ހަބަރު

ނޫސްވެރިންނަށް ހުރަސް ނޭޅުމަށް ގޮވާލައިފި

މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހުރަސް ނޭޅުމަށް މޯލްޑިވްސް ޖާނަލިސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.

އެމްޖޭއޭ އިން މިއަދު ބުނީ، އިދިކޮޅު ފަރާތްތަކުން އިއްޔެ ކުރި މުޒާހަރާގައި ބައެއް ނޫސްވެރިންނަށް އަނިޔާވާގޮތަށް ފުލުހުން އަމަލުކޮށްފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ މުޒާހަރާ ކަވަރުކުރަމުން ދިޔަ ޗެނެލް13ގެ ނޫސްވެރިޔެއް ކަމަށްވާ މުހައްމަދު ޝަހީމަށް މުޒާހަރާ ކަވަރުކުރުމަށް ހުރަސްއަޅައި އަދި ފުލުހުންގެ ފަރާތުން އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން މުޒާހަރާ ހިނގަމުން ދިޔަ ވަގުތު "މެސޫކް ރެސްޓޯރެންޓް" ތެރެއަށް ފުލުހުން ވަދެ ދެ ނޫސްވެރިޔަކު އެތަނުން ގަދަކަމުން ނެރެ އެމީހުންނަށް އަނިޔާކޮށްފައިވާ ކަން ވެސް އެޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ. އެމީހުން އެވަގުތު ތިބީ ނޫސްވެރިންކަމުގެ ފާސް ވެސް އަޅައިގެންނެވެ.

ވަކި މީޑިއާތަކަކަށް އަމާޒުކޮށް، އެމީޑިއާތަކުގެ ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅައި އަނިޔާކޮށްފައިވާތީ އެޖަމިއްޔާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެއިތުރުން، މުޒާހަރާތައް ކަވަރުކުރުމަށް ހުރިހާ މީޑިއާތަކުގެ ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ދިނުމަކީ އެޖަމިއްޔާއިން އެދޭ ކަމެއް ކަމަށް ވެސް ބުންޏެވެ.

އިއްޔެގެ މުޒާހަރާގައި އަނިޔާވި ޗެނެލް13ގެ ނޫސްވެރިޔާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.