(26 ޖުލައި 2020 އާ ގުޅޭ)
"ޔާދުބެއާއި ޒިންބެގެ ފައިޓެއް ހިންގާލައިގެން ލާސްޓްމިނެޓްގަ ހުރިހާ ކަމެއް ފަނިކޮށްލާނެ، އެ ދެމީހުންނަކީ ހުރިހާ ސެލެބްރޭޝަނެއް ފަނިކުރާ ދެމީހުން... އެމީހުން ނުލާ ދަތުރު ރާވަންވާނީ." ޖިނާނު ބުންޏެވެ.
"ޖިނާނު އެކަނި ދާންވީނު." ލައިތު ބުނެލިއެވެ. އެއާއެކު ނިކަން އަވަހަށް ސެހްރާނު ވާހަކަދެއްކިއެވެ.
"އިލީ އައިފަހުން އެކަހަލަ މަޖާކަމެއް އަދި ނުބޭއްވޭ... ޒުބިން އައީމަ، ގޭގަ އެންމެން ހަމަވެއްޖެ." ސެހްރާނު ބުނެލިއެވެ.
"ހުރިހާ ކުދީން ގޭގައި ހަމަވީ އަދިކިރިޔާ، މިހާރު ރަނގަޅު އެކަހަލަ ކަމެއް ރާވާލަން." ސެހެރާންގެ ޚިޔާލާ އެއްކޮޅަށް ސަރަފީނާ ވެސް ވާހަކަދެއްކިއެވެ.
"ހުރިހާ ދަރީން އެކޮޅަށް ދިއުމުގެ ކުރީން އަސަދު ބަލާތި އެތަނުގެ ހާލަތު އޮތްގޮތް، ތަންހުރީ ރަނގަޅަށްތޯ." ކަސްތޫރީ ބުންޏެވެ.
"އެތަނުގައި ދޭތެރެއަކުން ގެސްޓުން ތިބޭކަމަށް ގަފޫރު ބުނި، އަދިވެސް ހަމަ ވަރަށް ވަރުގަދަކޮށް އެތަން ހުރީ، އެއްވެސް ގެއްލުމެއްނެތް ލިބިފައެއް، މޫދަށް އަޅާފައި އޮތް ކުޑަ ފާލަން ވެއްޓިގެން އަލުން އާ ފާލަމެއް އެޅި ވާހަކަ ގަފޫރު ބުނި، އަނެއްކާ މޫދުކުޅިވަރުގެ އާލާތްތައް ވައްދައި ބޮޑު ސެންޓަރެއް ހުޅުވިތާ އަދި އަހަރުނުވޭ، އެކޮޅުގައި ފޫހިވާނޭ ވަގުތެއް ނުވާނެ، އެ ރަށުގަ އޮންނަ ބޮޑު ތުނޑިއާއި މޫދު ވެސް ހާދަ ރީއްޗޭ." އަސަދަށް ބުނެވުނެވެ.
"ޔާދިން ކޮބާތަ؟. ޖިނާނު، ދަރިފުޅާ... ބޭބެއަށް ގުޅޭތޯ ބަލާބަލަ." ކަސްތޫރީ ބުންޏެވެ.
ޔާދިންގެ ކާރު ގޭކައިރީ އެބައޮތޭ ބުނަން ލައިތުގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ޔާދިންއާ ގުޅިގެން އެއްޗެކޭ ބުނަން ބޭނުންނުވެގެން އޭނާ ހިމޭންވެ އިނީއެވެ. އެވަގުތު ވާހަކަދައްކަންފެށީ ސަރަފީނާއެވެ. ޔާދިންގެ ގާތް ރަޙުމަތްތެރިއަކު މާލެ އަންނާތީ ވަރަށް ފަތިހާ އޭނާ ހޭލައިގެން އުޅުނުކަން ސަރަފީނާ ބުންޏެވެ. އަދި ޖެހިގެން ހުރި ބައިން އެޕާޓްމެންޓެއް ޔާދިންގެ އެދުމަށް އޭނާގެ ރަޙުމަތްތެރިޔާއަށް ކުއްޔަށް ދޫކުރެވިފައިވާކަން ވެސް ކަސްތުރީއާ ސަރަފީނާ ޚިއްޞާކުރިއެވެ.
"އެހެންވީމަ އޭނާ އެބުނާ މީހަކާއެކު އެބައިގަވީމަ، ދޮރުމަތީ ކާރު އޮތީ..." ލައިތުގެ ހިތަށް އެރިއެވެ. އެއާއެކު އަނެއްކާ ވެސް އަމިއްލަ ކާރުގެ މަތިން ލައިތު ހަނދާންވެއްޖެއެވެ. ކޮންމެހެން ވެސް އާރިކު ލައްވާ އެ ކާރަށް ވީގޮތެއް ބަލަން އޭނާ ނިންމިއެވެ. ލައިގެން ހުރި ދުވާ ހަރުވާޅުގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވެލުމުން ލައިތު ފޯނު ނަގާ ބަލާލިއެވެ. އައިފެލް ޓަވަރު ކައިރީ ހުރެ ހިރާ ނަގާފައިވާ ފޮޓޯއެކެވެ. ތުންކޮޅު އޫކޮށްލައިގެން ދެރަވެފައި ހުރި ގޮތް ހިރާގެ މޫނުން ދައްކާލައިގެން ހުއްޓެވެ. ލައިތުގެ މަތިން ހަނދާންވާކަން ފޮޓޯގައި ލިޔެފައި އޮތެވެ. އޭގެ ކެޕްޝަންގައި ލައިތުގެ ކިބައިން މަޢާފަށް އެދިފައި އޮތެވެ. އޭނާ ދަތުރު ނިންމާފައި އައިސް އަދި އެއްފަހަރު ދެމީހުން ހަމަޖެހިގެން ވާހަކަދައްކަން ބޭނުންވާކަމުގައި ހިރާ ބުނެފައި އޮތެވެ. އިރުކޮޅަކު އެ މެސެޖަށް ބަލަން ލައިތު އިނެވެ. ޖީބަށް ފޯނު ކޮށޕާލިއިރު ވެސް އެ މޫނުން އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ.
* * * * *
ޔާދިންއަށް ހިނިތުންވާން ދަސްވީ އަދިކިރިޔާ ކަހަލައެވެ. އޮފީހުގެ މޭޒުދޮށުގައި އޭނާއަކީ ސީރިއަސް މީހެކެވެ. އަމިއްލަ ދިރިއުޅުމުގެ ކަމަކާ އޭނާ ވިސްނާނަމަ އެ ސިކުނޑީގައި އަބަދުމެ އޮންނަ ޚިޔާލަކަށް ވަނީ ކުންފީނީގައި ލައިތުގެ ގޮނޑި ހޯދުމުގެ ވިސްނުމެވެ. އެކަމަކު މިއަދު މޭޒުދޮށުގައި އިން ޔާދިންއަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ސިކުނޑީގެ ހުރިހާ ދިމާއެއްގައި ވަނީ ފިޒާނާގެ ސޫރައެވެ. ތުންފަތް އިރުއިރުކޮޅުން ދެމިލައެވެ. އާދަޔާ ޚިލާފަށް ގިނައިން ހިނިތުންވެވޭކަން އެނގި ދެތުންފަތް ބައްދާ ފިއްތާލިއެވެ. ނަމަވެސް އިޚްތިޔާރެއްނެތް ފަދައިން ދެތުންފަތުގެ ހިމަކޮޅުން ދެމިލާ ދެމިލުން ނުހުއްޓުވުނެވެ.
ފިޒާނާގެ ލާނެތް ސަމާސާތަކަށް ޔާދިންއަށް ކެތްކުރަން ދައްޗެވެ. އެ އަންހެންކުއްޖާއާއެކު ނަހަމަ ގުޅުމެއް ހިންގުމުގެ އޭނާގެ ގަސްދަކީ ހަޔާތުގެ ހަމައެކަނި ބައިވެރިޔާގެ މަޤާމަށް ފިޒާނާ ގެނައުމެވެ. ވީހާ އަވަހަކަށް ކައިވެނިކުރުމެވެ. ފިޒާނާ ޚާއްޞަވީ ދުވަހުން ފެށިގެން ޔާދިންގެ ދިރިއުޅުމާ އެ އަންހެންކުއްޖާ ގުޅިފައިވާ ކަހަލައެވެ. މުސްތަޤުބަލަށް ޓަކައި އޭނާގެ ހިތުގައި ރޭވި ކޮންމެ ރޭވުމެއްގައި އެ އަންހެންކުއްޖާ ޝާމިލުކުރެއެވެ. ނަމަވެސް ދެމީހުން ވަކިވާން ޖެހުނީ ހީނުކުރާ ގޮތަކަށެވެ. ލައިތުއާއި ފިޒާނާ ބައްދަލުވާން ޔާދިން ނޭދެނީ އެހެންވެއެވެ.
* * * * *
ސައިމޭޒުދޮށުން ސެހްރާނުގެ ޚިޔާލަށް އެންމެ ބޮޑު ތާޢީދެއް ކުރާނީ ލައިރާކަމުގައި ސަރަފީނާއާއި އަސަދު ހީކުރިއެވެ. ނަމަވެސް ދަރިފުޅުގެ ހިމޭންކަމާއި އެ ދެ ލޮލުން ފާޅުވާ ވަރުބަލިކަން ސަރަފީނާއަށް ބުނެދިނީ އޭނާ ދަންނަ ވާހަކައެކެވެ.
"ސަރާ، އަހަރެން ޓައީ..." ރީތިވާ ބައިގައި ހުރި އިސްކޮޅުވަރުގެ ބޮޑު ލޯގަނޑު ކުރިމަތީ އަސަދު ހުރެފައި ބަލާލީ ސަރަފީނާ ޓައީ ދިއްކޮށްނުލައިގެންނެވެ.
"ކޮން ޚިޔާލެއްގައި؟." އަސަދުގެ ކަރަށް ޓައީ ހެޔޮވަރު ކޮށްލަމުން އަހާލިއެވެ.
"ޒުބިންއާ ބައްދަލުކޮށްފިންތަ؟." ސަރަފީނާ އަހާލިއެވެ.
"އޯ!... އެކަން އަދި ނުވޭ، އަހަރެންގެ މައްސަލަ..." ނިކަން އަވަހަށް އަސަދު ބުންޏެވެ.
"އެ ދެކުދީންގެ ދެމެދުގައި މައްސަލައެއް ޖެހިއްޖެއް... ހަމަޔަގީން... ރޫމާންއަށް ފާހަގައެއްނުވޭތަ އަހަރެމެން ލައިރާގެ ހިމޭންކަން، ހުރިހާ ކުދީންނަށްވުރެ އޭނާގެ އަޑު ގަދަވާނެ، ސެހެރްއާއެކު އަބަދުވެސް އެންމެ ކުރީގައި ހުންނާނީ ލައި، އެކަމަކު މިއަދު އަނގައިން ވެސް ނުބުނޭ... އަހަރެމެންނާއެކު މޭޒުދޮށުގައި އެ ދަރިފުޅު އިނަސް، އެކުއްޖާ ހީވަނީ އެހެންކަމަކަށް ގެއްލިފައި އިންހެން." ސަރަފީނާގެ އަޑުގައި ކަންބޮޑުވުމާއި ހާސްކަން އެކުލެވިފައިވިއެވެ. އަސަދު ޓައީ ހެޔޮވަރުކޮށްލުމަށްފަހު އަނބިމީހާއާ ކުރިމަތިލިއެވެ. އަސަދުގެ ޓައީ ހުރީ ރަނގަޅަށް ވިޔަސް އާދައިގެ މަތިން ސަރަފީނާ އެ ޓައީ ރަނގަޅުކޮށްލަ ދިނުމަށް އަތްލިއެވެ.
"ސަރާ ވާހަކަދައްކަންވީނު، ކަމެއްވެގެން އުޅޭނަމަ، ޒުބިންއަށްވުރެ އަހަރެމެންގެ ދަރިފުޅު ގާތުން އޮޅުންފިލުވުން ރަނގަޅުކަމަށް އަހަންނަށް ފެންނަނީ. ހިޔެއް ބޮޑުކަމަކަށްވާނޭހެން، ޒުބިންއަކީ އަހަރެންގެ ނަޒަރުގައި ވަރަށް ހަރުދަނާ ޒުވާނެއް. އޭނާ އެ ދެމައިންއާމެދު ގޯސްކޮށް ކަންތަކެއް ނުކުރާނެ. ކޮންމެވެސް އެހެންކަމެއް ކަންނޭނގެ ތިއުޅެނީ." ސަރަފީނާގެ ކޯތާފަތުގައި އަސަދުގެ ކަނާއަތްތިލަ ޖައްސާލިއެވެ.
"އަދި އެއްކަންތައް، ފަރުޒީނު ބުނި ލައިތު ބޭސް ހުއްޓާލި ވާހަކަ. ރޫމާން ތިހެން ނުހުރެ އެކުއްޖާއާ ވާހަކަދައްކަބަލަ. އަޑުނޭހިޔަސް، ރުޅި އަޔަސް ރޫމާން ތީ ބައްޕައޭ، ދަރީންނަށް ރޫމާން ހުއްޓުވިގެން ނުވާނެ... މަންމަ ހުރިހާ ދުވަހަކު އެ ދަރިފުޅު އަހަރެމެންނާ ވަކިވެގެން ދިޔަކަ ނުދޭނެ. ރޫމާން ވެސް ތިހުންނަނީ މޭގަ ރިއްސާއިރު ވެސް ޑަކްޓަރަށް ދައްކަން ހިތައް ވެސް ނާރާ. ރޫމާންއަށް ގޮތެއް ވެއްޖެނަމަ އަހަރެން ކިހިނެއް ހަދާނީ؟... މަންމައަށް ކިހިނެއްވާނީ؟... ޔާދިންއާއި ލައިތުގެ ދެމެދަށް އަހަރެން ވަނަސް އެއްކަމެއް ވެސް ނުކުރެވޭނެ. އެ ދެބެން ހުއްޓުވާނީ އަހަރެން ކިހިނެއް؟." ސަރަފީނާގެ ކޯތާފަތުގައިވި އަސަދުގެ އަތްތިލާގައި ފިރުމާލިއެވެ.
"ސަރާ މާބޮޑަށް ތިވިސްނަނީ، ލައިއަށް ވެގެން އުޅޭގޮތެއް ނޭނގިގެން ތިވަރަށް ހާސްވެފައި ތިހުރީ، އަހަރެންގެ ސިއްޙަތަށް އަހަރެން ބަލަމޭ... ސަރާ ހާސްނުވެބަލަ. އެ ދެބެން އަދި އެއްގަލަކަށް އަރާނެ، ކޮންމެވެސް ދުވަހަކުން ސެހްރާނު އެކުދީންނާ ހެދިގެން އުޅޭހެން އެ ދެބެން ވެސް އަދި އުޅޭނޭ ދުވަހެއް އަންނާނެ، މާބޮޑަށް ފިކުރުނުކުރޭ... އަހަރެންނަށް ދެފައި މައްޗަށް މިހުރެވެނީ އަހަންނާއެކު މިހާ ދުވަހު ސަރާ ހުރީމަ." ސަރަފީނާގެ ނިތްކުރީގައި އަސަދު ބޮސްދިނެވެ.
"ހިނގާ އަހަރެން ފޮނުވާލަން..." އަސަދު ބުނެލިއެވެ. ދެމަފިރިން އެކުގައި ހިނގައިގަތެވެ.
އެޕާޓްމެންޓްގެ ދޮރު ހުޅުވުނު ކަމެއް ވެސް ލައިރާއަށް ނޭނގެއެވެ. ސިޓިންރޫމުގައި ހުޅުވާފައި ހުރި ޓީވީއިން މަންޒަރު ފެންނަމުން ދިޔަ ނަމަވެސް އަޑެއް ނީވެއެވެ. އެއްފަރާތުގައި އޮތް ކެހެރިގަނޑެއް ފަދަ ބޮޑު ރަގުމަތީ ކުޅާ އެއްޗިހިތައް އޮއްސާލައިގެން ކުދި ބުޅާތައް ގޮވައިގެން އިލިޔާނާ އުޅެއެވެ. އިލިޔާނާގެ ކަންކަން ބެލެހެއްޓުމަށް ލައިރާއަށް އެހީތެރިވާ ޚާދިމު އަންހެންކުއްޖާ ސަމަންތާ ވެސް ދެފައި ވަށްކޮށްލައިގެން އިލިޔާނާ ކައިރީ އިނެވެ. ސޯފާގެ ކައިރިއަށް ސަރަފީނާ އައިސް ހުއްޓިލީއިރު ކޮފީ މޭޒަށް ދެފައި ނަގައި އެއްފައިގަ އަނެއްފައި އަޅުވާލައިގެން ލައިރާ އިނީ ކަމަކަށް ގެއްލިފައެވެ. އުނގުގައި އޮތް އިސްކަންދަރުގެ ދިގު ކެހެރިގަނޑުގައި އެއްވަރަކަށް ފިރުމާލަ ފިރުމާލާ އިންއިރު ލައިރާ އޭނީ ޓީވީއަށް ގެއްލިފައި ނޫންކަން ސަރަފީނާއަށް ބުނަން އެނގުނެވެ. ސަމަންތާއަށް ފެނި ތެދުވަސް އުޅުމުން ސަރަފީނާ އަތުން އިޝާރާތްކޮށްލީ އޭނާ އިންގޮތަށް އިންނާށޭ ބުނާ ފަދައިންނެވެ. އެހެންވިޔަސް އިލިޔާނާއަށް ސަރަފީނާ ފެނުން ލަސްވީއެވެ. އެކުއްޖާ ފުންމައިގެން ތެދުވުމާއެކު ދުވެފައި ސަރަފީނާގެ ގާތަށް އަތުވެއްޖެއެވެ. އެކަން ވެސް ލައިރާއަށް ފާހަގަނުވިކަން ސަރަފީނާ ދެނެގަތީ ލައިރާ ހަރަކާތެއްކޮށްނުލީމައެވެ. އިލިޔާނާ އުރާލައި އެކުއްޖާގެ މޫނުން ދޮންނެގުމަށްފަހު ކުޅެން ފޮނުވާލިއެވެ. އަދި ސަރަފީނާ އައިސް ލައިރާ އިން ސޯފާގައި އިށީނދެއްޖެއެވެ.
"މަންމާ!..." ލައިރާ އެނގުންވީ ދެނެވެ.
"ހިނގާބަލަ ކޮޓަރިއަށް." ދަރިފުޅުގެ ފައިގަ ފިރުމާލަމުން ސަރަފީނާ އެދުނެވެ.
އުނގުމަތީ އޮތް އިސްކަންދަރު ނަގައި ސޯފާ އަތްގަނޑުމައްޗަށް ލާފައި ލައިރާ ތެދުވިއެވެ. މަންމަ ގޮވައިގެން ކޮޓަރިއަށް އައިސް ވަނެވެ. އެއާއެކު ސަރަފީނާ ކޮޓަރީގެ ދޮރު ލައްޕާލިއެވެ.
"ކިހިނެއްވީ މަންމާ؟." ސަރަފީނާގެ ހަރަކާތްތައް ހުރި ގޮތުން ލައިރާއަށް އަހާލެވުނެވެ.
"ލައި ބުނެބަލަ ވީގޮތެއް. މަންމަ ވެސް އެނގެން ބޭނުން." ސަރަފީނާ އައިސް ލައިރާގެ ގޮނޑިގައި އަތްޖައްސާލައި އެނދުގައި ދެމައިން އެކުގައި އިށީނދެއްޖެއެވެ. ލައިރާ ވާހަކަނުދައްކާ ގިނައިރުވާން ފެށުމުން ސަރަފީނާ ވާހަކަދެއްކިއެވެ.
"ޒުބިންއާ ދެކުދީން މައްސަލަ ޖެހުނީތަ؟. ލައިއަށް ކަމެއްވެއްޖެ. މަންމައަށް ހަމަ ޔަގީން. މަންމައާ ޚިއްޞާއެއް ނުކުރާނަންތަ؟. ޒުބިންއާ ވަކިން މާލެ އައިއިރު ވެސް ދަރިފުޅަށް ކަމެއްވެއްޖެހެން މަންމައަށް ހީވި، އެކަމަކު އޭރު ވެސް މިހާރު މިފެންނަ ފަދަ ހިމޭންކަމެއް ދަރިފުޅުގެ ފުށުން މަންމަ ނުދެކެން، ޒުބިންއާއި އިލީ އެކުގައި ފެންނައިރު ވެސް ދަރިފުޅެއް ނުފެނޭ..." ސަރަފީނާ ހާމަކުރި ކަންކަމާ ދެކޮޅު ހަދަން ލައިރާ ބޭނުންވިއެވެ.
"ކަމެއްނުވޭ..." ދޮގެއް ހެދިއިރު މަންމައާ ނަޒަރު ސީދާކޮށްލާނޭ ހިތްވަރެއް ލައިރާގެ ނެތެވެ.
"ނުވާނެ، ކަމެއްވެއްޖެ... ތީ މަންމަގެ ހުރި ހަމައެކަނި އަންހެން ދަރިއަކީ، މިގޭ އެންމެންނަށް ވެސް ނުލާހިކު ޚާއްޞާ ކުއްޖެއްތީ، އެންމެން ވެސް ލައިދެކެ ވަރަށް ލޯބިވޭ، ދަރިފުޅު ކަމަކާ ދެރަވެގެން އުޅޭހެން މަންމައަށް ހީވަނީ. ޒުބިންއަކީ ދަރިއެއް ގޮތުގައި މަންމަ ދުށް ނަމަވެސް ތީ މި މަންމަގެ ހަޤީޤީ ދަރިއަކީ، މި ޢާއިލާގެ ކުއްޖަކީ ތީ. ކީއްވެ ލައި ނުބުނަން ތިއުޅެނީ؟. މަންމަ ޒުބިންއާ ވާހަކަދައްކަންވީތަ؟." ސަރަފީނާގެ އަނގައިގަ ފަހުބަސް އޮއްވާ އޭނާގެ އަތުގައި ލައިރާ ހިފާލިއެވެ. ހީވީ މަންމަގެ އެ ނިންމުން ހުއްޓުވަން ގަސްދުކޮށް އަތުގައި ލައިރާ ހިފީ ހެންނެވެ.
"މަންމާ..." ލައިރާގެ އަޑުގައި ހުރި ނުތަނަވަސްކަމުގެ އަސަރު ސަރަފީނާއަށް އިޙްސާސް ކުރެވުނެވެ. ލައިރާގެ ކޯތާފަތުން ތިރިއަށް ދެމިލި ކަރުނައިގެ ރޮނގު ފެނުނީ ދެނެވެ.
"ލައި ރޮނީތަ؟. ވީގޮތެއް މަންމައަށް ކިޔާދީބަލަ." ހާސްކަން އިންތިހާއަށް ދިޔަ ސަރަފީނާ އަވަސްއަވަހަށް ދަރިފުޅުގެ ކޯތާފަތް ފުހެލަދިނެވެ.
"ޑިވޯސްވާން ނިންމައިފިން." ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު ލައިރާ ބުންޏެވެ. ލިބުނު ސިހުމުގައި ސަރަފީނާގެ ނޭވާ ވެސް ހުއްޓުނު ކަހަލައެވެ. ނަމަވެސް ނުހަނު އަވަހަށް އޭނާގެ ހިތާއި ސިކުނޑީގެ ހަރަކާތްތައް އެނބުރި އަތުވެއްޖެއެވެ. ދަރިފުޅުގެ ދަތްދޮޅީގައި ހިފާލައި އިސް އުފުލުވިއެވެ. ހަތަރުކަޅި ބައްދަލުކުރުވިއެވެ. މަޑުރަތްކަމާއެކު ލައިރާގެ ދެ ލޯ ފުރިބަންޑުންވަނީއެވެ.
"ކިހިނެއްވީ؟... ކީއްވެ؟... ވަރިއަކީ އެންމެ ފަހުގެ ކަންތައް... ދަރިފުޅު ލޯތްބެއްނުވޭތަ ޒުބިންދެކެ؟" ދަރިފުޅުގެ ދުލުން އިވުނު ބަސްތައް ޤަބޫލުކުރަން ސަރަފީނާއަށް ދަތިވެފައި އިން ކަހަލައެވެ.
"އެންމެންނަކީ އެކުގައި އުޅެވޭނޭ ބައެއްނޫން." ރޮވިފައި އިނދެ ލައިރާ ވާހަކަދެއްކިއެވެ.
"ތީގެން މަންމަ މާނަކުރަންވީ ކީކޭތަ؟.... މަންމައަކަށް ނުވިސްނޭ... ލޯބިވެގެން ނޫނަސް، ދެކުދީންގެ ވެސް ރުހުމުގައި ކުރެވުނު ކައިވެންޏެއްމީ، އިލީ!... ދެމަފިރިން ދުރުވުމުން ދަރިފުޅަށް ވާނޭ ގޮތަކާމެދު ވެސް ވިސްނަން ޖެހޭނެ، ލައި... މަންމައަށް ރަނގަޅަށް ސާފުވާނޭހެން ކިޔާދީ، ކޮބާ މައްސަލައަކީ؟... ކިހިނެއްވެގެން ވަރިއާ ހަމައަށް ދާން ޖެހުނީ. ތި ދެކުދީންގެ ނިންމުންތަ، ނޫނީ ތީ އެކެއްގެ ނިންމުންތަ؟." ސަރަފީނާގެ ދޫ ހަލުވިވެފައި އަވަހެވެ. ލިބިފައިވާ ހާސްކަމާއި ކަންބޮޑުވުމެއްގެ ސަބަބުންނެވެ.
"ކައިވެންޏާ މެދު ރުހޭތޯ މަންމަމެން އެހީ އަޅުގަނޑު ގާތުގައި، ތެދެއް... އަޅުގަނޑު ހުރީ ރުހިގެން... ޒުބިންގެ ކަމުނުދާ އެއްވެސް ސިފައެއް ހުރީކީނޫން، މަންމަމެން އޭނާގެ ރުހުން ހޯދިންތަ؟." ލައިރާގެ ސުވާލުން ސަރަފީނާއަށް ލިބުނީ ހައިރާންކަމެވެ.
"ޒުބިން ގާތު މަންމަމެން އެ ސުވާލުކުރުން މުހިންމުކަމަކަށް ނުދެކެން. ދަރިފުޅާ ކައިވެނި ކުރަން އެވާހަކަ ދެއްކީ އެމީހުން، ހާރޫންބެއާއި ޔުމްނާގެ ހުރިހާ ކުދީންގެ ތެރެއިން އެންމެ ރަނގަޅު ކުއްޖަކީ ޒުބިންނޭ، ބޭބެ އަޒްހަރު ވެސް ބުނި، އެމީހުން ވެސް މަންމަމެން ފަދައިން ޒުބިން ގާތު އަހާފައި ނޫނީ ކައިވެނި ކަހަލަ ބޮޑު ނިންމުމެއް ނުނިންމާނެ، އެހެންވެ މަންމަމެން ސުވާލުކުރުމުގެ ބޭނުމެއްނެތީ. ކޮންމެ މީހަކު ވެސް އެމީހެއް ދަރިފުޅަށް ހޯދައިދޭން ބޭނުންވަނީ ވަރަށް ފުރިހަމަ ބައިވެރިއެއް. ޒުބިންއަށް ޓަކައި އެމީހުން ލައި ޚިޔާރުކުރީ އެފަދަ މާތް މަޤްޞަދެއް ކަމުގައި މަންމަ އަބަދުވެސް ހީކުރީ." ސަރަފީނާ ބުންޏެވެ.
"މި ޢާއިލާއަކީ އެހެން ޢާއިލާތައްފަދަ އާދައިގެ ޢާއިލާއެއްނޫން، ތިމާގެވުމަކީ އެންމެންނަށް އިތުބާރުކުރަންޖެހޭ ސަބަބެއް ވެސް ނޫން. ކުރެވޭ ހީތަކަށް ބަރޯސާވާންވެއްޖެނަމަ ހަޤީޤަތް އޮޅޭނެކަން ޔަގީން... އަޅުގަނޑު ވެސް ހީކުރީ... ކައިވެނި ކުރެވުނީމަ ހުރިހާ ކަމެއް ބަދަލުވާނޭ، އެކުގައި އުޅެންފެށުމުން ހާލަތު ބަދަލުވާނޭ، އެކަމަކު ހަޤީޤަތް އޮތީ އޮތްގޮތަށް، އެއްވެސް ކަމެއް ބަދަލެއްނުވި. މަންމާ، މީ އަޅުގަނޑަށް ހުރިގޮތް... މިވާހަކަ ނުބުނާކަށްނޫން، ބުނަން ނުކެރިގެން ހުރީ... މަންމައާއި ބައްޕަގެ އުންމީދުތައް ފުނޑުފުނޑުވެދާނޭތީ، ޢާއިލާ ގުޅުންތަކަށް ލޮޅުންއަރާފާނެތީ... އެއީ މަންމަ ލޯބިވާ ބައެއް، މަންމަގެ ޢާއިލާ..." ލައިރާއަށް ރޮވެންފެށުނު ގޮތަށް ހުއްޓައެއް ނުލެވުނެވެ. ޚާއްޞަކޮށް މަންމަގެ ކުރިމަތީގައި ހުރިހާ ވާހަކައެއް ކިޔައިދޭން ވުމުން އެހިތަށް ވަނީ މާ ބޮޑަށް އަސަރުކޮށްފައެވެ. ނުބުނެ މަޑުކުރީ އަދި ދުވަސްކޮޅަކު ޒުބިންއާއެކު އުޅެން ލައިރާ ބޭނުންވާތީއެވެ. އެކަމަކު ޒުބިން އެވަނީ ލައިރާއާ ދުރަށް ނުދެވިގެން ކެތްތެރިކަން ކުޑަވެފައެވެ. އޭނާ އެދޭ މިނިވަންކަން ނުލިބިގެންނެވެ. ޒުބިން ނިންމީ ވަރީގެ ކަންތައް ހަމަޖެހެންދެން ވެސް އޭނާ ދެން ހުންނާނީ އަމިއްލަ މައިންބަފައިންގެ ގޭގައި ކަމެވެ. އިލިއާނާ ކުޑަޔަސް އެ ދަރިފުޅަށް ވިސްނައިދެވޭނެ ކަމުގެ ޔަގީން ޒުބިންގެ ވެއެވެ. ނަމަވެސް އޭނާއާ ދުރުގައި އުޅުމުގެ ހިތްވަރު ނެތީ ލައިރާގެއެވެ.
"ޒުބިން ބޭނުންނުވަނީތަ ދަރިފުޅު؟... އިލީއާ މެދު ވެސް އޭނާ ނުވިސްނާތަ؟." ސަރަފީނާއަށް އަހާލެވުނެވެ. ލައިރާގެ ރުއިން ގަދަވިއެވެ. އިލިއާނާގެ ހަޤީޤަތަކީ ކޮބާކަން މަންމަ ގާތު ބުނާނޭ ގޮތެއް ނޭނގުނެވެ. ނުބުނުމަކީ ވެސް ހައްލެއްނޫންކަން ލައިރާގެ ޟަމީރު ވިސްނައިދިނެވެ. އެހެންވިޔަސް މީހެއްގެ އަނތްބެއްގެ ގޮތުގައި ހުރެ ފިރިމީހާއަށް ސިއްރުކޮށް ކަންކަން އޮޅުވާލިގޮތް ކިޔާދިނުން ލަދުވެތި ވާހަކައަކަށްވަނީއެވެ.
"ލައި، ބަލަ ދަރިފުޅޫ!... މަންމައަށް މުހިންމީ ލައި، ދަރިފުޅުގެ ބައްޕައާއި މާމައާއި، ފަރުޒީން އާންޓީއާ، މިގޭގައި މިއުޅޭ ކުދީން... މީ މަންމަގެ ޢާއިލާ، އެންމެނަށްވުރެ ވެސް މަންމައަށް މުހިންމު ބަޔަކީ މީ، ދެން ނުރޮއެ ހުއްޓާލަބަލަ، ތެދުވާހަކައެއް، ޒުބިންއާ މެދު މަންމައާއި ބައްޕަ ދުށީ، އެއީ ވަރަށް ވިސްނޭ ހަރުދަނާ ޒުވާނެއްގެ ގޮތުގައި، މިކައިވެންޏާ މެދު އޭނާ ޤަބޫލުނޫންނަމަ މިހާރަކުނޫންހެން މަންމައަށް ހީވަނީ ވަރިވާން އުޅެންވާނީ. އިލީ އެހުންނަނީ އޭނާގެ ބައްޕައާ ހެދި މޮޔަވެފަ، އެވަރު ވެސް ޒުބިން ވިސްނާނުލީތީ ދެރަވެއްޖެ." ސަރަފީނާއަށް ވެސް ވަނީ ބަޔާންކުރަން ދަތި ހިތްދަތި އަސަރުތަކެއް ކޮށްފައެވެ.
"އިލީ... އިލީ އެއީ... ޒުބިންގެއެއްނޫން..." މޫނުގައި ދެއަތް އެޅުމާއެކު ގިސްލެވިފައި އިން ލައިރާ ބުންޏެވެ.
(ނުނިމޭ)