ޕީޕީއެމް

ރޭގެ މުޒާހަރާއިން ހައްޔަރުކުރި 17 މީހުން ދޫކޮށްލައިފި

Mar 12, 2023

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ފުލުހުން ހައްޔަރުކުރި 17 މީހުން ދޫކޮށްލައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މާލޭގައި ސިލްސިލާކޮށް ބާއްވާ މުޒާހަަރާގެ ތެރެއިން ފުލުހުން ރޭ ވަނީ 17 މީހަކު ހައްޔަރުކޮށްފަ އެވެ.

މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ.

މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ސެނެޓަރުން ހިމެނެ އެވެ. އަދި އަންހެނުންގެ ވިންގްގެ މެންބަރުންވެސް ރޭގެ މުޒާހަރާއިން ފުލުހުން ހައްޔަރުކުރި އެވެ.

ވ. އާރަށުގެ މައްސަލައިގައި ހިމެނޭ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއި ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވަނީ "ހަރާމު ހުކުމެއް" ކަމަށް ބުނެ ޔާމީން މިނިވަންކުރުމަށް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ.