މީޑިއާ އާއި ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ގޮތަށް އިންތިޒާމްތައް ރާވަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފި އެވެ.
އެ ކައުންސިލުގެ ބަޔާނެއްގައި ބުނެފައި ވަނީ ހަމަ ހަމަކަމާއި އިންސާފުވެރި ކަމާއެކު ނޫސްވެރިކަމުގެ މަސައްކަތް ކުރުމުގެ ފުރުސަތު މީޑިއާ އާއި ނޫސްވެރިންނަށް ލިބޭކަން ކަށަވަރު ކުރުމަކީ އެ ކައުންސިލުގެ ޒިންމާއެއް ކަމަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މިނިވަން ނޫސްވެރިކަމާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތަކާއި އެ ނޫން ވެސް އެފަދަ ބައެއް ހަރަކާތްތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ވަކި ވަކި މީޑިއާ އިދާރާތަކަށް ތަފާތުކުރުން ގެންގުޅޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އަދި މި މަހުގެ 26 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމް / ޕީއެންސީ އިން ބޭއްވި މުޒާހަރާ ކަވަރު ކުރަން ދިޔަ ނޫސްވެރިންނަށް ވެސް ފުލުހުންގެ ފަރާތުން ހުރަސް އެޅި ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި މުޒާހަރާގެ މަންޒަރު ނުފެންނަ ހިސާބަށް ނޫސްވެރިން ދުރަށް ޖައްސައި ކަވަރު ކުރަން ހުރަސް އެޅެފަދަ ކަންކަން ކުރިމަތިވި ކަމަށް ވެސް ބުނެފައި ވެއެވެ