއްޓިލައި އޭނާގެ ކޯތާފަތުގައި އެއްއަތުން ފިރުމާލަމުން ޔާދިން ބުންޏެވެ. އެންމެރަނގަޅޭ ބުނެ އެއްބަސްވާ އުސޫލުން ހިނިތުންވެލައިގެން ހުރި ފިޒާނާ މަޑުމަޑުން ބޯޖަހާލިއެވެ.

"ސައިބޮއެގެން ޔާދު ދާނީތަ؟. މަޑެއްނުކުރާނަންތަ؟." ފިޒާނާގެ ހަރަކާތްތައް ހުރި ގޮތުން ހީވަނީ ޔާދީން ދާން ބޭނުންނުވެގެން އުޅޭހެނެވެ. އެކަން ޔާދިން ނަގައިގަތެވެ.

"ފަހުން އަންނާނަން. އޮފީހަށް ނުގޮސް ނުވާނެ." ފިޒާނާއާއެކު ވަގުތު ހޭދަކުރުމަށް އޭނާގެ ޒިންމާތައް އެއްފަރާތްކުރުމުގެ ވިސްނުމެއް ޔާދިންގެ ނެތެވެ. އެއަށްވުރެ އޭނާއަކީ ހަރުދަނާ ވިސްނުމެއްގެ ޒުވާނެކެވެ.

"އާދޭ އަހަންނާއެކު ބްރެކްފަސްޓް ތައްޔާރުކުރަން... ޔާދު ސައިބޯންވާނެ." ޔާދިންގެ ކަނާއަތު އިނގިލިތަކުގެ ތެރެއަށް ފިޒާނާގެ އަތްތިލަ ހެޔޮވަރުކޮށްލައި ދަމާލިއެވެ. އޭނާގެ އެ ހަރަކާތާ ދެކޮޅު ހެދުމެއް ޔާދިންގެ ނެތެވެ.

* * * * *

ބިއްދޮށްފަރާތު ދޮރުން ކެންޒާއާއެކު ލައިތު ނުކުތްތަން ސަރަފީނާއަށް ފެނުނެވެ. އޭނާގެ ފިޔަވަޅު ހުއްޓުމަކަށް އައީ ލައިތުގެ ތުންފަތުގައިވި ހިނިތުންވުމާއި އޭނާ ކެންޒާއަށް ދޭ ނަޒަރުންނެވެ.

"ސަރާ..." އަސަދު ގޮވާލިއެވެ. އަނބިމީހާ ކުއްލިއަކަށް ހުއްޓުނީމައެވެ.

"ދުށީންތަ؟... ނުކުމެގެން ދިޔަ ލައިތު..." އަސަދަށް ބަލާލި ސަރަފީނާގެ މޫނުން ފާޅުވަނީ ހައިރާންކަމެވެ.

"ހޫމް... ދުށިން..." ލުއި ހިނިތުންވުމަކާއެކު އަސަދު ބޯޖަހާލީއެވެ. ސަރަފީނާގެ ހައިރާންކަންވީ އިތުރެވެ. ފެނުނު މަންޒަރުން އަސަދަށް އެއްވެސް އަސަރެއް ކުރިހެން ހީނުވާތީއެވެ.

"ރޫމާން!." އަޖައިބުވެ ހުރެ ސަރަފީނާއަށް ގޮވާލެވުނެވެ.

"ލައިތު އެހެން އުޅެނިކޮށް ސަރާ ދުށީންތަ؟." ކާކޮޓަރިއަށް ނުވަދެ އަނބިމީހާއާއެކު އަސަދު މަޑުކޮށްލީއެވެ.

"އެކަމަކު... ރޫމާން... އެ އަންހެންކުއްޖާ..." ސަރަފީނާއަށް ފެނުނު މަންޒަރާމެދު ނިންމަންވީ ގޮތެއް ނޭނގިފައިވާ ކަހަލައެވެ.

"ސަރާއަށް އެ ދެކުދީން ކަމުނުދަނީތަ؟." އަސަދު އަނެއްކާ ވެސް ކުރީ ސުވާލެކެވެ.

"މީ ކިހިނެއް ހިނގާ ކަމެއްކަން އެނގޭތަ؟. ލައިތު ކުޅޭ ކުޅިވަރަކަށް ނުހަދާނެތަ؟. ކަމެއް ގޯސްވެއްޖެނަމަ މަންމަ ހިތްހަމަނުޖެހޭނެ، އެ އަންހެންކުއްޖާ މަސައްކަތް ދޫކޮށްލާފައި ހިނގައިދާނެތީ ކަންބޮޑުވަނީ. އަހަރެމެންގެ ތެރެއަށް ހޭނިފައި ނެތަސް އޭނާގެ ހުރޭ އަހަންނަށް ކަމުދާ ގޮތެއް، ލައިތުގެ ހަޤީޤީ ބޭނުން ނޭނގޭތި މައްސަލައަކީ. ރޫމާންއަށް އެ ދެ ކުދީން އެކުގައި މިނޫނަސް ފެނިފަ ހުރިހެން ހީވޭ. އަހަންނަށް ނޭނގޭ ކަމެއް އޮތީތަ؟. އެހެންވިއްޔާ ކިޔައިދީބަލަ." ފަޓުލުލޫނުގެ ދެ ޖީބަށް އަސަދުގެ ދެއަތް ކޮށްޕާލައިގެން ހުރިއިރު އެތަނުން ވައަތުގެ މުލައްދަނޑީގައި ސަރަފީނާގެ ކަނާއަތްތިލަ ޖައްސާލިއެވެ.

"ކެންޒާއަކީ ފިރިހެނުން ސަމާސާކުރާނޭ އަންހެންކުއްޖެއް ވައްތަރެއްނުޖަހާ، އެ އަންހެންކުއްޖާގެ ގާތުގައި ލައިތު ހުއްޓާ ފެންނައިރު އެއީ އަހަރެމެންނަށް އެނގޭ ލައިތޭ އެކަކު ވެސް ނުބުނާނެ، އޭނާ ވަރަށް ހަމަޖެހިފައި ހުންނަނީ ކެންޒާ ގާތު، ހެނދުނު ކެންޒާ އަންނަންވާއިރަށް އޭނާ ބަދިގެއަށް ދާކަން އަހަރެން ދެނަހުރިން. ކެންޒާގެ ކުރިމަތީ އޭނާ ގިނަގިނައިން ހިނިތުންވާތީ އަހަރެން ދުށީން. ސެހްރާނަށް އެ ދެކުދީންގެ ދެމެދުގައި އޮންނަ ގުޅުން އެނގޭހެން ވަރަށް ބޮޑަށް ހީވޭ. ލައިތު ކަމެއް ޚިއްޞާކުރިޔަސް ކުރާނީ ސެހެރާނާ... އަހަރެމެންނަށް އެނގޭނީ އެންމެފަހުން، އެހެންވިޔަސް ލައިތު އެ އަންހެންކުއްޖާ ބަލައިގަނެފިކަން ޔަގީން، އަހަރެން ގަސްދެއްނުކުރަން އެ ދެމެދަށް ވަންނާކަށް، ވަރަށް އަޖައިބުވޭ ލައިތު ފެނިފަ، އެކުއްޖާއަށް ކެންޒާ ކަމުދާނޭ ހިތަށް ވެސް ނާރާ." އަސަދަށް ހީނލެވުނެވެ.

"އަހަރެން ވެސް އަޖައިބުވީ އެހެންވެ، އެކުއްޖާގެ ހިނިތުންވުން އަހަރެން ނުދެކެން... ރޫމާން ބުނިހެން ކެންޒާގެ ގާތުގައި ހުރީ މުޅިން އެހެން ލައިތެއް ފަދަ، ރޫމާން އެ ކުދީންގެ ދެމެދަށް ހުރަސްއަޅަން ނެތިއްޔާ އަހަރެން ބަހެއްނުބުނާނަން. ހިތަށް އަރަނީ ލައިތު ދިރިއުޅުމެއް ފެށިޔަސް، އޭނާ ގެންގުޅޭ ވަކިވުމުގެ ޚިޔާލު ދޫކޮށްލައި އަހަރެމެންނާއެކު އުޅޭނެނަމައޭ. ހުރިހާ ކުދީން މީހުންނާ އިނދެ ދަރީން ލިބި، އެކުދީން ބޮޑެތިވާތަން އަހަރެންގެ ލޯ ކުރިމަތިން ދުށުމުގެ ނަސީބު ލިބޭނެނަމައޭ." ސަރަފީނާ ބުންޏެވެ.

"އަހަރެން ހީކުރިން މަންމަ ވަގުތުން މަނާކުރާނޭ ކެންޒާއާ ބައްދަލުކުރުން ލައިތަށް، އެކަމަކު މަންމަ ވެސް ހީވަނީ ލައިތުގެ ފުށުން ފެންނަ ބަދަލާ މެދު ހިތްހަމަޖެހިފައި ހުރީހެން. މަންމައަށް ކެންޒާ ވަރަށް ކަމުދޭ. ސަރާ!، ޔާދިން ބުނި ރޯޅިބައިގެ އެޕާޓްމެންޓެއް ނެގި ވާހަކަ، އެއީ ކިހިނެއްވާކަމެއްތޯ ބެލިންތަ؟. ސަރާ ގާތު ބިނީމޯ... އެހެންވެ އަހަރެން އެހާ ސުވާލުނުކުރީ." ދައްކަމުންދިޔަ ވާހަކައިގެ މެދުތެރެއިން އެހެންކަމެއް ހަނދާންވެގެން އަސަދު ފާހަގަކޮށްލިއެވެ.

"ޔާދިންގެ ގާތް ރަޙުމަތްތެރިއަކު ހުންނާށޭ ބުނީ، އެކުއްޖާ ކަމަކު އެކީ އަދިކިރިޔާ، އެހެންވެ އަހަރެން ވެސް އެއީ ކާކުތޯ ނާހަން، މާ ސުވާލު ގިނަވެއްޖެނަމަ އަހަރެމެން އެ ދަރިފުޅަށް އިތުބާރުނުކުރަނީއޭ ހީވެދާނެ. ލައިތުއާ ދެބެން މިހާރު ވެސް ތަފާތު ކުރަނީއޭ ހީވެފައި ޔާދިންއަށް އޮންނަނީ. އެއްވެސް ފިސާރި ދަރިއެއް. ރޫމާންގެ ހުންނަ ގޮތްދޫނުކުރާ ގޮތް އެކުދީންނަށް ލިބިފައި އެވަނީ." ސަރަފީނާ ބޯހޫރާލިއެވެ. އަނބިމީހާ ބުނެލި ގޮތުން އަސަދަށް ހީނގަނެވުނެވެ. އަދި އަނބިމީހާގެ ކޮނޑުގައި ހިފައި އަސަދާ ގާތްކޮށްލިއެވެ.

ކަރުކެހެލި އަޑުއިވިގެން ދެމަފިރިން ފަހަތް ބަލާލީ އެކީގައެވެ. ދެންމެ ފެންވަރައިގެން ނުކުމެ ހުރި މީހަކު ފަދައިން ޖިނާނު ހުއްޓެވެ. އިސްތަށިގަނޑުގައި އެއްވެސް ތަރުތީބެއް ނެތެވެ. ކޮނޑުކެނޑިއާއި ސޯޓުބުރީގައި ގޭގައި އުޅޭ ފައިވާނުގައި ޖިނާނު ހުއްޓެވެ.

"އަޅެ ދަރިފުޅަށް ހިޔެއްނުވޭތަ ދުވަހަކަށްވުރެ ދުވަހެއް މަންމަ ޒުވާންވާހެން." ޖިނާނު އައިސް އެއްވަރު ކުރުމުން އަސަދު ބުންޏެވެ. އެހިނދު އަސަދުގެ ބަނޑުގައި މަޑުމަޑުން ސަރަފީނާ ޖަހާލިއެވެ.

"ޑޭޑް... އިޓްސް ބްރޯޑް ޑޭލައިޓް... ސްޓޮޕް ފްލާޓިން ވިތް މަމް." ޖިނާނު ބުނެލިއެވެ. ހީނގަންނަމުން ދަރިފުޅުގެ ފަހަތުން ސަރަފީނާއާއެކު އަސަދު އައިސް ކާގެއަށް ވަނެވެ. ސަރަފީނާއާއި އަސަދުގެ ދެމެދުގައި އޮންނަ ގާތްކަމަކީ ކުދީންނަށް އާކަމެއްނޫނެވެ. ބައްޕަ އެކުދީންގެ މަންމަދެކެ އަދިވެސް ލޯބިވާކަން ފާޅުކުރުމަކީ އެކުދީންގެ މެދުގައި ވެސް މައިންބަފައިންނަށް ޚާއްޞަ ގަދަރެއް ދެވިފައިވާ ކަމެކެވެ.

ގޭޓު ކައިރީ މަޑުކޮށްލަމުން ކެންޒާގެ އަތުގައި ލައިތު ހިފާލިއެވެ. އޭނާއަށް މަގުމަތިން ޔާދިންގެ ކާރު ފެނުމުން ގޭދޮށުގައި ހުންނަ ސެކިއުރިޓީ މީހާ ގާތުން ޔާދިން އައީތޯ ސުވާލުކޮށްލިއެވެ. މައްސަލައެއް ދިމާވެގެން ރަނގަޅުކުރަން ގަރާޖަށް ކާރު ލީގޮތަށް އޭގެ ޚަބަރު ބެލުން އޭނާ ހަވާލުކުރީ އާރިކާއެވެ. ޔާދިންއަކީ އޮފީހުން ގެއަށް އަންނަ ގޮތަށް ބޭރަށް ދާނޭ މީހެއްނޫންވީމާ، މިވީ ދެތިން ދުވަހު އޭނާ އުޅުނީ ޔާދިންގެ ކާރުގައެވެ. އެހެންވެ މިއަދުވެސް ސެހްރާނު ކައިރީ ބުނެގެން ޔާދިންގެ ކާރުގެ ތަޅުދަނޑި ހޯދަން ލައިތު ގަސްދުކުރިއެވެ. އޭނާއާއި ޔާދިން ގެންގުޅެނީ އެއްކަހަލަ ކާރަށްވާތީ ފަރިތަކަމާއެކު ކެންޒާ ގޮވައިގެން އޭނާއަށް ދަތުރުކުރެވޭނެތީއެވެ. އެކަމަކު ޔާދިން ގެއަށް ނާންނަކަމުގައި ސެކިއުރިޓީ މީހާ ބުނުމުން އެ ޚިޔާލު ޖެހުނީ ދޫކޮށްލާށެވެ. ހަމައެއާއެކު ކާރު ގޭ ދޮރުމަތީގައި އޮތްއިރު ޔާދިން ގެއަށް ނުވަދެ ދިޔައީ ކޮންތާކަށްތޯ ލައިތު ސުވާލު އުފެދުނެވެ. ނަމަވެސް ކެންޒާއަށްވުރެ މުހިންމު އެއްވެސް ކަމެއް އޭނާއަށް ނެތުމުން، ޔާދިން ވީ ބޭކާރު ޚިޔާލަކަށެވެ. އާދައިގެ މަތިން ގޭގެ ބޮޑު ކާރުގައި ނަސީމު އައުމުން އޭގައި ކެންޒާ ކޮލެޖަށް ދާން ނައްޓާލީއެވެ.

"ޒުބިން ކޮބާ؟." ކާގެއަށް ވަން ލައިތުގެ ސަމާލުކަން އަސަދުގެ އަޑަށް ދެވުނެވެ. ގޮނޑީގައި އިށީންނަން އަންނަމުން އޭނާގެ ނަޒަރު ލައިރާއަށް ހުއްޓުނެވެ.

"ވަޒީފާގެ ކަންތަކުގައި ދިޔައީ." ލައިރާ ބުންޏެވެ.

"ސައިބޮއެގެންދާން މަޑުކުރުވިނަމަ." ކަސްތޫރީ ބުންޏެވެ.

ލައިރާ އެއްވެސް އެއްޗެއް ނުބުނެ ހިމޭންވެފައި އިނީއެވެ. ދަރިފުޅުގެ އެ ހިމޭންކަމުން ސަރަފީނާ ކަމެއް ދެނެގަތެވެ. ޔާދިން ވެސް ނެތްކަން ފާހަގަކުރަމުން، ލައިރާއަށް ހުއްޓިފައިވި ސަމާލުކަން އެހެން ދިމާއަކަށް ސަރަފީނާ އަނބުރާލީ ގަސްދުގައެވެ. އޭނާ ބޭނުންވިގޮތްވިއެވެ.

"ހިނގާބަލަ ދަތުރެއް ރާވަން. އަންކަލްގެ އެއްކަލަ ކޮޓެޖު ހުންނަ ރަށަށް ނުދާތާ ކިހާ ދުވަހެއްވެއްޖެ. އެންމެން އެކީ މަޖާކޮށްލަން ވެސް ވަގުތު ހުސްކުރަންވާނެއެއްނު." ކާމޭޒުދޮށުގައި އިނދެފައި ސެހްރާނު ފެށިއެވެ. ޖިނާނު ހީވީ އޭނާ ނުފަށައިގެން އިންހެނެވެ. ވަގުތުން ސެހްރާނާ އެއްބައިވެލިއެވެ.

"މާމައަކަށް ލޯންޗަކަށް ނޭރޭނެ، އެކަމަކު ތިކުދީން ރާވަންވީނު... ތެދެއް އަސަދު އެރަށުގެ ކަންކަން ކިހިނެއްތަ؟. އެތަން ހުރީ ރަނގަޅަށްތަ؟." ކަސްތޫރީ އަހާލިއެވެ.

"ޔާދުބެއާއި ޒިންބެގެ ފައިޓެއް ހިންގާލައިގެން ލާސްޓްމިނެޓްގަ ހުރިހާ ކަމެއް ފަނިކޮށްލާނެ، އެ ދެމީހުންނަކީ ހުރިހާ ސެލެބްރޭޝަނެއް ފަނިކުރާ ދެމީހުން... އެމީހުން ނުލާ ދަތުރު ރާވަންވާނީ." ޖިނާނު ބުންޏެވެ.

"ޖިނާނު އެކަނި ދާންވީނު." ލައިތު ބުނެލިއެވެ. އެއާއެކު ނިކަން އަވަހަށް ސެހްރާނު ވާހަކަދެއްކިއެވެ.

"އިލީ އައިފަހުން އެކަހަލަ މަޖާކަމެއް އަދި ނުބޭއްވޭ... ޒުބިން އައީމަ، ގޭގަ އެންމެން ހަމަވެއްޖެ." ސެހްރާނު ބުނެލިއެވެ.

(ނުނިމޭ)