ހަބަރު

މުޒާހަރާގައި ނޫސްވެރިންނަށް އަނިޔާވުން ކުށްވެރިކޮށްފި

އިދިކޮޅު ދެ ޕާޓީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަޕޯޓަރުން "އިންސާފު ކޮބާ؟" ގެ ނަމުގައި އިއްޔެ އާއި ރޭ ކުރިޔަށް ގެންދިޔަ މުޒާހަރާތަކުގައި ބައެއް ނޫސްވެރިންނަށް އަނިޔާވި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ކިޔާ ނޫސްވެރިންގެ ޖަމިއްޔާއަކުން ކުށްވެރިކޮށްފި އެވެ.

މުޒާހަރާގެ ތެރެއިން އަނިޔާވެފައި ވަނީ ޗެނެލް 13 ގެ ނޫސްވެރިންތަކަކަށެވެ.

އެމްޖޭއޭ އިން ބުނީ މުޒާހަރާގެ ތެރެއިން ފުލުހުންގެ ސަފުގައި ޖެހި ޗެނަލް 13 އިގެ ނޫސްވެރިޔަކު ބިންމައްޗަށް ވެއްޓި، އެ ނޫސްވެރިޔާއަށް އެހީވާން ދިޔަ ހަމަ އެ އިދާރާގެ އެހެން ނޫސްވެރިޔެއްގެ ލޮލަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހިކަމުގެ މައުލޫމާތު އެ ޖަމިއްޔާއަށް ލިބިފައިވާ ކަމަށެވެ. އެކަމާ އެ ޖަމިއްޔާ ކަންބޮޑުވާ ކަމަށެވެ.

ފުލުހުންގެ ފަރާތުން ހުރިހާ ނޫސްވެރިންނަށް އެއް އިރުޝާދުތަކެއް ދިނުމާއެކު މުޒާހަރާ ސަރަހައްދުތަކުގައި ނޫސްވެރިންގެ ކަންކަން ބެހެލެއްޓުމަށް ފުލުހުންގެ މީޑިއާ ހާޒުރުވެ ތިބުމަށް އެދިފައި ވެއެވެ. އަދި ކައިރިން މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރުމުގެ ހައްގު ނޫސްވެރިންނަށް ދޭން ގޮވާލާ ކަމަށެވެ.

އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ ޗެނެލް 13 ގެ ޗީފް އޮަރޭޓިން އޮފިސަރާއި ޑެޕިއުޓީ ސްޓޭޝަން މެނޭޖަރާއި ނިއުސް ހެޑް މަރިޔަމް އިސްދާ އިސްމާއިލަށް މުޒހަރާގައި އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށެވެ.

އަދި ބުނީ، ނޫސްވެރިންގެ ވާޖިބުތައް އަދާ ކުރުމުގައި ނޫސްވެރިންނަށް ދިމާވާ ހުރަސްތައް ނައްތާލަން މަސައްކަތް ކުރުމަކީ އެ ކައުންސިލުގެ ޒިންމާއެއް ކަމަށާއި، އެ މުޒާހަރާގައި ކަން ހިނގާ ދިޔަ ގޮތް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ގޮވާލާ ކަމަށެވެ.

އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އިއްޔެ ވަނީ 11 މީހަކު ހައްޔަރު ކޮށްފަ އެވެ. ނަމަވެސް މިހާރު އެފަރާތްތައް ވަނީ ދޫކޮށްލާފަ އެވެ. އަދި މުޒާހަރާ ރޫޅައިލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާފަ އެވެ.